19 އޯގަސްޓް 2024 - 17:44

ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ އޭއެސްއެފް އޭޝިއަން ސާފިން ޗެމްޕިއަންޝިޕްސްގެ 18 އަހަރުން ދަށުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ ބުރުގައި ވާދަކުރި ދިވެހި ފަސް ސާފަރުން ވެސް ތިންވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
ތިންވަނަ ހީޓުގައި ގައުމީ ޓީމްގެ ކެޕްޓަންސައްޔިދު ސަލާހުއްދީން އެޅި ދެ ރާޅަށް ޖުމްލަ 6.43 ޕޮއިންޓް ހަމަކޮށްގެން އެއްވަނަ ހޯދި އިރު، ދެވަނަ ހޯދީ 6.23 ޕޮއިންޓް ހޯދި ޓީމް ތުލުސްދޫގެ ކަޔާން އަބްދުﷲ އަރީފް އެވެ.
މި ހީޓުން ތިންވަނައަށް ދިޔަ ތައިލެންޑުގެ ޓިން ޖޯންސަން އަށް 5.43 ޕޮއިންޓް ލިބުނު އިރު ލެބަނަންގެ ރަޔާން ހަކަވާތީ އަށް ލިބުނީ 4.80 ޕޮއިންޓެވެ.
ހަތަރުވަނަ ހީޓުގައި ވެސް ކުރި ހޯދީ ދިވެހި ސާފަރުންނެވެ. ހީޓު ނިމެނިކޮށް އަޅާލި ރާޅަށް 4.47 ޕޮއިންޓް ސްކޯކޮށް، ޖުމްލަ 9.20 ގެ އެއްވަނަ ހޯދީ ގައުމީ ޓީމްގެ ޔޫސުފް ކަޔާން ހަމްދާން ޒަކީ އެވެ. ދެވަނައަށް ދިޔައީ 9.10 ޕޮއިންޓް ހޯދި ޓީމް ތުލުސްދޫގެ މުހައްމަދު އިނާން އަބްދުލް ހަންނާނެވެ.
މި ހީޓުގައި ވާދަކުރި ތައިލެންޑްގެ ނަޓްރީ ޖަރިޔަވަތަނަވިޖިތު، 8.57 ޕޮއިންޓް ހަމަކުރި އިރު ސިންގަޕޫރުގެ ޖޫލިއެން މާކް ވަނީ 7.27 ޕޮއިންޓް ހޯދައިފަ އެވެ.
ގައުމީ ޓީމުގެ ސާފަރު ޔަސިން އަހުމަދު ނާޝިދު ވަނީ ފަސްވަނަ ހީޓުގައި 9.17 ޕޮއިންޓް ހޯދައިގެން ހީޓް ކާމިޔާބު ކޮށްފަ އެވެ. ދެވަނައަށް ދިޔައީ 5.50 ޕޮއިންޓް ހޯދި ދެކުނު ކޮރެއާގެ ދުހޫންޔުން އެވެ. ތިންވަނައަށް ދިޔަ ސިންގަޕޫރުގެ އައިދިން ނާޒިރަށް ލިބުނީ 1.10 ޕޮއިންޓެވެ.
ތިންވަނަ ބުރުގެ ފުރަތަމަ ހީޓުގައި އިނާން އާއި ކަޔާން އަރީފް ހިމެނެ އެވެ. ޖަޕާނުގެ ޒުވާން ތަރި ކައިސޭ އަޑާޗީ ވެސް ހިމެނެނީ މި ހީޓުގަ އެވެ. ޔަސިން ތިންވަނަ ހީޓުގައި ވާދަ ކުރާއިރު، ކަޔާން ޒަކީ ވާދަކުރާނީ ހަތަރުވަނަ ހީޓުގަ އެވެ. އަދި ސައްޔިދު ވާދަ ކުރާނީ ފަސްވަނަ ހީޓުގަ އެވެ.
ތިންވަނަ ބުރުގެ ހީޓުތަކުން އެއްވަނަ އަދި ދެވަނައަށްދާ ސާފަރުން ކުއާޓާ ފައިނަލަށް ހޮވޭނެ އެވެ.