18 އޯގަސްޓް 2024 - 14:36

ތައިލޭންޑުގެ ގިނަ އަދަދެއްގެ އެކްސްޕޯޓަރުން ބައިވެރިވާ "ތައިލެންޑް - މޯލްޑިވްސް ބިޒްނަސް މެޗިން" ފޯރަމް ރާއްޖޭގައި މިއަދު ފަށައިފި އެވެ.

ތައިލެންޑުގެ 25 ކުންފުންޏަކުން ބައިވެރިވާ މި ފޯރަމް ފެށިތާ ދެ ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ 100 އަށް ވުރެ ގިނަ ކުންފުންޏަކުން މި ފޯރަމަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. ވިޔަފާރީގެ ގިނަ ފުރުސަތުތަކަކަށް ފަހިވާނެ މި ފޯރަމް އޮންނާނީ ހޮޓެލް ޖެންގައި މިއަދު ހަވީރު 4 އާ ހަމައަށެވެ.

މި ފޯރަމްގައި ތައިލެންޑުގެ ވިޔަފާރިވެރިންނާ ގުޅުން ބަދަހިކޮށް، ރާއްޖެއަށް ތައިލެންޑުން ލިބެންހުރި ވިޔަފާރީގެ ފުރުސަތުތައް ދެނެގަނެވޭނެ އެވެ. މި ފޯރަމްގައި ފުޑް އެންޑް ބެވަރެޖާއި މޭވާ އާއި ތަރުކާރީގެ އިތުރުން ފަރުނީޗަރާއި ކޮސްމެޓިކްސް އަދި ހެދުން ވިއްކާ އެކްސްޕޯޓަރުން ބައިވެރިވެ އެވެ. މި ފޯރަމްގައި އެކި ތައިލެންޑުގެ ލީޑް އެކްސްޕޯޓަރުން ވެސް ބައިވެރިވެ އެވެ.

ތައިލެންޑުގެ ބައިނަލްއަގްވާމީ މާކެޓު ފުޅާކުރުމުގެ ގޮތުން ބާއްވާ މި ފޯރަމްގައި ދިވެހި ވިޔަފާރިވެރިންނަށް އާ ވިޔަފާރީގެ ހިޔާލުތަކާއި އެންމެ ފަހުގެ ތައި ފުޑް ޓްރެންޑުތަކާއި އެކި އިންޑަސްޓްރީތަކުގައި މިހާރު ހުރި އެންމެ ރަނގަޅު ޕްރޮޑަކްޓްތަކާ ގުޅޭ މައުލޫމާތުތައް ލިބޭނެ ކަމަށް މި ފޯރަމް އިންތިޒާމުކުރާ ތައިލެންޑް ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޓްރޭޑް ޕްރޮމޯޝަން (ޑީއައިޓީޕީ) އިން ބުންޏެވެ.
ޑީއައިޓީޕީއިން ބުނީ މި ފޯރަމަކީ ދެ ގައުމުގެ ވިޔަފާރިތައް ވެސް މިހާރަށް ވުރެ ފުޅާކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށެވެ. މި ފޯރަމަށް ދިވެހި ގިނަ ވިޔަފާރިތަކުގެ ހޫނު ތަރުހީބެއް ލިބިފައިވާ ކަމަށާއި އުއްމީދުކުރި ވަރަށްވުރެ ގިނަ ވިޔަފާރިތަކުން އެ ފޯރަމަށް ޒިޔާރަތްކޮށްފައިވާކަން ޑީއައިޕީޓީއިން ފާހަގަކުރި އެވެ. މި ފޯރަމްގައި، ދިވެހި ވިޔަފާރިވެރިންނަށް ތައިލެންޑްގެ ވިޔަފާރިވެރިންނާއި ބައްދަލުކޮށް ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
މި ފޯރަމަކީ ޑީއައިޕީޓީ އާއި ތައިލެންޑުގެ މިނިސްޓްރީ އޮފް ކޮމާސް ގުޅިގެން ބާއްވާ ހަރަކާތެކެވެ.