ކްރީތީ އާއި ސުޝާންތު "ރާބްތާ"ގެ ޝޫޓިން ނިންމާލައިފި
ކްރީތީ އާއި ސުޝާންތު "ރާބްތާ"ގެ ޝޫޓިން ނިންމާލައިފި

ހަންގޭރީގެ ބުޑަޕެސްޓްގައި ކުރިއަށްދިޔަ "ރާބްތާ"ގެ ޝޫޓިން ފިލްމުގެ ތަރިން ކަމަށްވާ ސުޝާންތު ސިންގް ރާޖްޕޫތާއި ކްރީތީ ސަނަން ނިންމާލައިފި އެވެ.

ޝާހްރުކް ޚާންއާ އެކު "ދިލްވާލޭ" އިން އެންމެ ފަހުން ފެނުނު ކްރީތީ ކުރި ޓުވީޓެއްގައި އޭނާ ބުޑަޕެސްޓްގެ މަތިން ވަރަށް ހަނދާން ވާނެ ކަމަށް ބުނެފައިވެ އެވެ.

"ބާއި ބާއި ބުޑަޕެސްޓް. ފާއިތުވީ 2.5 މަސް ދުވަހު ތި ރަށުގައި ހޭދަކުރި ދުވަސްތައް ވަރަށް ހިތްހަމަޖެހޭ. ވަރަށް ހަނދާންވާނެ،" ކްރީތީގެ ޓުވީޓްގައި ބުނެފައިވެ އެވެ.

ދިނޭޝް ވިޖަން ޑައިރެކްޓްކޮށްފައިވާ "ރާބްތާ"ގެ ދިގު ޝެޑިއުލްގެ ތެރޭގައި ސުޝާންތު އާއި ކްރީތީގެ ގުޅުން ބަދަހިވެފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން މީގެ ކުރިން ބުނެފައިވެ އެވެ.

ސުޝާންތު ވަނީ އޭނާ އަށެއްކަ އަހަރު ވަންދެން ރައްޓެހިވެގެން އުޅުނު ޓީވީ ބަތަލާ އަންކިތާއާ ރުޅިވެފަ އެވެ. އަދި ސުޝާންތު އަންކިތާއާ ރުޅިވީ ކްރީތީ އާ ހެދި ކަމަށް ވާހަކަ ދެކެވެ އެވެ.

"ރާބްތާ"ގެ ޝޫޓީން ނިމުނަސް ސުޝާންތު ކުޅެމުންދާ ފިލްމުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ރިލީޒްވާނީ އިންޑިއާގެ މަޝްހޫރު ކުޅުންތެރިޔާ މަހެންދުރަ ސިންގް ދޯނީގެ ބައޮޕިކް "އެމް.އެސް.ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" އެވެ.

ނީރަޖް ޕާންޑޭ ޑައިރެކްޓްކޮށްފައިވާ މިފިލްމު އަންނަ ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.