26 އޯގަސްޓް 2024 - 10:35

ރެކްރޫޓެއްގެ ގޮތުގައި، ޑރ. ރިޝްވީނާ އަހްމަދު ފުލުހުންގެ ވަޒީފާއާ ގުޅިވަޑައިގަތް އިރު އެއީ ނަރުހެކެވެ. ފުރަތަމަ ޑިގްރީއާ އެކު އޭނާ އުއްމީދު ކުރެއްވީ ނަރުހެއްގެ ގޮތުގައި ވެސް ފުލުހުންގެ ތެރެއިން ކުރިއަށް ވަޑައިގެންނެވޭނެ ކަމަށެވެ. އެކަމަކު އިތުރަށް ކުރިއަށް ދެވޭނެ ގޮތެއް ކަމަށް ފެނުނީ ސީދާ ފުލުހުންގެ މަސައްކަތާ ގުޅޭ ކޯހެއް ހެއްދެވުމެވެ.

އެ ދަތުރު އޭނާ ފަށަން ޖެހުނީ އަލަތު ދަރިފުޅަށް އެންމެ ހަތް މަހުގަ އެވެ. އެކަމަކު ވެސް ކިޔެވުމަށް އޮތް ލޯބި ދޫކޮށްލައްވަން ބޭނުން ނުވީ އެވެ. މެލޭޝިއާގެ ޔުނިވާސިޓީ އޮފް މެލޭޔާ އިން މާސްޓަ އޮފް ކްރިމިނަލް ޖަސްޓިސް ކިޔަވަން ދަރިފުޅާ އެކު ރިޝްވީނާ ފުރީ ދަރިފުޅު ގޮވައިގެން މިކަން ނުވެއްޖެ ނަމަ އެނބުރި އަންނަ ގޮތަށެވެ.

"އިންޑިއާ އާއި މެލޭޝިއާގައި އޮތީ މި ދާއިރާއާ ގުޅޭ ކޯހެއް. އެހެންވެ 2010 ވަނަ އަހަރުން ފެށިގެން އައީ ދެ ތަނަށް ވެސް ހުށަހަޅަމުން. ދެން އެ މީހުންގެ ހަބަރެއް ނުވޭ ވަރަށް ގިނަ ދުވަސްވި އިރު ވެސް. އަޅުގަނޑު ވެސް ހުރީ އެކަމުގެ މަތިން ހަނދާން ނެތިފައި. އެހެން ހުއްޓާ އަޅުގަނޑު ވިހައިގެން ދަރިފުޅަށް ހަތް މަހުގައި މެލޭޝިއާގެ ޔުނިވާސިޓީން އައީ އޮފާ ލެޓާ،" ރިޝްވީނާ ވިދާޅުވި އެވެ

"އެހާ ކުޑަ ކުއްޖަކު ގޮވައިގެން ދާންޖެހޭތީ އާއިލާގެ އެންމެންނާ ޑިސްކަސްކުރިން. އެންމެން ވެސް ލަފާދިނީ ފަސޭހައެއް ނުވާނެއޭ، ފަސްކުރާށޭ ކިޔެވުން. ދެން އަޅުގަނޑު ވިސްނީ ވަރަށް އުނދަގުލުންނޭ ފުރުސަތު ލިބުނީ. ބޭބީއަށް ނުވަ މަހުގައި ފުރައިގެން ދިޔައީ. ވަރަށް އުނދަގޫވި، ބޭބީ ސިޓާއެއް ނުހުރޭ. އެކި ދުވަހު އެކި ރައްޓެހިންނަށް ހަވާލުކޮށްފައި ކިޔަވަންދަނީ. އެކަމަކު އަޅުގަނޑު ގަބޫލުކުރަނީ އެ މާސްޓާސް އުނދަގުލުން ވެސް ހަދާލެވުނީމައޭ ޕީއެޗްޑީ ހަދަން ފުރުސަތު ލިބުނީ،" ސައުތު ޕޮލިސްގެ ސަބް ރީޖަންގެ ކޮމާންޑަރު ވިދާޅުވި އެވެ.

އެ އުނދަގޫ ދުވަސްތަކުން އޭނާ ހޯއްދެވީ ވަރަށް ބޮޑު ކާމިޔާބީ އެކެވެ.

