ރާއްޖޭގެ ކެޕްޓަން އަންމަޑޭ އާއި ސްމައިލީ ހަތަރުވަނަ ބުރަށް
ރާއްޖޭގެ ކެޕްޓަން އަންމަޑޭ އާއި ސްމައިލީ ހަތަރުވަނަ ބުރަށް

އޭޝިއަން ސާފިން ޗެމްޕިންޝިޕްގެ ހަތަރުވަނަ ބުރަށް ގައުމީ ކެޕްޓަން އަހްމަދު އާގިލް (އަންމަޑޭ) ދަތުރުކޮށްފި އެވެ.

ރާއްޖޭގެ ކެޕްޓަން އަންމަޑޭ އާއި ސްމައިލީ ހަތަރުވަނަ ބުރަށް
ރާއްޖޭގެ ކެޕްޓަން އަންމަޑޭ އާއި ސްމައިލީ ހަތަރުވަނަ ބުރަށް

އަންމަޑޭގެ ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ މުބާރާތުގެ ތިންވަނަ ބުރުގައި މިއަދު އޭނާ ވަނީ ވާދަކުރި ހީޓުން ދެވަނަ ހޯދައިފަ އެވެ.

ފިލިޕީންސްގެ އެއްވަނަ ސާފަރު ޖޯން މާކް ޓޮކޮންގް ވާދަކުރި ހީޓޫން އަންމަޑޭ ވަނީ 11.50 ޕޮއިންޓް ހޯދާފަ އެވެ. ތަޖުރިބާކާރު ޖޯން މާކް އެ ހީޓްގެ އެއްވަނަ ހޯދީ 18.34 ޕޮއިންޓް ހޯދައިގެންނެވެ. ހީޓްގެ ތިންވަނަ އަށް ދިޔަ ކަވަސަކިރެ މަލާވީރަށް ލިބުނީ 9.60 ޕޮއިންޓެވެ. ހަތަރުވަނަ އަށް ދިޔައީ ޗައިނާގެ ޒެޔޫން ޒަހަންގު އެވެ. އޭނާ އަށް ސްކޯ ކުރެވުނީ 5.20 ޕޮއިންޓެވެ.

ރާއްޖޭގެ ޓީމު ބީގައި ހިމެނޭ، އިސްމާއީލް ރަޝީދު (ސްމައިލީ) ވެސް ވަނީ ހަތަރުވަނަ ބުރަށް ދަތުރުކޮށްފަ އެވެ. އޭނާ ވާދަކުރި ހީޓް ތިނަކުން ދެވަނަ ހޯދި އެވެ.

އެ ހީޓްގެ އެއްވަނަ އަށް ދިޔައީ ތައިލެންޑްގެ ނަތެކްރޯން ސައެލީ އެވެ. އޭނާ ވަނީ 10.87 ސްކޯކޮށްފަ އެވެ. އޭނާ ވަނީ ހަ ރާޅުގައި އަޅައިފަ އެވެ.

ސްމައިލީ ފަސް ރާޅުން ހޯދުނީ 8.07 ޕޮއިންޓެވެ. އެ ހީޓްގެ ތިންވަނަ އަށް ދިޔަ ބަންގްލަދޭޝްގެ މުހައްމަދު މަންނާން އަށް ސްކޯ ކުރެވުނީ 6.97 ޕޮއިންޓެވެ. ހަތަރުވަނަ އަށް ދިޔައީ ތައިލެންޑްގެ ޓިން ޖޯންސަން އެވެ.

ތިންވަނަ ބުރުގެ މެންދުރު ކުރީގެ ހީޓްތަކުގައި ރާއްޖޭގެ އަހްމަދު ހިޝާމް ޝަހީމާއި ހަސަން ނާސީހަށް ޖެހުނީ ތިންވަނަ ބުރާއި ހަމައިން މުބާރާތުން ވަކިވާށެވެ. މެންދުރު ފަހުގެ އިވެންޓްތަކުގައި ރާއްޖޭގެ އެހެން އެތުލީޓުން ވާދަކުރާނެ އެވެ.

މިފަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕުން، 2026 ގައި ޖަޕާނުގައި ބާއްވާ އޭޝިއަން ގޭމްސް އަށް ކޮލިފައިވުމުގެ ފުރުސަތު ލިބޭނެ އެވެ.