އޮސްކާގައި އޯމް ޕޫރީގެ ހަނދާން އާކުރިއިރު ބޮލީވުޑުން ހަނދާން ނައްތާލައިފި: ނަވާޒުއްދީން
އޮސްކާގައި އޯމް ޕޫރީގެ ހަނދާން އާކުރިއިރު ބޮލީވުޑުން ހަނދާން ނައްތާލައިފި: ނަވާޒުއްދީން

އޮސްކާ އެވޯޑުގެ ކުލަގަދަ ހަފުލާގައި ބޮލީވުޑް ކުރީގެ ތަރި އޯމް ޕޫރީގެ ހަނދާން އާކުރުން ވެގެން ދިޔައީ އިންޑިއާގެ ގިނަ ބަޔަކަށް ވަރަށް އަސަރު ކުރި ކަމަކަށެވެ. އޮސްކާ އިންތިޒާމްކުރި ފަރާތަށް އެކަމާ ގުޅިގެން އިންޑިއާގެ އެތައް ބަޔަކު ޝުކުރު އަދާކުރި އެވެ.

އޯމް ޕޫރީއާ އެކު "ބަޖްރަންގީ ބައިޖާން"ގައި މަސައްކަތްކުރި އެކްޓަރު ނަވާޒުއްދީން ސިއްދީގީގެ އޮތީ އެންމެ ޝަކުވާ އެކެވެ. އޮސްކާ ފަދަ ދުނިޔޭގެ ގަދަރު އުފުލިގެންވާ އެވޯޑް ހަފުލާއެއްގައި، އޯމް ޕޫރީ ސިނަމާއަށް ކޮށްދިން މަސައްކަތް ހަނދާންކޮށް ހައްގު އިހްތިރާމް އަދާކުރިއިރު ބޮލީވުޑްގެ އެއްވެސް އެވޯޑު ޝޯއަކުން މި މަންޒަރު ފެނިފައި ނުވުމެވެ.

ކުރީ އަހަރު މަރުވެފައިވާ އާޓިސްޓުންގެ ހަނދާން ފިލްމުފެއާ އެވޯޑުގައި އާއްމުކޮށް އާކުރި ނަމަވެސް މިފަހަރު އެ އެވޯޑު ހަފުލާގައި ވެސް އޯމް ޕޫރީގެ ނަން ނުވެސް ކިޔަ އެވެ.

"އެކަމަޑަމީ އެވޯޑުން އޯމް ޕޫރީ އަށް ހައްގު ޝުކުރުއަދާކުރި. ނަމަވެސް ބޮލީވުޑް އެވޯޑް ހަފުލާތަކުގައި، އޭނާ ސިނަމާއަށް ކޮށްދިން މަސައްކަތުގެ ވާހަކަ ނުވެސް ދެއްކި. ލަދު ގަންނަން ޖެހޭ،" ނަވާޒުއްދީންގެ ޓުވީޓްގައި ބުނެފައިވެ އެވެ.

ހިންދީ ސިނަމާގެ އިތުރުން ހޮލީވުޑްގައި ވެސް އޯމް ޕޫރީ ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވެ އެވެ. އޭނާ ކުޅުނު ބައިނަލްއަގުވާމީ ފިލްމުތަކުގެ ތެރޭގައި އީސްޓް އިޒް އީސްޓް، ސިޓީ އޮފް ޖޯއި، ވުލްފް، ދަ ގޯސްޓް، ޑާކްނަސް އެންޑް ޗާލީ ވިލްސަންސް ވޯ ހިމެނެ އެވެ.