ކަނޑުގެ ދިރުންތަކާ އެކު ހަމްނާ ހުސެއިން، ދުނިޔޭގެ ސަމާލުކަން ހޯދާފައި ވަނީ ފުވައްމުލަކުގެ ފުރަތަމަ ސެޓިފައިޑް އަންހެން ޑައިވަރުގެ ގޮތުގައި އެކަންޏެއް ނޫނެވެ. މިޔަރެއްގެ ހިތްވަރުގައި ގޮސް ކަނޑަށް ފުންމާލި ހަމްނާ އަކީ ފުވައްމުލަކުގެ ޑައިވިން އިންޑަސްޓްރީގެ ލޭނާރު ކަމުގައިވާ މިޔަރުތަކުގެ އެންމެ ކުޅަދާނަ އަދި ހަމައެކަނި އަންހެން ބެލެނިވެރިޔާ ވެސް މެ އެވެ. އެކަން ފާހަގަކޮށް "ޓައިގާއައިސް" ގެ ނަމުގައި އުފައްދާފައިވާ ޑޮކިއުމެންޓްރީ ފިލްމަކަށް ވެސް އެ ދަނީ ބައިނަލްއަގުވާމީ ދުނިޔޭގެ ސަމާލުކަން ލިބެމުންނެވެ.

ހަމްނާ ދެއްކީ މިޔަރެއްގެ ހިތްވަރު
ހަމްނާ ދެއްކީ މިޔަރެއްގެ ހިތްވަރު

ހަމްނާ އޭނާ ސިފަކުރަނީ އަބަދުވެސް އިންސާފަށް ލޯބިކޮށް، ހަމަހަމަކަމަށް ވަކާލާތުކޮށް އަޑުއުފުލި އަންހެނެއްގެ ގޮތުގަ އެވެ. އަދި ވަކިން ހާއްސަކޮށް، އަންހެނަކަށް ވުމުން ދިރިއުޅުމުގެ މި ދަތުރުގައި ކުރިއަށް ދާން އަހަރެމެންގެ މުޖުތަމައުގައި ހުރި ހުރަސްތަކާ ކުރިމަތިލާން ނުކުތް ބާރެއްގެ ގޮތުގަ އެވެ. އޭނާ މި ވާހަކަ ކިޔައި ދިނީ ވަރަށް ކުޑައިރުގެ ހަނދާނަކުން ފަށައިގެންނެވެ.

ހަމްނާ ދެއްކީ މިޔަރެއްގެ ހިތްވަރު
ހަމްނާ ދެއްކީ މިޔަރެއްގެ ހިތްވަރު

ހަމްނާ ބުނާ ގޮތުން ނަމަ އޭނާގެ މި އާދަޔާހިލާފު ދަތުރު ފަށައިގެން ގޮސް ކަނޑަށް ފުންމާލަން ޖެހުނު ސަބަބު ވެސް އުފަންކުރުވީ ވެސް ކުޑައިރުން ފަށައިގެން އޭނާ ތަޖުރިބާކުރި އެތައް ތަފާތުކުރުމެކެވެ.

ހަމްނާ ދެއްކީ މިޔަރެއްގެ ހިތްވަރު
ހަމްނާ ދެއްކީ މިޔަރެއްގެ ހިތްވަރު

އޭނާގެ އަދަޔާޚިލާފު ހިތްވަރުން ހިތްހަމަޖެހުމެއް ލިބި، އެހެން އަންހެނުންނަށް ފިލާވަޅެއްގެ ގޮތުގައި ކިޔައިދޭން ފަށަން އޮތް ހިސާބަކީ މި އެވެ؛