ރިޝްވީނާއަކީ ފުލުހުންގެ ތެރޭގައި މިވަގުތު ޕީއެޗްޑީއަށް ކިޔަވައިގެން ހުންނެވި ހަމައެކަނި އަންހެން އޮފިސަރެވެ. ފުލުހުންގެ މުއައްސަސާ އިން ލިބުނު ސްކޮލާޝިޕެއްގައި އޭނާ ހުންނެވީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ތަސްމާނިއާ އިން ޑޮކްޓާ އޮފް ފިލޯސޮޕީ (ޕޮލިސިން އެންޑް އެމެޖެންސީ މެނޭޖްމަންޓް) ކިޔަވައި ވިދާޅުވެގެންނެވެ.

ރިޝްވީނާއަކީ މިހާރު ގއ. އާއި ގދ. އަތޮޅު ރީޖަންގެ ޕޮލިސް ކޮމާންޑަރެވެ. ދެ އަތޮޅުގެ ފުލުހުންގެ އިދާރާ ހިންގަމުން އަންނަނީ އޭނާގެ ބެލުމުގެ ދަށުންނެވެ.
ރިޝްވީނާ ވިދާޅުވީ ނަރުހެއްގެ ގޮތުގައި ކުރިއަށް ދިއުމުގެ ވިސްނުން ދޫކުރެއްވީ ފުލުހުން މުއައްސަސާ އިން ކުރިއަށް ދިއުމަށް ޝައުގުވެރިވެވަޑައިގަންނަވާތީ ކަމަށެވެ.
ނަރުހެއްގެ ގޮތުގައި މިހާރު ނޫޅުއްވިޔަސް ރިޝްވީނާ ސިފަ ކުރައްވާ ގޮތުގައި އޭނާއަކީ "ކެއާ ގިވާ" އެކެވެ. ޕޮލިހަށް އަލަށް ވަދެވަޑައިގެންނެވި ދުވަސްވަރު ވެސް ދޫނިދު އާއި ފޭދޫފިނޮޅުގައި ބަންދު ތިބޭ މީހުންނަށް ވަރަށް ގިނައިރު ވާހަކަ ދައްކަވަން އިންނަވަ އެވެ. ފޫހިކަމެއް ނެތި އެމީހުންގެ ވާހަކަތައް އަޑުއައްސަވައި، އެ މީހުންނަށް އޯގާތެރިކަމާއި އަޅާލުން ދެއްވި އެވެ.
އެހެންވެ، އެ މީހުންގެ ދުނިޔެ ވެސް ރިޝްވީނާއަށް ހުރީ ކޮންމެވެސް ވަރަކަށް ފެނިފަ އެވެ.
ރިޝްވީނާގެ ވެސް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ރާއްޖޭގައި ކުރާ ކުށްތަކުގެ 80 ޕަސެންޓް މަސްތުވާތަކެއްޗާ ގުޅިފައި އޮތުމެވެ.
"އެއީ، ވައްކަން ކުރާ މީހާ ވެސް ވައްކަން މިކުރަނީ މަސްތުވާތަކެތި ހޯދަން. މާރާމާރީ ހިންގާ މީހާ، މާރާމާރީ ހިންގަނީ މަސްތުވާތަކެތި ހޯދަން. އަދި ގެވެށި އަނިޔާ ކަމުގައި ވިޔަސް މި ހުރިހާ ކަމެއް ގުޅިފައި އޮތީ މަސްތުވާތަކެއްޗާ. އެހެންވީމަ މަސްތުވާތަކެއްޗަކީ [އަޅުގަނޑު ދެކޭ ގޮތުގައި] އެންމެ ބޮޑު މައްސަލަ،" އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑުމެން އެކަމަށް ފޯކަސްކޮށްގެން ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ."
ރިޝްވީނާ ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ މާކެޓު ބޮޑުވެފައި އެއަށް އޮންނަ ޑިމާންޑް ބޮޑުވުމަކީ އެންމެ ބޮޑު މައްސަލަ ކަމަށެވެ. މިސާލެއް ދައްކަވަމުން ވިދާޅުވީ، ކުދި ރަށްތަކުގައި މަސްތުވާތަކެތި ބޭނުންކުރާ މީހާ، ރިހެބިލިޓޭޓްވެގެން އަނބުރާ މުޖުތަމައުއަށް އައުމުން ވެސް އެ މީހާ އަނެއްކާ އޭގެ ތެރެއަށް ވައްޓާލުމަށް ޑްރަގު ބޭނުންކުރާ މީހުން ކުރާ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މީހަކު ކްލީންވާން ކިތަންމެ މަސައްކަތެއް ކުރިޔަސް އޭނާ ހަމަ ކްލީންވެގެން އަންނައިރަށް އެ ކޮމިއުނިޓީއެއްގައި އުޅޭ މަސްތުވާތަކެތި ޑީލްކުރާ މީހުން، އޭނާއަށް މަސްތުވާތަކެތި ދީގެން އޭނާ އޭގެ ތެރެއަށް ވައްޓާލަން މަސައްކަތް އެބަ ކުރޭ. އެއީ އެމީހުންގެ ޑިމާންޑް ގެއްލިދާނެތީ މިހެން މި ހަދަނީ،" އޭނާ ވިދާޅުވި އެވެ.
