22 އޯގަސްޓް 2024 - 14:33

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބަށް ނުހުންނެވޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި މިހާރު ތިއްބަވަނީ ނުވަ މެންބަރުންނެވެ. އެއީ ބަންޑާރަ ނައިބާއި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ރައީސާއި ނައިބު ރައީސް އަދި އިތުރު ހަ މެންބަރެކެވެ.
ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު ހުސައިން ޝަރީފް ހުށަހެޅުއްވި ބިލު ކޮމިޓީން ފާސްކުރި ގޮތަށް މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 77 މެންބަރުންގެ އިއްތިފާގުންނެވެ.
އެ ބިލުްގައިވާ ގޮތުން، އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސް އަދި އިތުރު ހަތް މެންބަރެކެވެ.
މީގެ އިތުރުން ބިލުގައި ވަނީ ރަސްމީ އިދާރާތަކުގައި ރަޖިސްޓްރީ ކޮށްގެން ކިޔަވައިދޭ މަރުކަޒުތަކުން ދޫކޮށްފައިވާ ލިޔުންތަކުގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައި ދިނުމާއި ރައްޔިތުންނަށް ދޫކޮށްފައިވާ ރަސްމީ ލިޔުންތައް ނުވަތަ ތައުލީމީ ސަނަދުތައް ބޭރު ގައުމުތަކުގައި ބޭނުން ކުރުމަށް އެ ގައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުން ވެސް އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖެހޭ ގޮތަށް ވެސް މި ގާނޫނުގައި ވަނީ އިސްލާހު ހިމަނައިފަ އެވެ.
ބިލް ކޮމިޓީ މަރުހަލާގައި ދިރާސާކުރުމަށް ފަހު ފާސްކޮށްފައިވަނީ ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް އެވެ. ކޮމިޓީން ވަނީ ބާ ކައުންސިލްގެ މެންބަރުންނާ ބައްދަލުކޮށް އެ ބޭފުޅުންގެ ލަފާ އަދި ބަންޑާރަ ނައިބުގެ ލަފާ ވެސް ހޯދައިފަ އެވެ.
ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަން ލިބޭނީ، ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ގޮތަށް އެކްސްކޯ އިން ބަންޑާރަނައިބު އުނި ކުރުމުން ކަމަށް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.