ނޫމަޑީގެ މައްސަލާގައި އެއްވެސް ފަރާތަކާ ބައްދަލެއްނުކުރަން: ސީޕީ ޝުޖާއު
ނޫމަޑީގެ މައްސަލާގައި އެއްވެސް ފަރާތަކާ ބައްދަލެއްނުކުރަން: ސީޕީ ޝުޖާއު

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން 55 މިލިއަން ޑޮލަރު ދޭން ޖެހުނު މައްސަލާގައި އެ ދުވަސްވަރު އޭނާ ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރެއްވި ކަމަށް ވިދާޅުވެ، ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ދެއްކެވި ވާހަކަތައް މިހާރުގެ ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ދޮގުކުރައްވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދާވައިވާ ޕާޓީ، ޕީއެންއެފުން ރޭ ބޭއްވި ބައްދަލުވުމުގައި ކުރީގެ ސީޕީ ހުސައިން ވަނީ ނޫމަޑީގެ އެއްބަސްވުން ބާތިލުކުރުމުގެ އެންމެ އިސް މޭސްތިރިއަކީ އޭރުގެ ހައުންސިލް މިނިސްޓަރު ކަމުގައި ހުންނެވި މިހާރުގެ ރައީސް މުއިއްޒު ކަމަށް ވިދާޅުވެފަ އެވެ.

ނޫމަޑީގެ 300 ހައުސިން ޔުނިޓުގެ މައްސަލާގައި ރައީސް މުއިއްޒު ފުރަތަމަ ގުޅުއްވީ ހުސެއިނަށް ކަމަށާއި އެ ފޯނު ކޯލަށް ފަހު މިހާރުގެ ކޮމިޝަނަރު ޝުޖާއު އާއި ރައީސް މުއިއްޒުާ އެކު އޭނާ ވެސް ބައްދަލު ކުރެއްވި ކަމަށް ހުސައިން ރޭ ވިދާޅުވި އެވެ.

އެ ކަމަކު، އެ ވާހަކަތައް ދޮގުކުރައްވައި މިހާރުގެ ސީޕީ ޝުޖާއު ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ، ނޫމަޑީގެ މައްސަލާގައި އޭނާ ރައީސް މުއިއްޒާ ބައްދަލުކުރެއްވި ކަމަށް ބުނެ ދައްކަނީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

ނޫމަޑި މައްސަލައާ ގުޅޭގޮތުން އެއްވެސް މީހަކާ އެއްވެސް ހައިސިއްޔަތަކުން ބައްދަލުކޮށްފައި ނުވާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.

"ނޫމަޑި މައްސަލައާ ގުޅޭގޮތުން އެއްވެސް މަޝްވަރާއަކަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދާ އެކު އެއްވެސް ފަރާތަކާ އެއްވެސް ހައިސިއްޔަތަކުން ބައްދަލުކޮށްފައި ނުވާނެ ވާހަކަ ވެސް ކަށަވަރުކަމާ އެކު ދަންނަވަން،" އެ ބަޔާނުގައިވެ ސީޕީ ޝުޖާއު ވިދާޅުވި އެވެ.

ނޫމަޑި އެގްރިމަންޓުގެ މައްސަލައިގައި އެ ކުންފުންޏާ އެކު ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ސަރުކާރުން ބާތިލްކުރި މައްސަލާގައި ނެދަލެންޑްސްގެ އާބިޓްރޭޝަންގައި ނޫމަޑިއާ އެއްކޮޅަށް 2019 ވަނަ އަހަރު ދޮގު ބަޔާނެއް ދެއްވި ކަމަށް ބުނެ މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުންނެވިއިރު ރައީސް މުއިއްޒުގެ މައްޗަށް ދައުލަތުން ދައުވާ ކުރި އެވެ. ނަމަވެސް މިދިޔަ އަހަރުގެ މޭ 18 ގައި ކްރިމިނަލް ކޯޓުން ނިންމީ ދައުވާ ސާބިތުނުވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބެއްލެވި ގާޒީ ސޮފްވަތު ހަބީބް ވިދާޅުވި ގޮތުގައި އާބިޓްރޭޝަނަށް މުއިއްޒު ބަޔާނެއް ދެއްވި ކަމާ މެދު ސުވާލު އުފެދިފައިވާތީ ކުށުގެ ރުކުންތައް ފުރިހަމައެއް ނުވެ އެވެ. އެހެންވެ، އެ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑުން ސާބިތުނުވާ ކަމަށް ހުކުމް ކުރެއްވީ ކަމަށް ގާޒީ ވިދާޅުވި އެވެ.