"ކްރިމިނަލްސްގެ މި ހުންނަ އުކުޅުތަކަށް ވުރެ އެތައް ކެޕެއް މައްޗަށް އަޅުގަނޑުމެން އެބަޖެހޭ އޭގެ ޕްރިވެންޝަނަށް މަސައްކަތްކުރަން. އެކަމަކު ހިތާމައަކީ އަޅުގަނޑުމެންނަކަށް އެ ލެވެލްއަކަށް ނެތޭ ޕޮލިސީތައް ހެދިފައި. ނެތޭ އެއާ އެއްވަރަށް މަސައްކަތްކުރެވިފައި،" ފުލުހުންގެ މުއައްސަސާއަށް 22 އަހަރު ހިދުމަތް ކުރައްވާފައިވާ ރިޝްވީނާ ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ ވޭނުގައި މީހުން އުޅޭ ހާލާއި ހިތްދަތިކަން ޖަލު ބެލެހެއްޓެވި އިރު ވެސް އޭނާއަށް ފެނިވަޑައިގަތެވެ. އެހާ ހާލުން އެ އެޑިކްޝަނުން ދުރަށް ގޮސް މުޖުތަމައުގެ ތެރެއަށް ދަނީ އެތައް އުއްމީދަކާ އެކު އެވެ. އެކަމަކު ދުވަސްކޮޅެއް ފަހުން އަނެއްކާ ވެސް ހަމަ އެމީހުން ޖަލު ގޮޅިން ފެނިވަޑައިގަތުމަކީ ވެސް ހިތަށް އަސަރުކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކައިރީ ވެސް ވަރަށް ހޯޕާ އެކީ ވާހަކަ ދައްކާފައި މިދަނީ. އެކަމަކު އަނެއްކާވެސް ފެންނާނެ އެ މީހުން އަނބުރާ އަންނަ ތަން. އެހެންވީމަ މިއީ ސާކަލެއް ތެރޭގައި އެމީހުން ތާށިވެފައި މި ތިބެނީ. އޭގެ ސަބަބުން މި އަސަރުކުރަނީ މި މީހުންނަށް އެކަންޏެއް ނޫން. އެމީހުންގެ އާއިލާއަށް ވެސް ދަތިވޭ،" ރިޝްވީނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕޮލިސިންގެ ދަށުން ކުރިން މަސައްކަތް ރޭވިފައި އޮންނަނީ ކުށްކުރާ މީހުން ހިފައި ހައްޔަރުކޮށް އަދަބުދޭން ނަމަވެސް މިހާރު ޕޮލިސިން ބަދަލުވެ، އަމާޒު ހިފާފައި ވަނީ އެ މީހުން އަނބުރާ މުޖުތަމައަށް ގެނެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ.
"މިހާރު ދިރާސާތަކުން ވެސް އެބަ ދައްކާ މީހުން ޖަލަށް ލުމަކީ ހައްލެއް ނޫން ކަން. އޭހެ ބަދަލުގައި ކުށްކުރާ މީހުން އަނބުރާ މުޖުތަމައަށް ގެނައުމަށް މަސައްކަތްކުރަން ޖެހޭ،" ރިޝްވީނާ ވިދާޅުވި އެވެ.
ފުލުހުންގެ މުއައްސަސާގައި އޭނާގެ ތަޖުރިބާ އިން ވިދާޅުވި ގޮތުގައި، ރާއްޖޭގައި ކުރާ 80 ޕަސެންޓް ކުށްތަކުގައި ބައިވެރިވަނީ އިނގިލިން ގުނާލެވޭހާ ވެސް މަދު ބައެކެވެ.
"ރަށަކަށް ބަލަންޏާ ރަށުގެ 80 ޕަސެންޓް ކުށްކުރަނީ ދެތިން މީހެކޭ. އެ ދެތިން މީހުން އަނބުރާ މުޖުތަމަށް ގެންނަން އުޅެފިއްޔާ އެ ރަށެއްގެ ކުށްކުރުން އެ ހުއްޓުނީ. އެ އޭންގަލުން ފުލުހުން މި މަސައްކަތް ކުރަންޖެހެނީ."
