20 އޯގަސްޓް 2024 - 15:20

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލާގައި ތުހުމަތުވާ ކަންކަމާ ގުޅޭ ލިޔެކިޔުންތައް ހޯދުމަށް ފަހު، ބުރާސްފަތިދުވަހު ކޮމިޓީއަށް ހާޒިރުކުރުމަށް ޖުޑީޝަރީ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ސަރުކާރަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި އެ މައްސަލާގައި ޖުޑީޝަރީ ކޮމިޓީން ނިންމާފައިވަނީ ތުހުމަތު ކުރެވޭ މައްސަލަތަކުގައި ޖަވާބުދާރީވާން ޝަމީމަށް ފަސް ދުވަހުގެ ފުރުސަތެއް ދިނުމަށެވެ.
ކޮމިޓީގެ މުގައްރިރު މަނަދޫ ދާއިރާގެ މެންބަރު ހުސްނީމުބާރަކް ވިދާޅުވީ އެ މުއްދަތު ހަމަވާނީ ބުދަ ދުވަހަށް ކަމަށާއި އެހެންކަމުން ޕީޖީ ހާޒިރު ކުރަން ބުރާސްފަތިދުވަހަށް އެޖެންޑާ ކުރައްވާނެ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ވަނީ، ޝަމީމަށް ތުހުމަތުވާ ބައެއް މައްސަލަތަކުގެ ހުލާސާ ބަޔާންތަކާއި ޕީޖީ އޮފީހުގެ މުވައްޒަފުންގެ މެދުގައި ތަފާތު ކުރުންތައް ގެންގުޅުނު ކަމަށް ބުނާ މައްސަލާގައި އޮފީހުން ބޭރު ގައުމުތަކަށް ފޮނުވާފައިވާ ދަތުރުތަކުގެ ތަފްސީލީ ލިޔުންތައް ހޯދުމަށް އެދިފަ އެވެ.
މި ލިޔެކިޔުންތައް ހޯދަން ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. މި ހުށަހެޅުން ފާސްކޮށް ކޮމިޓީން ނިންމާފައިވަނީ ޕީޖީ ހާޒިރުކުރާ ދުވަހުގެ ކުރިން މި ލިޔެކިޔުންތައް ހޯދުމަށް ޕީޖީ އޮފީހުގައި އެދުމަށެވެ.
- ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާތައް ފައިލް ކުރުން
- މަގާމުގައި ދެމި ހުރުމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުން
- ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިޔުން
- ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމުން
ޕީޖީގެ މަގާމަށް ޝަމީމް އައްޔަން ކުރެއްވީ ޑިސެމްބަރު، 2019 ގަ އެވެ. އޭނާގެ ދައުރު އަންނަ ޑިސެމްބަރު މަހު ހަމަވާނެ އެވެ.