ހަމްނާ ދެއްކީ މިޔަރެއްގެ ހިތްވަރު
ހަމްނާ ދެއްކީ މިޔަރެއްގެ ހިތްވަރު

ހަމްނާ ހުސެއިން އެ ދުވަހު ހުރީ ޕީރިއަޑްވެފަ އެވެ. އަދި ފުރަތަމަ ދުވަހުގެ އެ ވޭނާ ހެދި އޭނާ އެ ދުވަހު އުޅުނީ ދެ ފައި ރަނގަޅަށް ދަމާނުލެވިގެންނެވެ. އެކަމަކު ވެސް ގޮސް އިނީ ފުވައްމުލަކުގައި އޭނާ ވަޒީފާ އަދާކުރާ ޑައިވް ސެންޓަރުގައި ފުޅިތަކަށް ވައި އަޅާށެވެ. ސެންޓަރުގައި އުޅޭ ފިރިހެންވެރިން ވީ ހުކުރު ނަމާދަށް ގޮހެވެ.

ހަމްނާ ދެއްކީ މިޔަރެއްގެ ހިތްވަރު
ހަމްނާ ދެއްކީ މިޔަރެއްގެ ހިތްވަރު

އެ މީހުން ހުކުރުން ފައިބައިގެން އަންނަންވާއިރަށް، ފުޅިތަކަށް ވައި އަޅައި މެންދުރު ފަހު އޮތް ޑައިވަށް ހުރިހާ ކަމެއް ތައްޔާރުކުރުމަކީ ހަމްނާގެ ޒިންމާ އެވެ. އޭނާ އަކީ ފުވައްމުލަކުގައި އޭރު ޑައިވިނަށް ގޮސް، ޑައިވް ސެންޓަރެއްގައި މަސައްކަތްކުރަމުން ދިޔަ ހަމައެކަނި އަންހެން ކުއްޖާ އެވެ. އަދި ޑައިވިންގެ އެ ދުނިޔެ އާއި މާހައުލުގެ ވަޔާއި އޮއިގައި އޭނާ އަކީ މައުސޫމު ބީރައްޓެއްސެވެ.

ހަމްނާ ދެއްކީ މިޔަރެއްގެ ހިތްވަރު
ހަމްނާ ދެއްކީ މިޔަރެއްގެ ހިތްވަރު

"މިސާލަކަށް، ޑައިވަށް ދާއިރު އަޅުގަނޑު ޕީރިއަޑްވެފައި ހުރެއްޖެ ނަމަ އެކަމާ ޑީލްކުރަން ޖެހޭ ގޮތް ވެސް ބުނެދޭނެ މީހަކު ނެތް. އެ އަޅާ ހުރިހާ ވޭނަކާ އެކު ވެސް ހަމަ ޑައިވަކަށް ދާން ޖެހިދާނެ،" ހަމްނާ މި ވާހަކަ ފަށައިގަތީ ވަރަށް ފުންކޮށް ނޭވާލުމަށް ފަހު އެވެ.

ހަމްނާ ދެއްކީ މިޔަރެއްގެ ހިތްވަރު
ހަމްނާ ދެއްކީ މިޔަރެއްގެ ހިތްވަރު

ނަމަވެސް އެ ދުވަހުގެ ފުރައްސާރަ އޭނާއާ ބައްދަލުކުރީ ހަމަ އެއްވެސް އިންޒާރެއް ދިނުމެއް ނެތި އެވެ.

ހަމްނާ ދެއްކީ މިޔަރެއްގެ ހިތްވަރު
ހަމްނާ ދެއްކީ މިޔަރެއްގެ ހިތްވަރު

"ދެން ހުކުރުން ފައިބައިގެން މި ފިރިހެން ޑައިވަރުންތައް އައިސް ބުނެފި ހަމްނާ ވެސް ދާން ޖެހޭނެއޭ ޑައިވަށް. އޭރު އަޅުގަނޑު އުޅުނީ ތަދުވާވަރުން ކެތްނުކޮށްލެވިގެން."

އެކަމަކުވެސް ޑައިވަށް ދާން ހަމްނާ ތައްޔާރުވާން ފަށައިފި އެވެ. މޫދާއި ކަނޑަށް އޭނާގެ ހިތް ގެނބިފައި އޮތް ވަރު ބޮޑުކަމުންނެވެ. ނުވަތަ މަސައްކަތުގެ އަހުލާގުގައިވީ ފުރިހަމަ ކިޔަމަންތެރިކަމެވެ.

