"އުޅްތާ ޕަންޖާބު" ފާސްކޮށްދީފި ކަމަށް ސެންސަރު ބޯޑު ޗެއާމަން ބުނެފި
"އުޅްތާ ޕަންޖާބު" ފާސްކޮށްދީފި ކަމަށް ސެންސަރު ބޯޑު ޗެއާމަން ބުނެފި

"އުޅްތާ ޕަންޖާބު" ފާސްކޮށްނުދޭން ސެންސަރު ބޯޑުން ނިންމާފައިވާ ކަމަށާއި ފިލްމުގެ ނަމުން "ޕަންޖާބު" ކަނޑާލަން ސެންސަރު ބޯޑުން އަންގާފައިވާ ވާހަކަތަކަކީ ފިލްމު އިސްތިހާރުކުރަން ބަޔަކު ކުރި ކަމެއް ކަމަށް މިހާރު ބެލެވެން ފަށައިފި އެވެ. ނޫން ނަމަ ހައި ކޯޓުގައި މައްސަލަ ބަލަން ފެށުމުން ސެންސަރު ބޯޑުން ކުރިން ދެއްކި ބަހަނާތައް ނުދައްކާ ވާހަކަތަކެއް ހަދަން މަސައްކަތް ކުރަނީ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެ ގައުމުގެ ސެންސަރު ބޯޑުގެ ޗެއާމަން ޕެހެލަޖް ނިހަލާނީ ވަނީ "އުޅްތާ ޕަންޖާބު" އާ ބެހޭ ގޮތުން ދެކެވުނު ހުރިހާ ވާހަކަތަކެއް ދޮގުކޮށްފަ އެވެ. އަދި ސެންސަރު ބޯޑުން "އޭ" ސެޓްފިކެޓަކާ އެކު "އުޅްތާ ޕަންޖާބު" ފާސްކޮށްދީފައިވާ ކަމަށް ޗެއާމަން ބުނެފައިވާ ކަމަށް ނޫސްތަކުން ބުނެ އެވެ. އަދި ސެންސަރު ބޯޑުން ފިލްމުގެ ނަމުން "ޕަންޖާބު" ކަނޑާލަން އެންގިކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ވެސް ކަނޑައެޅިގެން ދޮގެއް ކަމަށް ޗެއާމަން ބުނެފައިވާ ކަމަށްވެ އެވެ.

މިއީ "އުޅްތާ ޕަންޖާބު" ބަލާހިތުން ތިބި މީހުންނަށް ވަރަށް އުފާވެރި ޚަބަރަކަށް ވާނެކަން ޔަގީނެވެ. މިހާރު މިވީ ގޮތުން އަންނަ ހުކުރު ދުވަހު މި ފިލްމު ސިނަމާތަކުގައި އަޅުވަން އެއްވެސް ހުރަހެއް ނެތެވެ.

"އަހަރެން ކަންތައްތައް ކުރަނީ ގަވާއިދުން އެކަން ކުރަން އޮންނަ ގޮތަށް. ފިލްމަށް ސެޓްފިކެޓް ދޫކުރަނީ ސެންސަރު ބޯޑުގެ ގައިޑްލައިން އާ އެއްގޮތަށް،" ޗެއާމަން ބުނެފައިވެ އެވެ.