ރަޖަނީ ޑީޕޯޓްކުރީ ގާނޫނާ ޚިލާފުވެ ވެރިމީހާ އަށް ފިލައިގެން އުޅުމުން
ރަޖަނީ ޑީޕޯޓްކުރީ ގާނޫނާ ޚިލާފުވެ ވެރިމީހާ އަށް ފިލައިގެން އުޅުމުން

މާލޭގައި "ރިޓްޒް ބިއުޓީ ސެލޫން" ހިންގި ރަޖަނީ ޝްރެސްތާ ޑީޕޯޓްކުރީ ހުއްދަ ނެތި ވިޔަފާރި ކުރުމުގެ އިތުރުން ވެރިފަރާތަށް ފިލައިގެން އުޅުމުން ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

ރަޖަނީ ޑީޕޯޓްކުރީ އޮޅުވާލައިގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލަރު، މުހައްމަދު ޝައްމާން "މިހާރު" އަށް ވިދާޅުވީ ރަޖަނީ ރާއްޖޭގައި އަމިއްލައަށް ވިޔަފާރިކުރާ ކަމަށް ފުލުހުންނާއި އިމިގްރޭޝަނުގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިގެން، އޭނާ ގެނެސް ސުވާލުކުރުމުން އެކަމަށް އެއްބަސްވެފައިވާ ކަމަށެވެ.

"އޭނާ ކުރާ ވިޔަފާރިތަކާއި އެ ކުރާ ގޮތާއި ފައިސާ ފޮނުވާ ގޮތާއި ހުރިހާ ކަމަކަށް އެއްބަސްވެފައިވާ ފަރާތެއް،" ކޮންޓްރޯލަރު ވިދާޅުވި އެވެ.

ޝައްމާން ވިދާޅުވި ގޮތުގައި ނޭޕާލަށް ނިސްބަތްވާ ރަޖަނީ ރާއްޖޭގައި އުޅުނީ އޭނާ ގެނައި މީހާއަށް ވެސް ފިލައިގެންނެވެ.

"އޭނާ ރާއްޖެ ގެނައި އެމްޕްލޯޔާއަށް ފިލައިގެން އުޅޭތީ އެމްޕްލޯޔާ މިސިން ރިޕޯޓުކޮށްފައިވާ ފަރާތެއް އެއީ. ދިވެހިރާއްޖޭގައި ބިދޭސީން މިގޮތަށް ވިޔަފާރިކުރާކަށް ގާނޫނުން ޖާގައެއް ނުދޭ،" ޝައްމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގެއްލިގެން އުޅޭ ކަމަށް ރިޕޯޓްކޮށްފައި ވަނިކޮށް ހޯމް މިނިސްޓްރީން ވޯކް ޕާމިޓެއް ދުލެއް ނުކުރާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ވެރިފަރާތަށް އޭނާ ގެއްލިގެން އުޅޭ ކަން ލޭބާ ރިލޭޝަންސް އޮތޯރިޓީން އިމިގްރޭޝަނަށް އަންގާފައެއް ނުވެ އެވެ. އެގޮތަށް އަންގާފައިވާ ބައެއް ކޭސްތަކުގައި، ހާއްސަ ވިސާއެއް ދީފައި ހުރެ އެވެ.

ވެރިފަރާތަށް ފިލައިގެން ގޮސް ރަޖަނީ ފަހުން މަސައްކަތް ކުރީ އެހެން ސެލޫނެއްގަ އެވެ. އެތަނަކީ ބިދޭސީން ގެނައުމުގެ ކޯޓާ ގެންނަން ހުއްދަ ދޫކޮށްފައިވާ ތަނެއް ނޫން ކަން ވެސް ވަނީ ކަށަވަރުވެފަ އެވެ. އެ ސެލޫނުން ދޭ ހިދުމަތުގެ ފައިސާ ވެސް ރަޖަނީ ޖަމާކުރުވަމުން ދިޔައީ ބިދޭސީއެއްގެ އެކައުންޓަށް ކަމަށް ވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުގައިވާ ޕޯސްޓުގައިވާ ގޮތުން ރަޖަނީ ޑީޕޯޓްކުރީ އޭނާ ގެނައި ފަރާތުން މުސާރަ ނުދޭތާ އެތައް މަހެއް ވެގެން، އެހެން ތަނަކަށް ވަޒީފާ ބަދަލުކުރުމުގެ ކަންކަން ކުރަމުންދިޔަ ދަނޑިވަޅެއްގަ އެވެެ.

އެކަން ކުރީ އޭނާއަށް ވަޒީފާ ދިން ފަރާތުން އިމިގްރޭޝަނުގެ އޮފިސަރަކާ ގުޅިގެން ކަމަށާއި އެ އޮފިސަރު ވަނީ ސެލޫންގައި ރަޖަނީ ހުންނާނެ ގަޑި ބެލުމަށް އޭނާއާ އެކު އެޕޮއިންޓްމަންޓް ހައްދާފައި ކަމަށް ވެސް ތުހުމަތުކުރެ އެވެ.

އެކަމަކު އިމިގްރޭޝަން ވޮޗަށް ލިބޭ މައުލޫމާތާ ގުޅިގެން އާންމުކޮށް ވެސް އެއީ އޮފިސަރުން އަމަލުކުރާ ގޮތް ކަމަށްވެ އެވެ. ސަބަބަކީ ތުހުމަތުކުރެވޭ ފަރާތް އެ ތަނުގައި ހުރިތޯ ޔަގީން ކުރުމަށް އިމިގްރޭޝަންގެ ތަހުގީގީ ޓީމުން އަމަލުކުރާ ގޮތެވެ.

އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ރަޖަނީ ގެންދިއުމާ އެކު އޭނާ ވަނީ ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ވެސް އެ މައްސަލަ ހުށަހަޅައިފަ އެވެ. ޑީޕޯޓުކޮށްފައި ވަނީ އެ މައްސަލަ ބަލަމުން ދަނިކޮށް ކަމަށް ވެސް ސޯޝަލް މީޑިއާގައި ދައުރުވާ ޕޯސްޓުގައިވެ އެވެ.

ރަޖަނީ މަސައްކަތް ކުރަމުންދިޔަ ރިޓްޒް ސެލޫންގެ ޓިކްޓޮކްތަކުން ދިވެހިންގެ މެދުގައި ވެސް އެތަން މަގުބޫލެވެ.

ރަޖަނީ ރާއްޖެ އައިސް ފެބްރުއަރީ 2020 ގައި ވަނީ އިސްލާމްވިކަން އިއުލާން ކޮށްފަ އެވެ. އޭގެ ފަހުން އޭނާގެ ނަން ބަދަލުކޮށްފައި ވަނީ އައިޝަތު ރިޒްގިން އަށެވެ.