20 އޯގަސްޓް 2024 - 12:27

ގަދަ ވަޔާއި ބޯ ވާރޭތެރޭގައި ތެރޭގައި ވެސް އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ތިންވަނަ ބުރަށް މަރްޔަމް ރިހާލް (އާޔާ) ނަސީމް ދަތުރުކޮށްފި އެވެ.
މިއީ އޭޝިއާގެ އެންމެ ބޮޑު ސާފިން މުބާރާތުގެ ފުރަތަމަ ބުރު ކަޑަތުކޮށް ތިންވަނަ ބުރުން އާޔާ ޖަގަ ހޯދި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ފުރަތަމަ ބުރަށް ވުރެ ދުރަކަށް އޭނާ އަށް ނުދެވުނެވެ.
މިދިޔަ އަހަރު ފުރަތަމަ ބުރުގައި ވާދަކޮށް، ތިންވަނަ ބުރަށް ކޮލިފައިނުވުމުން، އާޔާ އަށް ދެން ޖެހުނީ ޕްލޭއޮފް ބުރު ނުވަތަ ރެޕޭޗާޖް ދެވަނަ ބުރުގައި ވާދަކުރާށެވެ. އެ ބުރުގައި ވެސް އޭނާ އަށް ކާމިޔާބު ނުލިބުމުން އެ ހިޓާ ހަމައިން އޭނާ އަށް ޖެހުނީ މުބާރާތުން ވަކިވާށެވެ.
މިއަދު ހެނދުނު އަންހެން އިވެންޓްގެ ފުރަތަމަ ބުރުގައި ވާދަކުރަން، ސާފަރުން މޫދަށް ފޭބިއިރު ވައިގަދަވެ ބޯކޮށް ވާރޭ ވެހެމުން ދެ އެވެ. ބައެއް އެތުލީޓުންނަށް، ގަދަވައިގައި ކަނދުމަތީގައި ހިފަހައްޓާލުން ވެސް ވީ ގޮންޖެހުމަކަށެވެ.
އަންހެން ޑިވިޝަނުގެ ހީޓް ހަތަރެއްގައި ވާދަކޮށް އާޔާ ވަނީ 3.16 ޕޮއިންޓް ހޯދާފަ އެވެ. އއެ ހީޓްގެ އެއްވަނަ ހޯދި ޗައިނާގެ ސިކީ ޔަން ސްކޯ ކުރީ9.27 އެވެ. އެ ހީޓްގައި ވާދަކުރަން ހަމަޖެހިފައި އޮތް އިރާންގެ ޔާސްމީން ހުސައިނ ޒާދީ އަތަރީ، ވާދައެއް ނުކުރެ އެވެ.
ރާއްޖޭން ވާދަކުރާ ދެވަނަ އަންހެން އެތުލީޓް އަދި މިފަހަރުގެ ފްލެގް ބެރިއާ ޝާޒިޔާ ސައީދު (ޝާޒު) ވާދަކުރި ހީޓުން އޭނާ އަށް ލިބުނީ ތިންވަނަ އެވެ.
ތިންވަނަ ބުރަށް ދިއުމަށް އޭނާގެ އިންތިޒާރު ދިގު ވީ އެވެ. ތިންވަނަ ބުރުގެ ޖާގަ ހޯދަން ދެން އޭނާ އަށް ޖެހޭނީ ޕްލޭއޮފް ބުރުގައި ވާދަކުރާށެވެ.
ޝާޒު ވާދަކުރި ހީޓް ފަހަކުން އެއްވަނަ ހޯދީ ޖަޕާނުގެ އަރީސާ އިޝީ އެވެ. އޭނާ ވަނީ 8.77 ޕޮއިންޓް ސްކޯކޮށްފަ އެވެ. ދެވަނަ ހޯދި އިންޑިއާގެ ކަމާލީ ޕްރަކާޒް އަށް ސްކޯކުރެވުނީ 7.27 ގަ އެވެ. ޝާޒު އަށް ހޯދުނީ 2.04 ޕޮއިންޓެވެ.