26 އޯގަސްޓް 2024 - 10:21

ގަވާއިދާ ހިލާފަށް ވިޔަފާރިކުރުމާއި ސާފުތާހިރުކަމުގެ މިންގަނޑާ ހިލާފުވުމުގެ ސަބަބުން ހުޅުމާލޭ 2 ގެ ހަ ތަނެއް ބަންދުކޮށްފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ކުރަމުންދާ މަސަައްކަތުގެ ދަށުން އެކަމާ ގުޅޭ ޓާސްކް ފޯހުން މިިދިޔަ ބުރާސްފަތި ދުވަހު އަށް ތަނެއް ބެލި ކަމަށެވެ. ފުލުހުންނާއި އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ވެސް މި އޮޕަރޭޝަންގައި ބައިވެރިވި އެވެ.
ފާސްކުރި ތަންތަނުގެ ތެރެއިން ހަ ތަނެއް ވަނީ ބަންދުކޮށްފަ އެވެ. އެ ތަންތަނުގެ ނަމެއް ހާމައެއް ނުކުރެ އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި، އެ ތަންތަނުގައި ސައްހަ ވިސާއެއް ނެތި މަސައްކަތްކުރަމުންދިޔަ ހަތަރު ބިދޭސީއަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މިފަހަކަށް އައިސް އިމިގްރޭޝަނުން އަންނަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އެކި އިންސްޕެކްޝަންތައް ހިންގައި، އެމީހުން ޑީޕޯޓުކުރަމުންނެވެ. ސާފުތާހިރުކަން ކުޑަކޮށް، ބިދޭސީން ހިންގަމުންދާ ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަން ވެސް ދަނީ ބަންދުކުރަމުންނެވެ. އެފަދަ އޮޕަރޭޝަންތަކުގައި ގިނަ ބަޔަކު ވަނީ އަތުލައިގެންފަ އެވެ.