ރުފިޔާ އެކައުންޓުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތް ހަދައިފި
ރުފިޔާ އެކައުންޓުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތް ހަދައިފި

މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭ ގޮތަށް ބީއެމްއެލް އިން ބަދަލު ގެނެސްފި އެވެ.

ބީއެމްއެލް އިން ބުނީ ބޭންކުން މި ބަދަލު ގެނެސްފައިވަނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީ އެވެ.

ބީއެމްއެލް އިން ބުނީ މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ ކަމަށް ވެސް ބީއެމްއެލް އިން ވަނީ ކަނޑައަޅާފަ އެވެ.

މިހާރު ދޫކޮށްފައިވާ ސްޓޭންޑަޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރަން ވެސް ވަނީ ނިންމާފަ އެވެ. އެއީ 90 ޕަސެންޓުގެ ދަށްކުރުމެކެވެ. ކޮވިޑަށް ފަހު އައި ޑޮލަރުގެ ތާށިކަމާ ގުޅިގެން ބީއެމްއެލް އިން އެންމެފަހުން އިނީ ކްރެޑިޓް ކާޑުން ބޭރުގެ މުއާމަލާތްތައް ކުރުމަށް މަހެއްގެ މައްޗަށް 750 ޑޮލަރުގެ ލިމިޓެއް ކަނޑައަޅާފަ އެވެ. އަދި ޑެބިޓް ކާޑުގެ ލިމިޓެއްގެ ގޮތުގައި އޭރު ކަނޑައަޅާފައި ވަނީ 250 ޑޮލަރެވެ.

މި ބަދަލާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ މިއަހަރުތެރޭ ކަސްޓަމަރުން އަތުން ބޭންކަށް ގަންނަން ލިބުނީ ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ކަމަށެވެ. އެހެން ނަމަވެސް ކާޑުތަކުން ކުރެވުނު މުއާމަލާތްތަކުގެ އަދަދު މީގެ ތިން ގުނަ ބޮޑުކަމަށެވެ.

"ކާޑު ބޭނުންކުރާ މިންވަރު އިތުރުވުމަކީ ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ބޭރު ފައިސާގެ އަދަދު ނުހަނު ބޮޑު މިންވަރަކަށް ދަށްވެގެންދާކަމެއް. ތަފާސްހިސާބަށް ބަލާއިރު ކާޑުތައް ބޭނުންކޮށްގެން މައިގަނޑުކޮށް ކުރާ ދަތުރުތަކާއި އޮންލައިން ވިޔާފާރިތަކަށް ވުރެ އިގްތިސާދީ މުހިންމު ހަރަކާތްތަކަށް ބޭންކުން ހޭދަކުރާ ބޭރު ފައިސާގެ މިންވަރު 75 ޕަސެންޓް ދަށް،" އޭނާ ވިދާޅުވި އެވެ.

ކާލް ވިދާޅުވީ ބޭންކުގެ އެންމެ މަތީ މަސްލަހަތަކީ ޑިޕޮސިޓަރުންނަށް ރައްކާތެރިކަން ދިނުން ކަމަށާއި ބޭންކަށް ގަންނަން ނުލިބޭ އަދަދެއް ބޭންކަށް ނުވިއްކޭނެ ކަމަށެވެ.

"ބީއެމްއެލް އިން ދޫކޮށްފައިވާ ޑޮލަރު ކްރެޑިޓް ކާޑުންނާއި ޑެބިޓް ކާޑެއް ބޭނުންކޮށްގެން ޑޮލަރު އެކައުންޓުން ކުރިއެކޭ އެއްގޮތަށް އެކައުންޓްގައި ޑޮލަރު ހުރި މިންވަރަކަށް ކަސްޓަމަރުންނަށް މުއާމަލާތްތައް ކުރެވޭނެ. މަހުން މަހަށް ކެނޑޭ ބޭރުގެ މުއާމަލާތްތައް މެދު ނުކެނޑި ހިންގުމަށްޓަކައި ކަސްޓަމަރުންގެ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް ޑޮލަރު އެކައުންޓަށް ބަދަލުކުރުމަށް އިލްތިމާސްކުރަން،" އޭނާ ވިދާޅުވި އެވެ.

ބޭރުގައި ތިބޭ ކިޔަވާ ކުދިންނާއި ބޭސްފަރުވާ ފަދަ ކަންކަމަށް ޑޮލަރު ދޫކުރާނެ ވަކި އުސޫލެއް ބޭންކުން އަދި ހާމައެއް ނުކުރެ އެވެ.