01 މާޗް 2017 - 06:26

ރާނީ މުކަރުޖީ އަކީ ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން އެންމެ ހުނަރުވެރި އެއް ބަތަލާ އެވެ. ކައިވެންޏަށްފަހު ދަރިއަކު ލިބުމާ ގުޅިގެން ރާނީ ފިލްމީ މަސައްކަތާ ދުރުގައި އުޅޭތާ ގިނަ ދުވަސް ތަކަކަށް ފަހު އަނެއްކާވެސް އޭނާ ފިލްމީ މަސައްކަތް ފަށަން އުޅޭކަމަށް ވާހަކަ ދެކެވޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. ނަމަވެސް މިފަހަރު މިކަން ޔަގީންކޮށްދިނީ ޔާޝްރާޖް ފިލްމްސް އިން ކުރި ޓުވީޓެއްގަ އެވެ.
ރާނީ އެނބުރި އަންނާނީ ފިރިމީހާ އަދިތުޔާ ޗޯޕްރާގެ ޔާޝްރާޖް ފިލްމްސްގެ ކުޑައިގެ ދަށުން މަނީޝް ޝަރުމާ ޕްރޮޑިއުސްކުރާ ހިޗްކީ" އިންނެވެ. އެ ފިލްމު ޑައިރެކްޓްކުރަނީ ސިދާރްތު ޕީ. މަލްހޯތުރާ އެވެ. މީގެ ހަތް އަހަރު ކުރިން ސިދާރްތު ޑައިރެކްޓްކުރި ފުރަތަމަ ފިލްމު "ވީ އާ ފެމެލީ" އަށް ފަހު މިއީ އޭނާ އުފައްދާ ދެ ވަނަ ފިލްމެވެ.
ރާނީ އެންމެ ފަހުން ސްކްރީނުން ފެނުނީ 2014 ގައި ރިލީޒްކުރި "މަރްދާނީ" އިންނެވެ. މި ފިލްމުގައި ރާނީ ކުޅުނީ ބާރުގަދަ އަންހެން ފުލުހެއްގެ ރޯލެވެ.
މި ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ރާނީ ބުނީ "ހިޗްކީ" ކަހަލަ ގޮންޖެހުންބޮޑު ކެރެކްޓާއެއް ހިމެނޭ ސްކްރިޕްޓެއް ހޯދާތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށެވެ. ކޮންމެ މީހެއްގެ ވެސް ބަލިފައެއް އޮންނާނެ ކަމަށާއި އެކަމަކުން އަރައިގަނެ ކާމިޔާބު މީހަކަށް ވުމަށް މީހަކު ކުރާ މަސައްކަތް މި ފިލްމުން ފެންނާނެ ކަމަށް އޭނާ ބުންޏެވެ.
ޑައިރެކްޓަރު ސިދާރްތު ބުނީ ރާނީއާ އެކު މަސައްކަތްކުރާނެ ފުރުސަތެއް ލިބުމުން ވަރަށް އުފާވާ ކަމަށާއި އޭނާއަކީ ރާނީގެ ވަރަށް ބޮޑު ފޭން އެއް ކަމަށެވެ.
ސިދާރްތު މިހާތަނަށް ޑައިރެކްޓްކުރި ފިލްމުތައް މަދު ކަމުގައި ވިޔަސް އޭނާއަކީ ފިލްމީ މަސައްކަތުގައި ވަރަށް ފަންނުވެރި މަސައްކަތްތެރި އެކެވެ. ރާނީ އެނބުރި އަންނަ ފިލްމަށް "ހިޗްކީ" ވާއިރު އެ ފިލްމު ސިދާރްތު އަށް ދީފައިވަނީ އަދިތުޔާ ޗޯޕްރާ އޭނާއަށް ވަރަށް އިތުބާރު ކުރާތީ ކަމަށް ބެލެވެ އެވެ.
މި ފިލްމުގައި ރާނީއާ އެކު މަސައްކަތްކުރާނީ ކޮން ބަތަލެއް ކަމެއް އަދި ނޭނގެ އެވެ.
މި ފިލްމުގެ ޑައިރެކްޓަރު ސިދާރްތު ޕީ މަލްހޯތުރާ އާއި ޒުވާން ފިލްމީ ބަތަލު ސިދާރްތު މަލްހޯތުރާގެ ނަން އެއްގޮތްކަމުން ވަރަށް ގިނަ ބަޔަކަށް މިއީ އެކަކު ކަމަށް ހިތާ އޮޅުން އަރާފައިވެ އެވެ. މިކަމާ ގުޅިގެން ސިދާރްތު މަލްހޯތުރާ ކުރި ޓުވީޓެއްގައި އެއީ ކަނޑައެޅިގެން ޚިޔާލީ ވާހަކައެއްކަމަށް ބުނެ ނޫސްވެރިންގެ ސަމާލުކަމަށް އެކަން ގެނެސްފައިވެ އެވެ.
"ހިޗްކީ"ގެ މަސައްކަތް ވަރަށް އަވަހަށް ފަށަން ވަނީ ހަމަޖެހިފަ އެވެ. މިއީ މަނީޝް ޝަރުމާ އާއި ޔާޝްރާޖް ގުޅިގެން ޕްރޮޑީއުސްކުރާ ތިން ވަނަ ފިލްމެވެ.