27 އޯގަސްޓް 2024 - 09:36

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި 42 އަހަރު ވަންދެން ހިދުމަތް ކުރައްވާފައިވާ އާއިޝަތު ނޫރައްދީން (އައިސްތު ނޫރައްދީން) އެ ކުންފުނީގެ ބޯޑުން މިދިޔަ އާދިއްތަ ދުވަހު އިސްތިއުފާ ދެއްވައިފި އެވެ.
ބީއެމްއެލް އިން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނީ، އޮގަސްޓް 31، 2020 ގައި ބޯޑަށް އައްޔަން ކުރެއްވި އައިޝަތު ނޫރައްދީން ކުރެއްވި އަގު ހުރި މަސައްކަތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ. ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ވެސް މިހާރު ހުންނެވި އައިޝަތު ނޫރައްދީން މީގެ ކުރިން ވެސް އެކި ފަހަރު މަތިން އެ ބޭންކުގެ ބޯޑު މެމްބަރުކަން ކުރެއްވި އެވެ.
އޭނާ މިދިޔަ އާދިއްތަ ދުވަހު ބީއެމްއެލްގެ ބޯޑުން އިސްތިއުފާ މި ދެއްވީ އޭނާ އެ ބޯޑުން ވަކިކޮށްފައިވާ ކަން މިދިޔަ ހުކުރު ދުވަހު ޕީސީބީން އަންގާފައި ވަނިކޮށެވެ. އެކަމަކު، ބީއެމްއެލްގެ ބޯޑުން މީހުން އައްޔަންކޮށް ވަކިކުރުމުގެ ބާރު ޕީސީބީ އަށް ނުލިބެ އެވެ. ބީއެމްއެލްއަކީ އާންމުންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާތީ އެ ތަނުގެ ބޯޑަށް މީހުން އައްޔަންކޮށް ވަކިކުރެވޭނީ ހިއްސާދާރުންގެ އާންމު ޖަލްސާއަކުންނެވެ.
އެހެންވެ، ބީއެމްއެލްގެ ބޯޑުން އައިޝަތު ނޫރައްދީން ވަކިކުރިކަން ޕީސީބީން ކުރިން އަންގާފައިވީ ނަމަވެސް އެއީ ގާނޫނީ ސުވާލު އޮތް ކަމެކެވެ.
ބީއެމްއެލްގެ ބައެއް ޑިރެކްޓަރުން މިދިޔަ ޖެނުއަރީ މަހު ވެސް ޕީސީބީގެ ސިޓީއަކުން ވަކިކުރި އެވެ. އެކަމަކު، އެއީ ގާނޫނީ ގޮތުން ޕީސީބީ އަށް ކުރެވޭނެ ކަމަކަށް ނުވާތީ އަލުން އެ ބޭފުޅުން އައްޔަންކުރި އެވެ. ފަހުން އެ ބޭފުޅުން ބޯޑުން ވަކިކުރީ ބީއެމްއެލްގެ އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމަކުންނެވެ.
އައިޝަރު ނޫރައްދީނަކީ އެ ބީއެމްއެލްގައި މިހާރު ދެ ވަނަ އަށް އެންމެ ގިނަ ދުވަސްވީ ބޭފުޅާ އެވެ. އޭނާ އެ ބޭންކާ ގުޅިވަޑައިގަތީ 1982 ގަ އެވެ.