"ދެން އެ މީހުންނާ އެކު އެ ދުވަހު މޫދަށް ގޮސް މި މީހުން ބުނެފި، ހަމްނާއޭ ޖެހޭނީ މޫދުގައި އޮއި ހުރިވަރު ބަލާލަން. ދެން ތައްޔާރުވެގެން އަޅުގަނޑު ވެޓްސޫޓް ލައިގެން މޫދަށް ފުންމާލައިފިން. އެއާ އެކު އެންމެންތައް ހޭން ފަށައިފި،" ހަމްނާ ކިޔައިދިނެވެ.

"ދެން ބުނެފި ޑައިވް ކެންސަލްވެއްޖެއޭ. ތިމަންނަމެން ހިތަށް އެރީއޭ ހަމްނާ މޫދަށް ބާލުވާނީއޭ. އެކަމަކު އެ ސަމާސާ މާ ބޮޑު ކަމަކަށް ނަހަދައި ދެން އަޅުގަނޑު ދޯންޏަށް އަރައިފިން."

ފުރައްސާރަ އާއި ހަނގާކުރުމާއި އެކަހަލަ ވިޔާނުދާ ސަމާސާތަކަށް އާދަވެފައި ހުރި ހަމްނާ ގޮސް ޖައްސާލީ ދޯނީގެ ޑެކުމަތީގަ އެވެ. އޭނާ އިނީ އަދިވެސް ވެޓުސޫޓުގަ އެވެ. ވިއްސަކަށް މިނެޓު ފަހުން ގޮސް ދޯނި ފުވައްމުލަކުގެ ބަނދަރަށް ވަދެއްޖެ އެވެ.

"ޑައިވްކުރާއިރު ބްލީޑް ނުވާނެކަން އަޅުގަނޑަށް ދަސްވީ އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއިން. އަދި ޑައިވެއް ނިންމާލާފައި އެއްގަމަށް އެރުމާއި އަލުން ބްލީޑްވާން ފެށުމާ ދެމެދު އަޅުގަނޑަށް އެ ލިބޭ ވަގުތުކޮޅުގެ ދިގުމިނަށް ވެސް ފަރިތަވީ އަމިއްލަ ތަޖުރިބާއިން،" ރަށަށް ގޮސް ޑައިވް ސެންޓަރުގައި ވެޓްސޫޓް ބަދަލުކުރަން ނިންމި ސަބަބު ކިޔައިދެމުން ހަމްނާ ބުނެލި އެވެ.

"ދޯނި ގޮސް ބަނދަރަށް ވަންތަނުން އަޅުގަނޑަށް ހީވާން ފަށައިފި، ބްލީޑްވާން އުޅޭހެން. އެކަމަކު އެ މީހުންނާ ހެދި ދޯނިން ފައިބައިގެން ދެވޭނެ ގޮތެއް ނުވި."

ދޯނިން ފޭބުމަށް ހަމްނާ ތެޅިގަތް ކޮންމެ ފަހަރަކު ދޯނީގައި އިން ކައްޕި އޭނާގެ ދޯނި ތޮށިގަނޑާ ދުރުކޮށްލަނީ އެވެ. އަދި އެމީހުން އެކަން ކުރަމުން ގެންދިޔައީ ހަމްނާ އަށް ޖެއްސުމަކަށެވެ.

"އަޅުގަނޑު ދޯނިން ފައިބަން އުޅޭ ކޮންމެ ފަހަރަކު ދޯނި ތޮށިގަނޑާ ދުރުކުރަނީ. ކައިރިކޮށްފައި. ފައިބަން އުޅޭތަނުން ދުރުކުރަނީ. ދެން ވަރަށް ރުޅިގަދަވެ ހަޅޭލަވަން ފަށައިފިން އެންމެފަހުން. އަދި ބުނެފިން މަ މި ހުރީ ޕީރިއަޑްގައޭ. ފާހާނާ އަށް ދާން އެބަޖެހެއޭ،" ހަމްނާގެ އަޑު އައީ ކެނޑިގެންނެވެ.

