19 އޯގަސްޓް 2024 - 11:04

ރާޅާއެޅުމުގެ ތެރޭގައި އުޅުނަސް ވާދަވެރި މުބާރާތްތަކުގައި ބައިވެރިވުމުގެ މާ ބޮޑު ވިސްނުމެއް މީގެ ކުރިން އަހްމަދު ހިޝާމް ސަލީމް ނުގެންގުޅެ އެވެ.

ޓޫރިސްޓުންނަށް ރާޅާއެޅުމުގެ ތަޖުރިބާ ހޯދައިދީ އެކަމުގެ އިރުޝާދު ދޭން ރަށުގައި ހުޅުވި ސާފިން ސްކޫލާ އެކު އެ މަސައްކަތަށް ހުސްވެ ހުރުން އޭނާ އަށް މާ މުހިންމުވި އެވެ.

"ގައްދޫގައި 2022 ގައި ބޭއްވި ސާފިން ލީގަށް އެންމެ ފަހުން ދިޔައީ. އެ މުބާރާތަށް ގޮސްފަ ވެސް އަޅުގަނޑުގެ ހިތައް އެރި މިއީ ވަރަށް ޓައިމްއޭ. އޭގެ ބަދަލުގައި އާމްދަނީ ހޯދަން ހުސްވެ ހުރުން މާ ރަނގަޅުވާނެ. އެހެންވެ ޑޮމެސްޓިކް މުބާރާތްތަކުގައި ވާދައެއް ނުކުރަން،" ތުލްސްދޫ ސާފިން ސްކޫލްގެ ނަމުގައި ފަތުރުވެރިންނަށް ރާޅާ އެޅުމުގެ ތަޖުރިބާ ހޯދައިދޭން މީގެ ހަތް އަހަރު ކުރިން އަމިއްލަ މަސައްކަތެއްގެ ގޮތުގައި ފެށި ހިޝާމް ބުންޏެވެ.
އޭޝިއަން ޗެމްޕިއަންޝިޕް މިދިޔަ އަހަރު ވެސް ތުލްސްދޫގައި ބޭއްވި އިރު އޭނާ ހުރީ ކުޅިބަލާ މީހެއްގެގޮތުގަ އެވެ. އަނެއްކާ ވެސް ދެވަނަ ފަހަރަށް އެ ރަށުގައި މުބާރާތް ބާއްވަން އުޅޭކަން އެނގުނަސް ހިޝާމް އެކަމަށް މާ ބޮޑަށް ނުވިސްނަ އެވެ.
އެކަމަކު މީގެ މަހެއްހާ ދުވަސް ކުރިން ހުރިހާ ކަމެއް ބަދަލުވި އެވެ. މުބާރާތް ބާއްވާ ގައުމަށް ރާއްޖެ ވާތީ ވައިލްޑްކާޑްގެ ފުރުސަތުގެދަށުން ރާއްޖެ އަށް އިތުރު ޖާގަ ލިބެ އެވެ. އެ ފުރުސަތުގައި ވާދަކުރަން ހިޝާމް އަށް ދައުވަތު ދިނީ ގައުމީ ޓީމުގެ ކެޕްޓަން ތުލުސްދޫގެ އަހްމަދު އާގިލް (އައްމަޑޭ) އެވެ.
"އައްމަޑޭ ބުނީ މިކަހަލަމިކަހަލަ ފުރުސަތުތަކެއް އެބައޮތޭ. އަޅުގަނޑު ހިތައްއެރީ ޓްރައިކޮށްލާނަމޭ،" ހިޝާމް ބުންޏެވެ.
އެ ޖާގަ އަށް އެތުލީޓަކު ހޮވަން ބޭއްވި ޓެރައަލްގައި ވާދަކޮށް ހިޝާމް ގައުމީ ޓީމުގެ ޖާގަ ހޯދީ ޑޮމެސްޓިކް މުބާރާތްތަކާއި ގައުމީ ޓީމުގައި ވެސް ތަޖުރިބާކާރު ސާފަރު ނަޖާހް މުހައްމަދު ބީޓްކޮށްލުމަށް ފަހު އެވެ.