ރިޝްވީނާ ވިދާޅުވީ މަސްތުވާތަކެއްޗަށް ޑީލްކުރާ މީހުންނާއި ސަޕްލައި ދަށްކުރުމަށް މަސައްކަތްތަކެއް ކުރުމަށް އޮޕަރޭޝަންތަކެއް ހިންގާފައިވާ ކަމަށާއި އެއާ އެކު ޑިމާންޑް ތިރިކުރަން ވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"މަސްތުވާތަކެއްޗަށް ދެވި ހިފާފައި ތިބި މީހުން އަޅުގަނޑުމެންނާ ހިސާބަށް ގެނެވޭ ހިސާބުން އެބަ ހިތްވަރު ދެން އެ މީހުން ރިކަވަރީއަށް ދާން. ނޫނީ ހައްޔަރުކުރުމުގެ ކުރިން ވެސް އެ މީހުން އުޅޭ ގޭގެއަށް ގޮސް، ވާހަކަ ދައްކައި އަދި ޑިޓޮކްސްއަށް ދާން ފޯމު ފުރައިދީ އެބަ ހަދަން އަޅުގަނޑުމެން. ނޫނީ ކޯޓުން ބަންދު ޖަހައިދޭ މުއްދަތުގައި ވެސް އެބަ އުޅެން ސީދާ ކޮމިއުނިޓީއަށް ދޫ ނުކޮށް، އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ޑިޓޮކްސްއަށް ގެންދަން،" ފަރުވާއަށް ހިތްވަރު ދިނުމަށް ކުރެވޭ މަސައްކަތްތައް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.
ރިޝްވީނާ ވިދާޅުވި ގޮތުގައި ތިނަދޫގެ ޖަމިއްޔާއަކާ ގުޅިގެން މިހާރު ވެސް އެފަދަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
"އަޅުގަނޑުމެން މިހާރު ކަމެއްވުމުން އެއަށް ރިއެކްޓް ކުރުމުގެ ބަދަލުގައި ކަމެއް ހިނގުމުގެ ކުރިން އެކަން ހުއްޓުވުމަށް ކުރެވޭނެ މަސައްކަތް މިހާރު މިކުރަނީ. އެއީ ސްކޫލަށް ގޮސްގެން ކިޔަވައި ކުދިންނާ ވާހަކަ ދެއްކުން ކަމަށް ވިޔަސް އަދި ގޭގެއަށް ދިއުން ކަމަށް ވިޔަސް،" ކުށްކުރުން ހުއްޓުމަށް ކުރެވޭނެ އެންމެ ބޮޑު ކަމަކީ ރައްކާތެރިވުންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.
ރިޝްވީނާ ވިދާޅުވީ ރާއްޖޭގައި ހުރި ގާނޫނުތައް ރަނގަޅު ކަމަށެވެ. އެކަމަކު ކުރެވޭ ބައެއް ގޯސްތައް އެބަ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުގައި ވިދާޅުވީ ކުށެއްގެ ތުހުމަތުގައި މީހަކު 10 އަހަރަށް ޖަލަށް ލާފައި އެ މުއްދަތު ހަމަވުމުން، އަނބުރާ މުޖުތަމައަށް ނުކުންނައިރު ދުނިޔޭގެ ކަންކަން އޮންނާނީ ވަރަށް ބޮޑަށް ބަދަލުވެފައި ނަމަވެސް އެކަންކަމާ ކުރިމަތިލާން ޖެހެނީ އެކަނި ކަމަށެވެ.
