ފުރަތަމަ ބުރުގެ ހީޓު ކާމިޔާބުކޮށް ހޫދު ތިންވަނަ ބުރަށް
ފުރަތަމަ ބުރުގެ ހީޓު ކާމިޔާބުކޮށް ހޫދު ތިންވަނަ ބުރަށް

ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ އޭއެސްއެފް އޭޝިއަން ސާފިން ޗެމްޕިއަންޝިޕްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ ސާފަރު ހޫދު އަހުމަދު (ހޫބްޒް)، ފުރަތަމަ ބުރުގެ ހީޓުން އެއްވަނަ ހޯދައި، ތިންވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ހޫދު ވަނީ މިއަދު ކުރިއަށް ދިޔަ ފުރަތަމަ ބުރުގެ 12 ވަނަ ހީޓުގައި ވާދަކޮށް ދެކުނު ކޮރެއާގެ ޖިންޔުކް ޔަންގް އާއި ސައުދީ އަރަބިއްޔާގެ އަބްދުﷲ އަލް ހަޒްމީއާ ވާދަކޮށް 9.16 ޕޮއިންޓް ހޯދައިފަ އެވެ. ޔަންގް އަށް 6.86 ޕޮއިންޓް ލިބުނުއިރު އަލް ހަޒްމީ އަށް ލިބުނީ 0.23 ޕޮއިންޓެވެ.

ގައުމީ ޓީމުގައި ދެން ހިމެނޭ އަހުމަދު އާގިލް (އަންމަޑޭ) އާއި އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) ވަނީ އިއްޔެ އޮތް ފުރަތަމަ ބުރުގެ ހީޓްތަކުގައި ރާޅާ އަޅައިފަ އެވެ. ދެ އެތުލީޓުންނަށް ވެސް ތިންވަނަ ބުރުން ފުރުސަތު ލިބޭނީ ދެވަނަ ބުރު (ރެޕޯ ޗާޖް)ގައި ވާދަކުރާ ހީޓުގެ ގަދަ ދޭއްގައި ހިމެނިގެންނެވެ.

އިއްޔެ މެންދުރު ފިރިހެން އޯޕަން ޑިވިޝަންގެ ހީޓުތަކުން މުބާރާތް ފެށިގެން ފުރަތަމަ 10 ހީޓު ކުރިއަށް ގެންދިޔަ އެވެ.

އެގޮތުން ހަތަރުވަނަ ހީޓުގައި ފިލިޕީންސްގެ ޖޯން މާކް ޓޮކޮން އާއި ދެކުނު ކޮރެއާގެ ކަނޯއާ ހީޖޭ ޕަލްމިއާނޯއާ ވާދަކޮށް އާގިލް އަށް ލިބުނީ ތިންވަނަ އެވެ. އޭނާއަށް ޖުމްލަ 8.83 ޕޮއިންޓް ލިބުނުއިރު، އެއްވަނަ ހޯދީ 13.57 ޕޮއިންޓް ހޯދި މާކް ޓޮކޮން އެވެ. ދެވަނަ ހޯދި ހީޖޭ ޕަލްމިއާނޯ ވަނީ 10.07 ޕޮއިންޓް ހޯދައިފަ އެވެ.

އިއްޔެގެ ނުވަވަނަ ހީޓުގައި ވާދަކޮށް މިގްލާލަށް ލިބުނީ 4.97 ޕޮއިންޓެވެ. އެއްވަނަ ހޯދީ 13 ޕޮއިންޓް ހޯދި އިންޑޮނޭޝިއާގެ އައި މޭޑް ޕަޖާ އަރިޔާނާ އެވެ. ދެވަނައަށް ދިޔަ ފިލިޕީންސްގެ ރީމާ މަގަލޫނާ، 7.93 ޕޮއިންޓް ހޯދި އެވެ.

ދެވަނަ ބުރުގެ ތިންވަނަ ހީޓުގައި އާގިލް ވާދަކުރާނީ އަފްޣާނިސްތާނުގެ ކައިސް ހަސަން ބަޝާރިއާ އާއި ސިންގަޕޫރުގެ އަނީގް ކައިލާނީ ބިން ރަހުމަތާ ދެކޮޅަށެވެ. އަދި ފަސްވަނަ ހީޓުގައި މިގްލާލް ނުކުންނާނީ ސައުދީ އަރަބިއްޔާގެ އަބްދުއްރަހްމާން އަލީ ހައިދަރާއި ސިންގަޕޫރުގެ ޖޫލިއެން މާކް ސްޕަކަރޮޓޭލާއާ ދެކޮޅަށެވެ.