ގައުމީ ޓީމުގެ ސްކޮޑާ އެކު ހިޝާމް، މުބާރާތަށް ވިސްނައިގެން ޕްރެކްޓިސްކުރަން ފެށީ އެހާހިސާބުންނެވެ. ޓީމުގެ ކޯޗު ހުސައިން އަރީފް (އިބޫ) ގައުމީ ޓީމަށް އާ ވިޔަސް ހިޝާމްއަކީ ސާފިންގެ ހުނަރު ހުރި އެތުލީޓެއް ކަމަށެވެ.
ގައުމީ ސްކޮޑުން އަލުތު ފުރުސަތު ލިބުނުތާ މަހެއް ނުވަނީސް، އޭޝިއާގެ އެންމެ ބޮޑު މުބާރާތުގައި ވާދަކުރަން ޖެހުމުން ވެސް ހިޝާމްގެ ކިބައިން އެ ޕްރެޝަރެއް ނެތް ކަމަށް، ރާއްޖޭގައި އުފެއްދި އެންމެ ކާމިޔާބު ސާފަރު، އިބޫ ބުންޏެވެ.
ގައުމީ ސްކޮޑްގައި ދެން ހިމެނޭ ކޮންމެ އެތުލިޓަކީ މީގެ ކުރިން ވެސް އޭޝިއަން ޗެމްޕިއަންޝިޕާއި ބޭރުގެ އެހެން މުބާރާތްތަކުގައި ވެސް ވާދަކުރި ސާފަރުންނެވެ. މި ކަހަލަ ބޮޑު މުބާރާތަކަށް އަލަށް ރާޅުތަކުގެ ތެރެއަށް ފުންމާލަނީ ހިޝާމް އެކަންޏެވެ.
"އޭނަގެ ކިބައިން ނެތް އެކަހަލަ އެއްވެސް ޕްރެޝަރެއް. އޭނާ ހުރީ ހަމަ ވަރަށް ބޮޑަށް މައިންޑް ވެސް އެކަމަށް ރެޑީކޮށްގެން،" އިބޫ ބުންޏެވެ.
އިއްޔެ ފެށި އިވެންޓްތަކުގައި ދެވަނަ ބުރުގެ ހީޓަށް ނުކުމެ ތިންވަނަ ބުރަށް ދަތުރުކުރި ރާއްޖޭގެ ފުރަތަމަ އެތުލީޓުގެ މަގާމު ހިޝާމް ހޯދި އެވެ. އިއްޔެގެ އިވެންޓްގައި ޗައިނާގެ ސާފަރު ބީޓްކޮށްލުމަށް ފަހު ހިޝާމް ދެވަނަ ހޯދި އެވެ.
އިއްޔެގެ އިވެންޓްތަކުން ރާއްޖޭގެ އެހެން އެތުލީޓުންނަށް ދެވަނަ ބުރަށް ނުދެވުމުން، ދެން އޮތީ ތިންވަނަ ބުރަށް ކޮލިފައިވުމަށް ކުޅޭ ޕްލޭއޮފް ވާދަކުރުމެވެ.
"މިވަރުގެ ފުރަތަމަ ބޮޑު މުބާރާތް. ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްވީ ފުރަތަމަ ހީޓުން ވެސް ތިންވަނަ ބުރަށް ކޮލިފައިވީމަ. އިރާދަކުރެއްވިއްޔާ ތިންވަނަ ބުރުގައި ވެސް ރަނގަޅު ކުރެވޭތޯ ބަލާނަން،" ހިޝާމް ބުންޏެވެ.
ހިޝާމް ހިމެނެނީ ރާއްޖޭގެ ސްކޮޑްގެ ޓީމު ބީގަ އެވެ. އެ ޓީމުގައި ދެން ހިމެނެނީ ހަސަން ނާސިހާއި އިސްމާއީލް ރަޝީދު (ސްމައިލީ) އެވެ.
މިފަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕުން 2026 ގައި ބާއްވާ އޭޝިއަން ގޭމްސް އަށް ކޮލިފައިވާނެ އެވެ. އެކަމަކު އެ ފުރުސަތު ލިބޭނީ ޓީމު އޭގެ އެތުލީޓުންނަށެވެ.