28 ފެބުރުއަރީ 2017 - 10:42

ބަންގްލަދޭޝްގައި ބާއްވާ ޝެއިޚް ކަމާލް އިންޓަނޭޝަނަލް މުބާރާތުގެ ފައިނަލުން ޓީސީ ސްޕޯޓްސް ކްލަބަށް ޖާގަ ލިބުމަކީ މުޅި ދިވެހިރާއްޖެ އަށް ވެސް ލިބުނު ކާމިޔާބެއް ކަމަށާއި އަދި ނޭޕާލުގެ ގައުމީ ޓީމުގެ އަށް ކުޅުންތެރިން ހިމެނޭ ކްލަބެއްގެ އަތުން މޮޅުވެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ޓީސީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ރޭ ނޭޕާލުގެ ޗެމްޕިއަން މަނަންގް މަޝްޔަންޑީ އަތުން 1-0 އިން މޮޅުވެގެންނެވެ. ފައިނަލުގައި ބައްދަލުކުރާނީ ދެކުނު ކޮރެއާގެ ހަތަރު ވަނަ ޑިވިޝަނުގެ ޕޮޗެއޮން އާއި ބަންގަލޭޝް ލީގުގެ ރަނަރަޕް ޗިޓަގޮންގް އަބަހާނީ ބައްދަލުކޮށް މޮޅުވާ ޓީމަކާ އެވެ.
"މިއީ އަހަރެމެންނަށް ބޮޑު ކާމިޔާބެއް. ހަމައެކަނި އަހަރެމެންނަށް ނޫން މުޅި ގައުމަށް ވެސް މެ،" ރޭގެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ނިޒާމް ބުންޏެވެ. "ހީކުރި ގޮތާ އެއްގޮތަށް އުނދަގޫ މެޗަކަށް ވެގެން ދިޔައީ މި މެޗު. މި މޮޅާ މެދު ވަރަށް އުފާވެފައި މިހިރީ. އަހަރެމެންގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ. ގައުމީ ޓީމުގެ އަށް ކުޅުންތެރިން ހިމެނޭ ޓީމަކާ ދެކޮޅަށް އަހަރެމެންނަށް ވެސް ކުޅެވިދާނެކަން މި އެނގުނީ."
ރާއްޖޭގެ ޔޫތު ގައުމީ ޓީމުތަކަށް މީގެ ކުރިން ކޯޗުކޮށްދީފައިވާ ނިޒާމް ބުނީ މިއަށް ވުރެ ގިނަ ގޯލް ވެސް ޖެހުނީސް ކަމަށާއި އެކަމަކު މީގައި މުހިއްމީ މޮޅެއް ކަމަށެވެ. އޭނާ ވަނީ ފަހު 10 މިނެޓުގެ ތެރޭ ޓީސީން ގިނަ ފުރުސަތުތަކެއް ހޯދިކަން ފާހަގަކޮށްފަ އެވެ.
"އަހަރެމެންނަށް އެންމެ ބޮޑަށް އެހީވީ ފިޒިކަލް ކޮންޑިޝަން. ދެ ވަނަ ހާފުގައި އަހަރެމެން ރަނގަޅު ގޭމެއް ކުޅުނީ. އެ ޓީމުގެ ފިޓްނަސް މައްސަލަ ފާހަގަވި ހާއްސަކޮށް ފަހު 10 މިނެޓުގައި،" ނިޒާމް ބުންޏެވެ.
އިއްޔެގެ މެޗުގައި ޓީސީގެ ގޯލް ބެލެހެއްޓީ މަނަންގް މަޝްޔަންޑީގެ ކުރީގެ ގޯލްކީޕަރު އަދި ނޭޕާލް ގައުމީ ކީޕަރު ކިރަން ޝެމްޔޮން އެވެ. މި މެޗުގައި އޭނާ އެރުވުމާ މެދު ދެ ވަނަ ވިސްނުމަކަށް ދިޔަތޯ އެހުމުން ނިޒާމް ބުނީ ހުރިހާ ކުޅުންތެރިންނަށް ވެސް އިތުބާރުކުރާ ކަމަށެވެ.
"އަހަރެން މެޗުގެ ކުރިން އޭނާ ގާތު ބުނިން މިއީ އޭނާ އަށް ގައުމަށް (ފެންވަރު) ސާބިތުކޮށްދޭން ލިބޭ ފުރުސަތެކޭ. ކިރަން ވަރަށް ރަނގަޅު ކުޅުމެއް ދެއްކީ. މި މުބާރާތުގައި އެހެން ކީޕަރަކަށް ވުރެ ގިނައިން އޭނާ ގޯލްތަކެއް ސަލާމަތްކޮށްފި. އޭނާއާ މެދު ވަރަށް ހިތްހަމަޖެހޭ،" ނިޒާމް ބުންޏެވެ. --- (ގޯލްނޭޕާލް)