28 ފެބުރުއަރީ 2017 - 09:48

ލަންޑަން (ފެބްރުއަރީ 28) - ކްލައުޑިއޯ ރަނިއޭރީ ޓީމުގެ ކޯޗުކަމުން ވަކިކުރުމުގެ މާޔޫސްކަން ލިބިފައިވާ ލެސްޓާ ސިޓީ ރޭ ލިވަޕޫލް އަތުން 3-1 އިން މޮޅުވެ ބޮޑު ހިތްހަަމަ ޖެހުމެއް ހޯދައިފި އެވެ.
މިއީ 2017 ވަނަ އަހަރު ލެސްޓާ ޕްރިމިއާ ލީގުގައި ހޯދި ފުރަތަމަ މޮޅެވެ. އަދި މި އަހަރު ލީގުގައި ޖެހި ފުރަތަމަ ލަނޑުތަކެވެ.
މި މެޗުން މޮޅުވެ ލެސްޓާ ވަނީ ރެލިގޭޝަން ޒޯނާ ދުރަށް ޖެހިލައިފަ އެވެ. އެ ޓީމު މި ވަގުތު އޮތީ 26 މެޗުން 24 ޕޮއިންޓާ އެކު ލީގުގެ 15 ވަނައިގަ އެވެ. ރޭގެ މެޗުން މޮޅުވެ ލީގުގެ ތިން ވަނަ އަށް ޖެހިލަން ލިބިފައި އޮތް ފުރުސަތު ލިވަޕޫލަށް ވަނީ ގެއްލިފަ އެވެ. އެ ޓީމު އޮތީ 26 މެޗުން ލިބުނު 49 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ.
ރޭގެ މެޗުގައި ލެސްޓާ އަށް ވަގުތީ ގޮތުން އިރުޝާދުދިނީ ޓީމުގެ އެސިސްޓަންޓް ކްރެއިކް ޝޭކްސްޕިއާ އެވެ. ލިވަޕޫލާ ދެކޮޅަށް ރޭ ލެސްޓާ އިން ދައްކާފައިވަނީ މިދިޔަ ސީޒަނުގައި އެ ޓީމުގެ ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދިއިރު ދެއްކި ފަދަ މޮޅު ކުޅުމެކެވެ.
ފުރަތަމަ މިނިޓުން ފެށިގެން ލެސްޓާ އިން ދިޔައީ ލިވަޕޫލަށް ނުރައްކާ ކުރަމުންނެވެ. ލެސްޓާ އަށް މެޗުގެ 28 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ޖޭމީ ވާޑީ އެވެ. މިއީ މިދިޔަ ޑިސެމްބަރު މަހު 10 ވަނަ ދުވަހުގެ ފަހުން ވާޑީ ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ. މި ލަނޑު ޖެހުމުގެ ކުރިން ވާޑީ ފޮނުވާލި ދެ ހަމަލާއެއް ލިވަޕޫލް ކީޕަރު ސިމޮން މިންޔޮލޭ ވަނީ މަތަކޮށްފަ އެވެ.
ލެސްޓާ ލީޑުނެގިތާ ހަ މިނިޓް ފަހުން ނަތީޖާ ހަމަހަމަ ކުރަން ލިވަޕޫލްގެ ފިލިޕޭ ކޯޓީނިއޯ އަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. އޭރިއާ ތެރެއިން ކޯޓީނިއޯ ފޮނުވާލި ބޯޅަ ލެސްޓާ ކީޕަރު ކެސްޕަ ޝްމައިކަލް ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ލެސްޓާ އިން ލީޑުފުޅާކުރީ ޑެނީ ޑްރިންކްވޯޓާގެ ހިތްގައިމު ގޯލުންނެވެ. މެޗުގެ 39 ވަނަ މިނިޓްގައި ޑްރިންކްވޯޓާ މި ލަނޑު ޖެހީ އޭރިއާ ބޭރުން ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލަައިގެންނެވެ. މިއީ ޑްރިންކްވޯޓާ މި ސީޒަނުގައި ޖެހި ފުރަތަމަ ވަނަ ލަނޑެވެ.
ދެ ވަނަ ހާފް ފެށިގެން 15 މިނިޓް ތެރޭ ލެސްޓާގެ ތިން ވަނަ ލަނޑު ޖެހީ ވެސް ވާޑީ އެވެ. އޭގެ އަށް މިނިޓް ފަހުން ކޯޓީނިއޯ ވަނީ ލިވަޕޫލަށް ލަނޑެއް ޖަހައިދީފަ އެވެ.
ރޭގެ މެޗު ކުރިއަށްދިޔައިރު ލެސްޓާގެ ސަޕޯޓަރުން ވަނީ ރަނިއޭރީ އަށް ޝުކުރު އަދާކުރުމަށް ގިނަ ޝުއޫރުތަކެއް ފާޅުކޮށްފަ އެވެ. އަދި ޝުކުރުގެ މެސެޖުތައް ލިޔެފައިވާ ޕޯސްޓަރުތައް ވެސް ވަނީ ދަނޑުގައި ބަހައްޓައިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ލެސްޓާ އިން އަންނަނީ ކުރިން މެންޗެސްޓާ ސިޓީ އަށް ޕްރިމިއާ ލީގު ހޯދައިދިން ކޯޗު ރޮބާޓޯ މަންޗިނީއާ މަޝްވަރާކުރަމުންނެވެ.
ލެސްޓާ އަށް ރޭގެ މެޗުގައި އިރުޝާދުދިން ޝޭކްސްޕެއާ ބުނީ އެ ޓީމުގެ ކޯޗުކަމާ ދާއިމީ އެއްބަސްވުމެއްގެ ދަށުން ހަވާލުވާން ތައްޔާރަށް ހުރި ކަމަށެވެ.