19 އޯގަސްޓް 2024 - 15:19

ދިރާގު ޓެކާސް ރިސޯޓް ފުޓްސަލް ކަޕް 2024 ގެ ބ. ޒޯޯނުގެ ފައިނަލަށް، އެންމެ ފަހުގެ ޗެމްޕިއަން މިލައިދޫ ދަތުރު ކޮށްފި އެވެ.
މިލައިދޫ ފައިނަލަށް ދަތުރު ކުރީ އިއްޔެ ކުޅުނު ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 3-1 އިން ދުސިތު ތާނީ ބަލި ކުރުމަށް ފަހު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިލައިދޫގެ އުނެއިސް ޒުބެއިރެވެ.
މި ޒޯނުގެ ފައިނަލް މެޗު މާދަމާ އޮންނާނެ އެވެ. ފައިނަލުގައި މިލައިދުއާ ދެކޮޅަށް ނުކުންނާނީ، ލީގު ބުރުގެ އެއްވަނަ ހޯދި ނޯޓިލަސް މޯލްޑިވްސް އެވެ.
ފަސް ޓީމު ބައިވެރިވި މި ޒޯނުގެ ލީގު ބުރުގެ ކުޅުން ނިމުނުއިރު، ނޯޓިލަސް އާއި ދުސިތު ތާނީ އަދި މިލައިދޫ ވެސް އޮތީ ޕޮއިންޓްގެ ގޮތުން އެއްވަރުވެފަ އެވެ. ތިން ޓީމު ވެސް ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް، ނުވަ ޕޮއިންޓް ހޯދައިފަ އެވެ.
ނަމަވެސް ގޯލުގެ ތަފާތުން އެންމެ ކުރި ހޯދައި، ފައިނަލްގެ ސީދާ ޖާގައެއް ހޯދީ ނޯޓިލަސް އެވެ.