"ގޭޓާ ހިސާބަށް ގެންގޮސްފައި ދޫކޮށްލަނީ. ދެން ބުނާ ކަހަލަ ތިހިރީ ދޫކޮށްލާފައޭ ދާށޭ، އެކަމަކު އާންމު މީހެއްގެ ސިކުނޑިން ވިސްނާ ނަމަ، ވިސްނާލަ، 10 އަހަރު ވަންދެން މުޖުތަމައުއާ އެކަހެރިކޮށްފައި ބަހައްޓާފައި ނެރޭއިރު 10 އަހަރު ތެރޭގައި ވަރަށް ކަންކަން ބަދަލުވާނެ. މިހާރު ވީކްލީ އަޅުގަނޑުމެންގެ ޓްރެންޑް ބަދަލުވޭ. މުޖުތަމައުއާ ޑިސްކަނެކްޓް ވާނެ މިންވަރު ވިސްނާލާ،"
"ފެމެލީއަށް ބެލިޔަސް އެމީހުން ވަރަށް ބޮޑަށް މޫވް އޮންކޮށްފައި އޮންނާނީ 10 އަހަރުގެ ތެރޭގައި. ޖޮބްތައް ވެސް އިވޯލްވެފައި އޮންނާނީ. އޭނާ ނިކުންނައިރު ނޯވޭ ސްކިލްއެއް، ވަޒީފާއެއް ހޯދަން ބަލާއިރު ކިޔެވިފައި އެއް ނެތް. ދެން އަޅުގަނޑުމެން ކިހިނެއްތޯ މި އެކްސްޕެކްޓް ކުރަނީ ޖަލުން ދޫކޮށްލާއިރަށް އޭނާ މުޖުތަމައަށް ވަރަށް ފަސޭހައިން އިންޓަގްރޭޓްވާނެއޭ. އެއީ ހެދޭ ގޯހެއް،"
ރިޝްވީނާ ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި އެގޮތަށް މީހަކު ދޫކޮށްލާއިރު އެމީހަކަށް ވަޒީފާ ހޯދުމަށް އެހީވާނެ މީހުންނާއި އާއިލާގެ ގުޅުން ބަދަހިކުރުމާއި ނަފްސާނީ އެހީ ފަދަ ގިނަ އެހީތަކެއް ފޯރުކޮށްދޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ނިޒާމުތައް ރަނގަޅު. އެހެންނަމަވެސް އެއަށް ކުރެވޭ މަސައްކަތް އެހާ ރަނގަޅެއް ނޫން."
އަނެއް މައްސަލައެއްގެ ގޮތުގައި ރިޝްވީނާ ފާހަގަކުރެއްވީ ޖަލުގައި މުއްދަތު ހަމަވުމުން ދޫކޮށްލައި މީހުންނާ މެދު އަމަލުކުރާ ގޮތެވެ. ޖަލުން ދޫކޮށް، އެމީހުން މާލެއަށް ގެނެސް ދޫކޮށްލުމުން ދެން އެމީހުން ވަންނާނެ ތަނެއް ނެތި މަގުމަތިވާ ކަމަށް ވިދާޅުވި އެވެ.
"މާފުށީ ޖަލުން އޭނާ ފެރީއެއްގައި މިގެނެސް ލަނީ މާލެއަށް. އެ ވެދާނެ ރަށެއްގެ މީހަކަށް ވެސް. ހުވަދު އަތޮޅު ނޫނީ ތުރާކުނު މީހަކަށް ވެސް. އެމީހާ ގެންގޮސް މާލެއަށް ލީމަ، އޭނާގެ އާއިލާއެއް މާލެއަކު ނުހުރޭ. ގޮސް ވަންނާނެ ތަނެއް ނޯވޭ. އެހެންވީމަ އޭނާ މާލެ ދޫކޮށްލީމަ ކިހިނެއް ދިރިއުޅުން އާރާސްތުކުރާނީ. އޭނާ އަމިއްލަ ރަށަށް އާއިލާ ކައިރިއަށް ގެންދެވޭނެ ގޮތެއް ހޯދަން ޖެހޭ،" ރިޝްވީނާ ވިދާޅުވި އެވެ.
އެހެންވެ، މި ކަންކަން ރަނގަޅު ކުރަން ވެސް މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
އާއިލާ ދުރުގައި، ފުލުހުންގެ އިސް ސަފުގައި ރިޝްމީނާ ހުންނެވިއިރު އޭނާގެ ހަމައެކަނި އަމާޒަކީ އިސްލާހެވެ. ކުށް މަދު މުޖުތަމައަކަށް ކުރެވެން އޮތް މަސައްކަތެއް ކުރުމެވެ. އެއާއެކު، އެކުގައި މަސައްކަތް ކުރާ އޮފިސަރުންނަށް ވެސް އިހުތިރާމުކޮށް، އޯގާތެރިކަމާ އެކު ކުރިއަށް ދިއުމަކީ އޭނާ އަބަދުވެސް އިސްކުރި އެއް ސިފަ އެވެ. އޭނާގެ ކާމިޔާބީއާ ގުޅިފައި އޮތީ އެ ހިތްވަރާއި އެހެން މީހުންނަށް ކުރާ އިހްތިރާމެވެ.