"ދެން އަޅުގަނޑާ ދިމާލަށް އައި ކްރޫ ބުނެފި މަށަށް ކޮން ... ހެއްޔޭ ކަލޭ ޕީރިއަޑްވެފައި ހުއްޓަސް. މިހެން ބުނެފައި އެންމެފަހުން ދޯނި ފާލަމަށް ލަފައިފި."

ހާސްވެ، ރުޅިގަދަވެ، ތުރުތުރުލަމުން ދިޔަ ހަމްނާ ދޯނިން ފޭބުމަށް އަނެއްކާވެސް ތެޅިގަތެވެ. އަދި އަވަސް އަރުވާލައިގެން ދޯނިން ފައިބަން އުޅެނިކޮށް ފައި ކައްސާލައިގެން ގޮސް އޭނާ ވެއްޓިއްޖެ އެވެ. އެންމެން ގަޑަގަޑަ އަޅާފައި ހީގަތެވެ.

"އަވަސް އަވަހަށް ތެދުވެގެން ހިނގަމުން ހިނގަމުން ގޮސް ވަނީ ޑައިވް ސެންޓަރުގެ ފާހާނާ އަށް. ދެން ހަމަ ރޮވުނީ މަށަށް."

މިއީ 28 އަހަރުގެ ޑައިވް އިންސްޓްރަކްޓަރު، ހަމްނާ އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ފީނި ފީނުމުގައި އޭރު އެންމެ ގިނައިން ތަޖުރިބާކުރި އެއް ފުރައްސާރަ އެވެ. ފިރިހެނުން އަތްގަދަކޮށްފައި އޮތް ދާއިރާއެއްގައި ކުރިއަށް ދާން މަސައްކަތްކުރި އަންހެނަކަށް އޭނާ ވީމަ އެވެ. އެކަމަކު އޭނާ ދެއްކީ އަބަދުވެސް މިޔަރެއްގެ ހިތްވަރެވެ.

މިއަދު، އޭނާ ދުނިޔޭގެ ސަމާލުކަން ހޯދާފައި ވަނީ ހަމައެކަނި ފުވައްމުލަކުގެ ފުރަތަމަ ސެޓިފައިޑް އަންހެން ޑައިވަރުގެ ގޮތުގައި އެކަންޏެއް ނޫނެވެ. މިޔަރެއްގެ ހިތްވަރުގައި ގޮސް ކަނޑަށް ފުންމާލި ހަމްނާ އަކީ ފުވައްމުލަކުގެ ޑައިވިން އިންޑަސްޓްރީގެ ލޭނާރު ކަމުގައިވާ މިޔަރުތަކުގެ އެންމެ ކުޅަދާނަ އަދި ހަމައެކަނި އަންހެން ބެލެނިވެރިޔާ ވެސްމެ އެވެ. އެކަން ފާހަގަކޮށް "ޓައިގާއައިސް" ގެ ނަމުގައި އުފައްދާފައިވާ ޑޮކިއުމެންޓްރީ ފިލްމަކަށް ވެސް އެ ދަނީ ބައިނަލްއަގުވާމީ ދުނިޔޭގެ ސަމާލުކަން ލިބެމުންނެވެ.

