25 އޯގަސްޓް 2024 - 22:03

ރާއްޖޭގެ ފުރަތަމަ ސްމާޓް ކްލާސްރޫމްތަކާ އެކު މަޖީދިއްޔާ ސްކޫލްގެ އާ އިމާރާތް، ކުރީގެ ދަރުމަވަންތަ ސްކޫލް ހުރި ބިމުގައި އަޅަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މަޖީދިއްޔާ ސްކޫލްގެ އަހަރީ ދުވަހާ ގުޅިގެން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އަންނަ އަހަރު ކުރިއަށް ގެންދަން ނިންމާފައިވާ ސްކޫލް މަޝްރޫއުތަކުގެ ތެރޭގައި މަޖީދިއްޔާ ސްކޫލްގެ އާ އިމާރާތް ހިމެނޭ ކަމަށެވެ.
އެ އިމާރާތް އަޅަން ނިންމާފައިވަނީ މަޖީދިއްޔާ ސްކޫލާ ޖެހިގެން އޮންނަ، ކުރީގެ ދަރުމަވަންތަ ސްކޫލް ހިނގި ބިމުގަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ތަނުގައި އަޅަން ނިންމާފައިވަނީ 40 ކްލާސް ރޫމްގެ އިމާރާތެކެވެ. އެ ކްލާސް ރޫމްތަކުގެ ތެރެއިން ބައެއް ކްލާސްރޫމްތަކަކީ ރާއްޖޭގެ ފުރަތަމަ ސްމާޓް ކްލާސް ރޫމްތަކަށް ވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މަޖީދިއްޔާ ސްކޫލްގެ ފަހުރު ކަމަށްވާ ދާރުލްއުލޫމް ނޭޝަނަލް އެޑިއުކޭޝަނަލް މިއުޒިއަމްއެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެ ތަނުން ރާއްޖޭގެ ތައުލީމީ ހަޔާތުގެ ތާރީހު ދައްކުވައިދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.