ކޮންމެވެސް ދުވަހަކުން ކޮމެޑީ އެކްޓަރަކަށް ވާން ބޭނުން: އާލިއާ ބަޓް
ކޮންމެވެސް ދުވަހަކުން ކޮމެޑީ އެކްޓަރަކަށް ވާން ބޭނުން: އާލިއާ ބަޓް

ކުޅަދާނަ ބަތަލާ އާލިއާ ބަޓް ބުނާ ގޮތުގައި އޭނާއަކީ ވަރަށް މަޖާ މިޒާޖެއްގެ މީހެކެވެ. އެހެންވެ އޭނާ ކޮންމެވެސް ދުވަހަކުން ކޮމެޑީ ފިލްމުތައް ކުޅެ މީހުން ހެއްވާލަން ބޭނުންވެ އެވެ.

މާޗް 10 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ އާލިއާ އާއި ވަރުން ދަވަންގެ "ބަދްރީނާތު ކީ ދުލްހަނިޔާ"ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ބައިވެރިވެ ދިން އިންޓަވިއުއެއްގައި އާލިއާ ބުނީ ވަރުން ކޮމެޑީއަށް ވަރަށް މޮޅުކަމަށާއި އޭނާ ކޮމެޑީ މަންޒަރުތައް ކުޅޭއިރު ބަލަން ހުންނަ ކަމަށެވެ. އަދި އެއް ދުވަހަކުން އޭނާވެސް ކޮމެޑީ އެކްޓަރަކަށް ވާން ބޭނުން ކަމަށް ބުންޏެވެ.

އާލިއާ އާއި ވަރުންގެ ފުރަތަމަ ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ" އަށް ފަހު މި ދެ ތަރިން ވަނީ އަމިއްލަ ހުނަރާއި ގާބިލްކަން ހިންދީ ފިލްމީ ދުނިޔޭގައި ވަރަށް ރަނގަޅު މަގާމަކަށް ދަތުރުކޮށްފަ އެވެ.

ހައިވޭ، އުޅްތާ ޕަންޖާބު އަދި ޑިއާ ޒިންދަގީ ފަދަ ފިލްމުތަކުގައި އާލިއާ ކުޅުނު ތަފާތު އަދި ހުނަރު ދައްކާލެވޭ ކަހަލަ ރޯލުތަކުން އޭނާ ވަނީ ކޮންމެ ޕްރޮޑިއުސަރަކާއި ޑައިރެކްޓަރެއްގެ ވެސް އެއްވަނަ ހޮވުމަށް ވެފަ އެވެ.

އާލިއާ، 23، ބުނި ގޮތުގައި އޭނާ ފިލްމީ ތަރިއަކަށް ވާން ބޭނުންވީ ގޯވިންދާ އާއި ކަރިޝްމާ ކަޕޫރުގެ ކޮމެޑީ ފިލްމުތައް ބަލަން ފެށުމުންނެވެ. އެ ދެ އެކްޓަރުން އެކުގައި ކޮމެޑީ ކުޅޭއިރު އަޖައިބުވާހާ މޮޅުކަމަށް އޭނާ ބުންޏެވެ. އަދި ކަރީނާ ކަޕޫރާއި ޖޫހީ ޗައުލާ، މާދުރީ ޑިކްޝިޓް އާއި ޝްރީދޭވީ ވެސް ކޮމެޑީއަށް ވަރަށް މޮޅުކަމަށް އާލިއާ ގަބޫލުކުރެ އެވެ.

"މި ހުރިހާ ތަރިންނަށް ވެސް އެއްވެސް އުނދަގުލެއް ނެތި ކޮމެޑީ ރޯލުތައް ކުޅެލެވޭ. އެއީ އެހާ ފަސޭހަކަމެއް ނޫން. އެކަމަށްޓަކައި ވަރަށް ތޫނު ވިސްނުމެއް ބޭނުންވޭ. ހަގީގަތުގައި ކޮމެޑީއަކީ އެހެން ހުރިހާ އެއްޗަކަށް ވުރެ އުނދަގޫ އެކްޓިން އެއް،" އާލިއާ ބުންޏެވެ.