ތިންވަނަ ބުރުގައި ހޫދު ރާޅާއަޅާނީ 10 ވަނަ ހީޓުގަ އެވެ. މެލޭޝިއާގެ މުހައްމަދު އާފިޤު ހައިކަލް އަޒީޒީ ވަނީ މި ހީޓަށް ކޮލިފައިވެފަ އެވެ. މި ހީޓުގައި ދެން ވާދަކުރާނީ ދެވަނަ ބުރުގެ ހަތްވަނަ އަދި އަށްވަނަ ހީޓުން އެއްވަނަ ހޯދާ ސާފަރުންނެވެ.

މި ބައިގައި ވާދަކުރާ ޓީމް ތުލުސްދޫގެ ތިން ސާފަރުންގެ ތެރެއިން، އަހުމަދު ހިޝާމް ޝަހީމް ވަނީ ވާދަކުރި ހީޓުގެ ދެވަނަ ހޯދައި، ތިންވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ.

ފުރަތަމަ ބުރުގެ ތިންވަނަ ހީޓުން ހިޝާމް ދެވަނަ ހޯދީ 8.66 ޕޮއިންޓް ސްކޯ ކޮށްގެން ޗައިނާގެ ޒެޔުއާން ޒޭންގް އާއި ސިންގަޕޫރުގެ އަނީގް ކައިލާނީ ބިން ރަހުމަތު ފަހަތަށް ޖައްސާލައިފަ އެވެ. ހީޓުން އެއްވަނަ ހޯދީ، 11.60 ޕޮއިންޓް ހޯދި ސްރީ ލަންކާގެ ކަވިސެކަރަ މަލަވީރާ އަރައްޗިގެ ކަވިންދު ތަރަކަ އެވެ.

މިއާ އެކު ތިންވަނަ ބުރުގެ ހީޓުގައި ހިޝާމް ވާދަ ކުރާނީ އިންޑިއާގެ ސްރީކާންތު ޑީ އާއި އިންޑޮނޭޝިއާގެ އައި މޭޑް ޖޮއި ސަޓްރިއާވަންގެ އިތުރުން، ދެވަނަ ބުރުގެ ހަތަރުވަނަ ހީޓުގެ ދެވަނަ އާއެކު ފަސްވަނަ ހީޓުގަ އެވެ.

ފުރަތަމަ ބުރުގެ ދެވަނަ ހީޓުގައި އިސްމާއިލް ރަޝީދު (ސްމައިލީ) ވަނީ ވާދަ ކޮށްފަ އެވެ. މި ހީޓުގައި 12.13 ޕޮއިންޓް ސްކޯ ކޮށްގެން އެއްވަނަ ހޯދީ ތައިލެންޑްގެ ނަޓްހަކްރޯން ސައޭ-އިއޫ އެވެ. ދެވަނައަށް ދިޔަ ޗައިނާގެ ޗެންގްޒެންގް ވަންގް 10.47 ޕޮއިންޓް ހޯދި އިރު، ސްމައިލީ އަށް ލިބުނީ 9.27 ޕޮއިންޓެވެ. ތިންވަނައަށް ދިޔައީ 7.73 ޕޮއިންޓް ސްކޯ ކުރި ބަންގްލަދޭޝްގެ މުހައްމަދު މަންނާނެވެ.

މިއަދު ހެނދުނު ކުރިއަށް ދިޔަ ހީޓުގައި ހުސެއިން ނާސިހު (ޗިކާ) އަށް ވެސް ލިބުނީ ތިންވަނަ އެވެ. އޭނާ ވަނީ 5.97 ޕޮއިންޓް ހޯދައިފަ އެވެ. އެއްވަނައަށް ދިޔަ ލަންކާގެ ކޮކޫ ހަންނަދިގޭ ލަސިތަ ޕްރަބާތު 9.23 ޕޮއިންޓް ހޯދި އިރު، ޗައިނާގެ ޒިހާއޯ ވޫ އަށް ވަނީ 8.83 ޕޮއިންޓް ލިބިފަ އެވެ. ހަތަރުވަނައަށް ދިޔަ ސިންގަޕޫރުގެ ޖޫލިއެން މާކް ސްޕަކަރޮޓޭލާ، 5.53 ޕޮއިންޓް ހޯދި އެވެ.

އިސްމާއިލް ރަޝީދާއި ނާސިހް ވެސް، ތިންވަނަ ބުރުން ޖާގައެއް ހޯދަން ދެވަނަ ބުރުގައި ވާދަ ކުރާނެ އެވެ.

ކުވެއިތުގެ އަލް އީސާ އާއި ޔޫއޭއީގެ މުހައްމަދު ސުލްތާން އާ ދެކޮޅަށް އިސްމާއިލް ރަޝީދު، ފުރަތަމަ ހީޓުގައި ވާދަ ކުރާ ގޮތަށް ހަމަޖެހިފައި ވާއިރު، އަފްޣާނިސްތާނުގެ އަފްރިދަމް އަމޫ އާ ދެކޮޅަށް ހަވަނަ ހީޓުގައި ނާސިހް ވާދަ ކުރާނެ އެވެ.