އެކަމަކު، މިޔަރުތައް ހިމާޔަތްކުރާ ޖަމިއްޔާއަކާއި "ފިސާރި ކަނބަލުން" ގެ ނަމުގައި އަންހެން ކުދިންނަށް ޑައިވިން އިންޑަސްޓްރީން ފުރުސަތު ހޯދައިދޭ ޖަމިއްޔާއެއް ހިންގަމުން އަންނަ ހަމްނާގެ ފުރަތަމަ ނޭވާ އަކީ ކޮބައި ހެއްޔެވެ؟ އެއީ ކޮން ކުލައެއް ހެއްޔެވެ؟ ކޮން ކަހަލަ ހަނދާންތަކެއް ހެއްޔެވެ؟

ހަމްނާ އޭނާ ސިފަކުރަނީ އަބަދުވެސް އިންސާފަށް ލޯބިކޮށް، ހަމަހަމަކަމަށް ވަކާލާތުކޮށް އަޑުއުފުލި އަންހެނެއްގެ ގޮތުގައެވެ. އަދި ވަކިން ހާއްސަކޮށް، އަންހެނަކަށް ވުމުން ދިރިއުޅުމުގެ މި ދަތުރުގައި ކުރިއަށް ދާން އަހަރެމެންގެ މުޖުތަމައުގައި ހުރި ހުރަސްތަކާ ކުރިމަތިލާން ނުކުތް ބާރެއްގެ ގޮތުގަ އެވެ. އޭނާ މި ވާހަކަ ކިޔައި ދިނީ ވަރަށް ކުޑައިރުގެ ހަނދާނަކުންނެވެ. އަދި ހަމްނާ ބުނާ ގޮތުން ނަމަ އޭނާގެ މި އާދަޔާހިލާފު ދަތުރު ފަށައިގެން ގޮސް ކަނޑަށް ފުންމާލަން ޖެހުނު ސަބަބު ވެސް އުފަންކުރުވީ ކުޑައިރުން ފަށައިގެން އޭނާ ތަޖުރިބާކުރި އެފަދަ އެތައް ތަފާތުކުރުމެކެވެ.

"އަޅުގަނޑު ހަނދާން ހުރޭ މިއަދު ވެސް. އަޅުގަނޑުގެ އުމުރުން ތިން އަހަރުގައި އަޅުގަނޑުގެ ޓީޗަރު ކައިރީގައި އަޅުގަނޑު ބުނީ އަޅުގަނޑަށް އެންމެ ރީތި ކުލަ އަކީ ނޫކުލައޭ. ބުނީމަ ޓީޗަރު ވަރަށް ހައިރާންވެފައި އަޅުގަނޑު ކައިރީގައި ބުނީ ނޫ ކުލަ އަކީ ފިރިހެން ކުދިންގެ ކުލައެކޭ،" ހަމްނާ ކިޔައިދިނެވެ.

"އެ ދުވަހު ވެސް އަޅުގަނޑު ހިތަށް އެރީ މިހެން. އަޅުގަނޑު ކުރާނަމޭ ފިރިހެން ކުދިންނަށް ހާއްސައޭ މީހުން އެބުނާ ހުރިހާ ކަމެއް. އަދި އަޅުގަނޑު އެ ކަމެއް ކުރާނަމޭ ފިރިހެނަކަށް ވުރެ މާ މޮޅަށް."

މިއަދު، ފުވައްމުލަކުގެ ޑައިވިން އިންޑަސްޓްރީ މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައިވާއިރު އެމީހުންގެ އެންމެ އަގުބޮޑު ރައުސްމާލު ކަމުގައިވީ ޓައިގާ ޝާކްސްގެ ޑައިވަކަށް ގެސްޓުން ގޮވައިގެން ދާން ބަލާއިރު ހަމްނާ އަކީ މުޅި ފުވައްމުލަކުގެ ދެ ޖިންސުން ވެސް ހޮވާލެވޭ އެންމެ ކުޅަދާނަ އެއް ޝާކް ގައިޑެވެ.

ނަމަވެސް ގެސްޓުން ގޮވައިގެން މިޔަރު ބަލަން ފީނާ އެ މީހުންގެ ބެލެނިވެރި ޑައިވް އިންސްޓްރަކްޓަރަކަށް ވުމުގެ މާ ކުރިން ވެސް ހަމްނާ އަކީ ޒިންމާއަކަށް ފަހު ޒިންމާއެއް ބޮލުގައި އަޅައިގެން، އެހެން މީހުން ކުރަން ޖެހިލުންވި ހުރިހާ ކަމަކަށް އަބަދުވެސް އަތުކުރި އޮޅާލައިގެން އުޅުނު ޒުވާނެކެވެ.

