15 އަހަރު ތެރޭ 40 ކޯޗުން ގެނައި ރައީސް ކްލަބާ ދުރަށް
15 އަހަރު ތެރޭ 40 ކޯޗުން ގެނައި ރައީސް ކްލަބާ ދުރަށް

ރޯމް (ފެބްރުއަރީ 28) – ފަނަރަ އަހަރު ތެރޭ ޕަލާމޯ އަށް 40 ކޯޗުން ގެނައި، ރައީސް މައުރީޒިއޯ ޒަމްޕަރިނީ ކްލަބާ ދުރުވާން ނިންމަވައިފި އެވެ.

އިޓާލިއަން ލީގުގައި ވާދަކުރާ ޓީމުން މިދިޔަ މަހު އެ ޓީމުގެ ކޯޗަކަށް ގެނައި އުރުގުއޭގެ ޑިއޭގޯ ލޮޕޭޒަކީ ދެ ސީޒަނުގެ ތެރޭ ޓީމު ހަވާލުކުރި 11 ވަނަ ކޯޗެވެ.

އިޓަލީގެ ދެ ވަނަ ޑިވިޝަނުގައި ޕަލާމޯ އޮއްވާ 2002 ވަނަ އަހަރު ކްލަބް ބައްލަވައިގެންނެވި ޒަމްޕަރިނީ ވިދާޅުވީ 15 ދުވަސް ތެރޭ ކްލަބާ އާ ވެރިޔާގެ ނަން ހާމަކުރައްވާނެ ކަމަށެވެ.

ޒަމްޕަރިނީގެ ދައުރުގައި ޕަލާމޯ ވަނީ އިޓާލިއަން ލީގުގައި ރަނގަޅު ވާދައެއްކޮށް ޔޫރަޕުގައި ވެސް ކުޅެފަ އެވެ. ޕަލާމޯއާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޒަމްޕަރިނީ ހިންގެވީ އިޓަލީގެ ތިން ވަނަ ޑިވިޝަނުގައި މިހާރު ވާދަކުރާ ވެނެޒިއާ އެވެ.

ޕަލާމޯ އިން ވަނީ ފަހަކަށް އައިސް ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ނެރެފަ އެވެ. އޭގެ ތެރޭގައި މިހާރު ޔުވެންޓަސް އަށް ކުޅޭ އަދި މުޅި ދުނިޔޭގެ ލޯ އަމާޒުވެފައިވާ އާޖެންޓީނާގެ ފޯވާޑް ޕައޮލޯ ޑިބާލާ އާއި ޓޮރިނޯގެ ފޯވާޑް ބެލޮޓީ ހިމެނެ އެވެ. މީގެ އިތުރުން އިޓަލީއާ އެކު 2006 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި އަލްބާޓޯ ޖިލާޑީނިއޯ އާއި ކްރިސްޓިއަން ޒަކަރާޑޯ އާއި އަންދްރޭ ބަރްޒާލީ އާއި ލޫކާ ޓޯނީ އަދި ޕީއެސްޖީގެ ހަވިއާ ޕަސްތޯރޭ އާއި އެޑިންސަން ކަވާނީ އަކީ ވެސް ޕަލާމޯ އިން ފާހަަގަވި ކުޅުންތެރިންނެވެ.