27 ފެބުރުއަރީ 2017 - 23:30

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު، ބޭސްފަރުވާއަށް ފަހު މިރޭ މާލެ ވަޑައިގެންފި އެވެ.
ޖަލަށް ލި ފަހުން މަހުލޫފް ބޭސްފަރުވާ އަށް ދެވަނަ ފަހަރަށް އިންޑިއާ އަށް ވަޑައިގަތީ މި މަހުގެ 21 ވަނަ ދުވަހުގަ އެވެ. މިދިޔަ ޑިސެމްބަރު މަހު ވެސް މަހުލޫފް ބޭސްފަރުވާ އަކަށް އިންޑިއާ އަށް ވަޑައިގަތެވެ.
ފަރުވާގެ ކަންތައް ކުރުމަށް ކަރެކްޝަނަލް ސާވިސް އިން މަހުލޫފަށް މި ފަހަރު ދިނީ ހަތް ދުވަހުގެ މުއްދަތެކެވެ.
މަހުލޫފުގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) ވިދާޅުވީ މިރޭ ހަތެއް ޖަހާކަށްހާއިރު ރާއްޖެ ވަޑައިގަތުމާއެކު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން މަހުލޫފު މާފުށީ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ.
އެލާޖިކްގެ މައްސަލަތައް ދިމާވާތީ ތިން މަސް ވަންްދެން އިންޖެކްޝަން ޖަހަން ޑޮކްޓަރުން ވަނީ މީގެ ކުރިން މަހުލޫފަށް ލަފާދީފަ އެެވެ. އިންޖެކްޝަންގެ ފުރަތަމަ ޑޯޒް މިފަހަރު ޖަހާފައިވާއިރު، އަންނަ މަހުގައި ވެސް އިންޖެކްޝަން ޖަހަން މަހުލޫފް އިންޑިޔާ އަށް ވަޑައިގަންނަވަން ޖެހޭ ކަމަށް ނަޒޫ ވިދާޅުވި އެވެ.
"ތިން މަސް ވަންދެން ޖެހޭ އިންޖެކްޝަން ޖަހަން. އެއަށް ފަހު ބަލި ރަނގަޅުވަމުން އަންނަ ކަން އެނގޭނީ،" ނަޒޫ ވިދާޅުވި އެވެ.
މަހްލޫފްގެ މައްޗަށް އިއްވި ހަ މަސް ދުވަހުގެ ޖަލު ހުކުމް މިދިޔަ މަހުގެ 17 ވަނަ ދުވަހު ވަނީ ތަންފީޒުކޮށް ނިމިފަ އެވެ. އޭނާ މިހާރު ހުކުމް ތަންފީޒު ކުރަމުން ގެންދަވަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކުރި ހުކުމެވެ. މަހްލޫފް މިނިވަން ވާނީ އަންނަ ޖޫން މަހުގެ ކުރީކޮޅުގަ އެވެ.