އެންމެ ފުރަތަމަ އޭނާ ނަމޫނާ ދެއްކީ އަމިއްލަ އާއިލާ ތެރޭގަ އެވެ. މަންމަގެ އެންމެ ދޮށީ ކުއްޖާގެ ގޮތުގައި ގޭގައި ޖެހުނު ހުރިހާ ކަމެއް ކުރަމުން ހަގަށް ތިބި ކޮއްކޮމެން ގޮވައިގެން އުޅުނީ ވެސް "ގައިޑެއް" ގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ އަކީ އެތުލެޓިކްސްގައި މުޅި ފުވައްމުލަށް ފަހުރުވެރިވި ހުނަރެކެވެ. އެ ދުވެލީގައި ދަނިކޮށް ލިބުނު އަނިޔާއަކަށް ފަހު ދެން އޭނާ ވިދައިގަތީ އަންހެން ވޮލީބޯޅައިގައި ގައުމީ ލެވެލްގަ އެވެ.

ނަމަވެސް ދިރިއުޅުމުގެ މި ދަތުރު އޮތީ ސަމުގާއެއް ނެތި ހާވިޔާވެފަ އެވެ. އަދި އޭގެ ނަފުސާނީ އަސަރު ހަމްނާގެ ހިތާއި ސިކުނޑި އަށް ދިޔައީ މަޑުމަޑުން ޖަމާވަމުންނެވެ. އަމިއްލަ ދިރިއުޅުމުގެ މި ދަތުރުގައި އުއްމީދު ކަނޑާލަން ބޭނުންވާ ކަހަލަ ވިސްނުންތަކާއި ހިޔާލުތަކާ އެކުގަ އެވެ.

ހަމްނާ ބުނަނީ އެ މުސީބާތުން އޭނާ ސަލާމަތްކޮށްދިން ފިނިކަމަކީ ފުވައްމުލަކުގެ މާ ކަނޑު ކަމަށެވެ. އަދި އެ ކަނޑުގައިވީ ދިރުމެވެ.

"އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިޔަކު އަޅުގަނޑު ގާތު ބުނީ ޑޯންޓް ގިވް އަޕް އިން ޔުއާ ލައިފްއޭ ޑައިވެއްގައި އަލަށް މަންޓާ ރޭއެއް، ހެމާ ހެޑް ޝާކެއް، ތްރެޝާ ޝާކެއް، މިހެން ގޮސް ބޮޑު ލިސްޓެއް ކިޔާފައި ބުނީ މި އެއްޗެހިތައް ހަމަ ލޮލުން ނުފެންނަނީސް ދިރިއުޅުމުގައި އުއްމީދު ކަނޑާނުލައްޗޭ،" ހަމްނާ ކިޔައިދިނެވެ.

"ދެން އެންމެފަހުން އޭނާ ހޯދައިދިން ފުރުސަތެއްގައި ޑައިވް ކޯސް ފަށައިގެން އޯޕަން ވޯޓާ ނިންމާފައި މިދިޔައީ ފުރަތަމަ ޑައިވަށް، ފުވައްމުލަކުގެ ފަރިކެނޑަށް."

ފަރިކެނޑެ އަކީ ފުވައްމުލަކުގެ އެންމެ މަޝްހޫރު ޑައިވް ޕޮއިންޓެވެ. އެއީ މާ ކަނޑަށް ގޮސް ނުކުމެވޭ، އޮއި އާދަޔާހިލާފަށް ގަދަ ހިސާބެކެވެ. އަދި އަލަށް ޑައިވެއް ކުރާ މީހަކު ނޭވާ ހިފަހައްޓާލަން ޖެހޭނެ މައިދާނެކެވެ. ހަމްނާ ވެސް އޮތީ ނޭވާ ހިފަހައްޓާލައިގެންނެވެ.

