28 ފެބުރުއަރީ 2017 - 14:41

މާލޭގެ ދެ ސަރަހައްދަކުން އިންޑިއާގެ ޓާޓާ ހައުސިން އަށް ދިން ދެ ބިމުގައި، އެތައް އަހަރެއް ފަހުން، މިއަދު ބިންގާ އެޅި އިރު، އެ ފްލެޓްތައް 4.5 މިލިއަނާއި ހަތް މިލިއަނާ ދެމެދުގެ އަގުތަކެއްގައި ވިއްކަން ނިންމައިފި އެވެ.

ސޯސަން މަގުގެ އުތުރު ކޮޅުގައި، ސަރުކާރު މުވައްޒަފުންގެ ނާދީ ކުރިން ހިންގި ބިމުގައި އަޅާ ފްލެޓެއްގެ އަގު އުޅެނީ ފަސް މިލިއަނާއި ހަތް މިލިއަނާ ދެމެދުގަ އެވެ. މަޖީދީ މަގުގައި ކުރިން އޯޑިއޯން ހުރި ތަނުގައި (ލަގްޒަރީ ކުރިމަތިން) އަޅާ ފްލެޓެއް ވިއްކާނީ 4.5 މިލިއަނާއި ހަ މިލިއަނާ ދެމެދުގެ އަގެއްގައި ކަމަށް ޓާޓާ ހައުސިންގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ނާދީ އާއި އޯޑިއޯން ހުރި ބިމުގައި މިއަދު އޮތް ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިސްރާ އެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އެއްވެސް އިސް ވެރިޔަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
ޓާޓާ ހައުސިން އިން އެ ދެ ތަނުގައި ބިންގާ މި އެޅީ މަސައްކަތް ނުފެށި ލަސްވާތީ ބިންތައް ނަގާނެކަމުގެ އިންޒާރު ޑިސެމްބަރު ފަހުކޮޅު ސަރުކާރުން ދީފައި ވަނިކޮށެވެ.
ޓާޓާ ހައުސިން އާއި އެސްޖީ18 ޑިވެލޮޕާސް ގުޅިގެން އުފައްދާފައިވާ އެޕެކްސް ރިއަލިޓީން ވަނީ އޯޑިއޯންގެ ފްލެޓްތައް ވިއްކަން މިއަދު ހުޅުވާލައިފަ އެވެ. ނަމަވެސް ނާދީ ހުރި ތަނުގައި އަޅާ ފްލެޓްތައް ވިއްކަން އަދި ހުޅުވައެއް ނުލަ އެވެ.
އޯޑިއޯން ހުރި ތަނުގައި 12 ބުރި އަށް ހަދާ އިމާރާތުގައި ހުންނާނީ އެއް ކޮޓަރި އާއި ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ޖުމްލަ 54 އެޕާޓްމަންޓެވެ. އެ ތަނުގެ ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި ވަނީ ފިހާރަތަކަށެވެ. އަދި ޓެރަސްގައި ސްވިމިން ޕޫލަކާއި ޖިމް އަދި ސްޕާ ފަދަ ވަސީލަތްތައް ގާއިމުކުރަން ނިންމާފައިވާ ކަމަށް ޓާޓާ އިން ބުންޏެވެ. އޭގެ އިތުރުން ކޮންމެ އެޕާޓްމަންޓަކަށް ވެސް ސައިކަލަކާއި ކާރެއް ޕާކުކުރާނެ ޖާގަ ވެސް ކަނޑައަޅާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓާޓާ ހައުސިންގެ ހެޑް އޮފް އިންޓަނޭޝަނަލް ބިޒްނަސް ސަންޖީވާ ސިންހަ ވިދާޅުވީ އެ ތަނުގެ އެޕާޓްމަންޓްތަކުގެ ސައިޒު ކަނޑައަޅާފައި ވަނީ ދިވެހިންނަށް އެކަށީގެންވާ ސައިޒަކަށް ކަމަށެވެ. އެ އެޕާޓްމަންޓްތަކުގެ ބޮޑުމިން އުޅޭނީ 850 އަކަފޫޓާއި 1،200 އަކަފޫޓު އަދި 1،300 އަކަފޫޓާ ދެމެދުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިއަދު މިތަނުގެ ބިންގާ އެޅުމަށް ފަހު މިތަނުގެ އެޕާޓްމަންޓްތައް ވިއްކަން ވަނީ ފަށާފައި. ނަމަވެސް ނާދީގެ އެޕާޓްމަންޓްތައް ވިއްކަން ފަށާނީ ތިން މަސް ފަހުން،" ސަންޖީވާ ވިދާޅުވި އެވެ.
