26 އޯގަސްޓް 2024 - 06:18

މާދަމާ ރެއިން ފެށިގެން އޮލިމްޕަހުގައި ދައްކަން ހަމަޖެހިފައިވާ ދިވެހި ފިލްމު 'ކަމަނާ' ގެ 14 ޝޯ ގެ ޓިކެޓު ވިކި ހުސްވެފައިވާ ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރު ޝާނީޒް އަލީ ބުނެފި އެވެ.
"މި އަދަދު ވާނެ ރާއްޖޭގައި ރިކޯޑަކަށް،" ދިވެހި ފިލްމެއް ޕްރިމިއާ ކުރުމުގެ ކުރިން މި ވަރަށް ގިނަ ޝޯ މީގެ ކުރިން ފުލްވެފައި ނުވާކަން ފާހަގަކޮށް ޝާނީޒް ބުންޏެވެ.
ފަހުގެ ތާރީހެއްގައި ދިވެހި ފިލްމަކަށް މި ވަރުގެ ފޯރިއެއް އުފެދިގެން ދިޔަތަން ފެނިފައި ވަނީ، އެކްޓިން އިން މިހާރު ރިޓަޔާ ކޮށްފައިވާ އޭރުގެ ކުޅަދާނަ ބަތަލަ ނިއުމާ މުހައްމަދު ޑައިރެކްޓްކޮށް، ލީޑު ރޯލު ކުޅުނު ފިލްމު 'ނިއުމާ' އެވެ. މުހައްމަދު އަބްދުﷲ (މުހައްމާ) ގެ 'ދެކެދެކެވެސް' ޕްރޮޑަކްޝަންގެ ދަށުން ގެނެސްދިން އެ ފިލްމު ޕްރިމިއާ ކުރުމުގެ ކުރިން ގާތްގަނޑަކަށް 10 ޝޯގެ ޓިކެޓް ވިކުނު ކަމަށް ވެ އެވެ.
އެ ވަރުގެ ފޯރިއެއް އެ ފިލްމު ގެނުވި ސަބަބާއި ހުސައިން މުނައްވަރު ޑައިރެކްޓް ކޮށްގެން ގެނެސްދޭ 'ކަމަނާ' މި ވަގުތު އަރުވަމުން އަންނަ ފޯރިއާ ވަރަށް އެއްގޮތް ކަމެއް ވެސް އެބަހުއްޓެވެ. ފިލްމު 'ނިއުމާ' އަކީ ވެސް ހަގީގީ ހާދިސާއެއްގެ އަސްލަށް އުފެއްދި ފިލްމެކެވެ. އަނެއްކޮޅުން ފިލްމުގައި ލީޑުރޯލު ކުޅެން ނިއުމާ ބޯ ބޭލުން ވެސް ވެގެން ދިޔައީ ފިލްމަށް އެތައް ބަޔަކު ޝައުގުވެރިވި ސަބަބަކަށެވެ.
މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހުސަން މުނައްވަރު ޑައިރެކްޓް ކޮށްފައިވާ 'ކަމަނާ' އަކީ ވެސް ދިވެހިންގެ މެދުގައި ހިނގާފައިވާ ރަހުމުކުޑަ އަނިޔާވެރި ހަގީގީ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ފިލްމެކެވެ. މި ފިލްމުގައި ލީޑު ރޯލު ކުޅުމަށް ބަތަލާ މަރިޔަމް އައްޒަ ވަނީ ގާތްގަނޑަކަށް 15 ކިލޯ ބަރުވެ އޭނާގެ ހަށިގަނޑާއި ސިފަ އަށް ވަރަށް ބޮޑު ތަފާތެއް ގެނެސްފަ އެވެ. އައްޒަ މި ފިލްމުން ފެންނާނީ މީގެ ކުރިން އޭނާ ފިލްމަކުން އަދި އޮންސްކްރީނުން ފެނިގެން ގޮސްފައި ނުވާހާ ތަފާތު ގޮތަކަށެވެ.
މި ސަބަބުތަކާ އެކު ފިލްމުގެ ފޯރި ގަދަވެފައި އޮތީ ހަމައެކަނި މާލޭގައި އެކަންޏެއް ވެސް ނޫނެވެ.
ޕްރޮޑިއުސަރު ޝާނީޒް ބުނެފައި ވަނީ މާލޭގައި ފިލްމު ޕްރިމިއާ ކުރުމަށް ފަހު، މާލެއާ އެކުއެކީގައި ވަރަށް ގިނަ ރަށްތަކުގައި ވެސް ފިލްމު ދެއްކުމަށް މިހާރު ހަމަޖެހި ނިމެމުން އަންނަ ކަމަށެވެ.
"[މި މަހުގެ] 28 ވަނަ ދުވަހުން ފެށިގެން ރަށްރަށުގައި ވެސް ފިލްމު ދައްކަން ފަށާނެ. މިހާތަނަށް 32 ރަށުގައި ފިލްމުގެ ޝޯތައް ދެއްކުމަށް ކޮންފާމް ކޮށްފައި ވޭ،" ރަށްރަށުގައި މި ފިލްމު ދެއްކުމަށް ޝައުގުވެރިކަން ފާޅުކުރާ މީހުން އިތުރުވަމުން އަންނަ ކަމަށް ބުނެ ޝާނީޒް ބުންޏެވެ.
އޮލިމްޕަހުގައި ދައްކާ 'ކަމަނާ' ގެ ފުރަތަމަ ޝޯގެ ޓިކެޓް ވިއްކާފައި ވަނީ 200ރ. އަށެވެ. ކުރިއަށް ހުރި ޝޯތަކުގެ ޓިކެޓްގެ އަގަކީ 150ރ. އެވެ. ނަމަވެސް ރަށްރަށުގައި އެ ފިލްމުގެ އަޅުވާނީ 100ރ. އަށް ޓިކެޓު ވިއްކައިގެންނެވެ.
މި ފިލްމުގައި އައްޒައާ އެކު ލީޑު ރޯލުން ފެނިގެންދާނީ ކުޅަދާނަ އަދި ތަޖުރިބާކާރު ބަތަލު ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. އޭނާގެ އިތުރުން ދަރާ ރަޝީދާއި އައިމިނަތު ރަޝްފާ (އާޝާ) ވެސް ފިލްމުގެ މުހިންމު ރޯލަކުން ފެންނާނެ އެވެ. 'ކަމަނާ' ޝޫޓް ކޮށްފައި ވަނީ ހއ. މޮޅަދޫގަ އެވެ.