28 ފެބުރުއަރީ 2017 - 11:01

ލަންޑަން (ފެބްރުއަރީ 28) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ 3-1 އިން ލިވަޕޫލްގެ މައްޗަށް މޮޅެއް ހޯދަން ލެސްޓާ ސިޓީ އަށް ހިތްވަރު ލިބުނީ ފާއިތުވި ދުވަސްތަކުގައި މީޑިއާ އިން އެ ޓީމަށް އަމާޒުކުރި ފާޑުކިޔުންތަކުގެ ސަބަބުން ކަމަށް އެ ޓީމުގެ ފޯވާޑް ޖޭމީ ވާޑީ ބުނެފި އެވެ.
އިނގިރޭސި ބައެއް މީޑިއާތަކުން ވަނީ ލެސްޓާ ކޯޗުކަމުން ކްލައުޑިއޯ ރަނިއޭރީ ވަކިކުރުމުގައި އެ ޓީމުގެ ކުޅުންތެރިން ވަނީ ނުފޫޒުގެ ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އެ ކުޅުންތެރިންގެ ތެރޭގައި ވާޑީ ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
"ވަރަށް ބޭއިންސާފުން އަހަރެމެންނާ ގުޅުވައިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް މީޑިއާ އިން ގެނެސްދީފި. އެއީ ކަންނޭނގެ މި މެޗުގައި އަހަރެމެންނަށް މި ފެނުނު ހަގީގަތަކީ. މި ޓީމު މޮޅެއް ހޯދުމަށް ރުޅިގަދަވެފައި ހުރި މިންވަރު. ފާޑުކިޔުންތަކުން އަހަރެމެންނަށް ލިބުނު ހިތްވަރު،" ރޭގެ މެޗަށް ފަހު ވާޑީ ބުންޏެވެ.
އޭނާ ބުނީ މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގު ހޯދިއިރު ލެސްޓާ އިން ދެއްކި ކުޅުން މި ސީޒަނުގެ ބާކީ ބައިގައި ވެސް ތަކުރާރުކުރެވޭނެ ކަމަށެވެ.
ރޭގެ މެޗުގައި ވާޑީ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މިއީ މިދިޔަ ޑިސެމްބަރު މަހު 10 ވަނަ ދުވަހަށް ފަހު ލީގުގައި ވާޑީ ލަނޑު ޖެހި ފުރަތަމަ މެޗެވެ.
ލެސްޓާގެ މިޑްފީލްޑަރު ޑެނީ ޑްރިންވޯޓާ ބުނީ މިއީ ލެސްޓާގެ ކުޅުންތެރިންނާއި ސަޕޯޓަރުން އެކުވެގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.
"ކޯޗު ވަކިކުރުމަކީ މެނޭޖްމަންޓްގެ ޑިސިޝަނެއް. އޭގެ އަސަރު ކުޅުންތެރިންނަށް ވެސް ސަޕޯޓަރުންނަށް ވެސް ކުރާނެ. އެއީ ރަނިއޭރީ އަކީ ލެސްޓާގެ ތާރީހާ ގުޅިފައިވާ ކޯޗެއް. އެކަމަކު ކްލަބްގެ ކުރިމަގަށް ވިސްނާފައި މިއީ ސަޕޯޓަރުންނާއި ކުޅުންތެރިން އެކުވެގެން މަސައްކަތް ކުރަންވީ ވަގުތު،" ޑްރިންކްވޯޓާ ބުންޏެވެ.
ލީގުގައި މި އަހަރު ހޯދި ފުރަތަމަ މޮޅާ އެކު ލެސްޓާ ވަނީ ރެލިގޭޝަން ޒޯނާ ދުރަށް ޖެހިލައިފަ އެވެ. އެ ޓީމު މި ވަގުތު އޮތީ 26 މެޗުން 24 ޕޮއިންޓާ އެކު ލީގުގެ 15 ވަނައިގަ އެވެ.