އޯޑިއޯން ހުރި ބިމުގައި 76،000 އަކަފޫޓުގެ ސަރަހައްދެއްގައި ހަދާ އިމާރާތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓާޓާ ހައުސިން ހެޑް އޮފް އިންޓަނޭޝަނަލް ބިޒްނަސް ސަންޖީވާ ވިދާޅުވީ ނާދީ ހުރި ތަނުގައި ގާތްގަނޑަކަށް 173،000 އަކަފޫޓުގެ ސަރަހައްދެއްގައި 12 ބުރި އަށް ހަދާ އިމާރާތުގެ ބޭސްމަންޓް ހުންނާނެ ކަމަށެވެ. އަދި އެތަނުގެ ކޮންމެ ފްލެޓަކަށް ކާރު ޕާކުކުރެވޭނެ ޖާގަ ވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާދީ ހުރި ތަނުގައި ހަދާ އިމާރާތުގައި 73 އެޕާޓްމަންޓް ހުރެ އެވެ. އަދި އެ ތަނުގައި ހަދާ ތިން ކޮޓަރީގެ އެޕާޓްމަންޓްގެ ސައިޒު އުޅެނީ 1،200 އަކަފޫޓާއި 14،00 އަކަފޫޓާ ދެމެދުގަ އެވެ. އަދި އެ ތަނުގެ އަގު އުޅެނީ ފަސް މިލިއަނާއި ހަތް މިލިއަނާ ދެމެދުގެ އަގެއްގަ އެވެ.
ސަންޖީވާ ވިދާޅުވީ ނާދީ ހުރި ތަނުގައި އަޅާ ފްލެޓް އިމާރާތުގެ އެންމެ މަތީ ބުރީގައި ސުވިމިން ޕޫލާއި ޖަކޫޒީ އަދި ޖިމާއި ސްޕާ އަދި ބާބެކިއު އޭރިއާއެއް ވެސް ހުންނާނެ ކަމަށެވެ. އަދި އެ ތަން ޑިޒައިންކުރަނީ އެމެރިކާގެ މަޝްހޫރު އާކިޓެކްޓް ކުންފުންޏެއް ކަމަށްވާ އެފް ޕްލަސް އޭ އާ ހަވާލުކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓާޓާ ހައުސިން އިން ބުނީ ނާދީ ހުރިތަނުގައި އަޅާ ފްލެޓްތައް ވިއްކަން ފަށާނީ ތިން މަހެއްހާ ދުވަސްފަހުން ކަމަށެވެ.
މިއީ މަތީ ފެންވަރުގެ އެޕާޓްމަންޓްތަކެއް ހިމެނޭ ގޮތަށް މާލޭގައި ހިންގާ އެންމެ ބޮޑު ދެ މަޝްރޫއެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޓާޓާ ހައުސިން އަށް އެ ދެ ބިން 50 އަހަރަށް ކުއްޔަށް ދިނީ ކުރީގެ އަރަބިއްޔާ ސްކޫލް ހުރި ތަނުގަ އާއި ގާކޮށީގައި ސޯޝަލް ހައުސިން އަށް ހާއްސަ ފްލެޓްތަކެއް އަޅާ ގޮތަށެވެ. އެ ދެ ތަނުގައި ހެދި އިމާރާތުގެ ވެސް ފުރަތަމަ ދެ ބުރި ދީފައި ވަނީ ޓާޓާ ހައުސިން އަށެވެ. އޭގެ އިތުރުން ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް ހިންގަން ޅ. ޅޮއްސަލަފުށި ވެސް 50 އަހަރަށް އެ ކުންފުންޏަށް ދީފައިވެ އެވެ.
މަޖީދީ މަގު އޯޑިއޯން އާއި ކުރީގެ ނާދީ ހުރި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކުރަން ޖެހޭ ފްލެޓްތަކުގެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ނުފަށައިފި ނަމަ އެއްބަސްވުން ބާތިލްކުރާނެ ކަމުގެ ނޯޓިސް ފޮނުވާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޑިސެމްބަރު 29 ވަނަ ދުވަހު ވިދާޅުވެފައިވެ އެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ ޓާޓާ އެއްބަސްވުމަކީ ނަޝީދު ސަރުކާރުގައި ވަރަށް ގޯސްކޮށް ހެދި އެއްބަސްވުމެއް ކަމަށެވެ. އަދި އެއްބަސްވުމުގައި ހުރި މައްސަލަތަކާ އެކު އެއީ ކިހާ ގެއްލުން ބޮޑު އެގްރިމެންޓެއް ކަން އޮޑިޓް ރިޕޯޓުން ވެސް ފެންނަން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.