ނަމަވެސް އޭނާ އަށް ހަމަނޭވާ ލެވުނީ ވެސް ހަމަ އެ ދުވަހު އެވެ.

"ދެން އަޅުގަނޑު މި އުޅެނީ އިންސްޓްރަކްޓަރާ އެކު، މިހެން އުޅެނިކޮށް ތްރޭޝާ ޝާކެއް އަތުވެއްޖެ. ބިރުން އެޔަށް ބަލައިލަން ވެސް ނުކެރުނު. ދެން އިރުކޮޅެއް ފަހުން ހަމަޖެހިލައިގެން އޮއްވައި އަނެއްކާވެސް އެހެން އެއްޗެއް ވަރަށް ދުރުން އަޅުގަނޑާ ދިމާލަށް އަންނަތަން ފެނިއްޖެ،" ހަމްނާ ކިޔައިދިނެވެ.

"ގާތްވަމުން ދިޔަ ވަރަކަށް އޭތި ދިޔައީ އޭގެ ސައިޒުން ބޮޑުވަމުން، ބޮޑުވަމުން، ބޮޑުވަމުން އަދި އެހެން ފަހުން އޭގެ ސިފަތައް ފާޅުވިއިރު އެއީ މާ ސިންގާ އޯޝެނިކް މަންތާ ރޭއެއް. މިއީ މަންތާ ރޭގެ ތެރެއިން ވެސް އެންމެ ބޮޑު އެއްވައްތަރުގެ މަޑިއެއް."

"މި މަޑި އޭގެ ބާރު މިނުގައި އައިސް އަހަރެންގެ ބޯމަތިން އަރައިގެން ދިޔަތަން ބަލަން އޮތީ ނޭވާ ހިފަހައްޓާލައިގެން."

އެ އާދަޔާހިލާފު ތަޖުރިބާ އަށް ފަހު މައްޗަށް އަރައި އޭނާ އަށް ރޮވިއްޖެ އެވެ. އަދި ހަނދާނަށް އައީ އޭނާގެ އެކުވެރިޔާ ބުނި ވާހަކަ އެވެ.

"އެ ހިސާބުން ނިންމައިފިން މިއީ ކަމަށް އަޅުގަނޑުގެ މުޅި ލައިފުގައި ކުރަން ބޭނުންވާ ކަމަކީ،" ހަމްނާ ބުނެލި އެވެ.

ގޮންޖެހުމަކަށް އޭނާގެ ކިބައިގައި އެއްވެސް ފަރުވާލެއް އެއްވެސް ދުވަހަކު ނެތެވެ. އަދި ވަށައިގެން އޮތް މާ ސިންގާ ކަނޑަކީ އޭނާ ސިފަކުރާ ގޮތުން ނަމަ އޭނާގެ ރަސްމީ، މިނިވަން ގެ އެވެ.

"އަޅުގަނޑަކީ، ހޯމްއެއް، ބިލޯންގްވާނެ ތަނެއް ހޯދަން ދަތުރުކުރަމުންދާ މީހެއް. އަޅުގަނޑުގެ ނަފުސު ނިސްބަތްވަނީ ކޮންތާކަށްތޯ ހޯދަން ދަތުރުކުރަމުންދާ މީހެއް. އަދި ޑައިވެއްގައި ގޮސް ކަނޑަށް ފުންމާލާ މިނެޓާ އެކު އަޅުގަނޑަށް ކުރެވެނީ އެ އިހުސާސް. މިއީ އޭ އަޅުގަނޑުގެ އެ މިނިވަން ހިޔަލަކީ. މިއީ އޭ އެންމެ އުފާވެރި ގެއަކީ،" ހަމްނާ ބުނެލި އެވެ.

އޭނާ ހުރީ ފެންކަޅިވެފަ އެވެ. އެކަމަކު އުފަލުން ގޮސްކަން ޔަގީނެވެ.