18 އޯގަސްޓް 2024 - 10:56

ގ. ހީނާމާގޭ ޕާކިން ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ 14 ބިދޭސީއަކު ހުއްޓުވައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނި ގޮތުގައި އެ މީހުން ހުއްޓުވީ، ބިދޭސީންގެ މައްސަލަތައް ރިޕޯޓުކުރަން އިމިގްރޭޝަނުން ތައާރަފްކުރި "އިމިގްރޭޝަން ވޮޗް" މެދުވެރިކޮށް ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ.

އިމިގްރޭޝަނުން އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ އިއްޔެ ހެނދުނެވެ. އެ ސަރަހައްދު ބަލައި ފާސްކޮށް، ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ނެތް 14 ބިދޭސީއަކު ހުއްޓުވާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ހީނާމާގޭ ޕާކިން ސަރަހައްދަކީ ގިނަ އަދަދެއްގެ ބިދޭސީން އެކި މަސައްކަތްތަކުގައި އާންމުކޮށް ހަރަކާތްތެރިވާ ސަރަހައްދެކެވެ.
މީގެ އިތުރުން އިމިގްރޭޝަނުން އިއްޔެ ވަނީ މާފަންނު ސަރަހައްދުގައި، ބިދޭސީން ދިރިއުޅެމުންދާ ތަނެއް ވެސް ބަލައި ފާސްކޮށްފަ އެވެ.
މާލޭ ސިޓީ ކައުންސިލުގެ ރިޕޯޓަކާ ގުޅިގެން އެ ތަން ބަލައި ފާސްކޮށް، ގަވައިދާ ހިލާފަށް އުޅެމުން ދިޔަ އަށް ބިދޭސީއަކު ހިފަހައްޓާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މި ސަރުކާރު ވެރިކަމަށް އައިސް އެންމެ އިސްކަންދީފައިވާ އެއް ކަމަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމެވެ. އެކަމަށް ހާއްސަ އޮޕަރޭޝަނެއް ފަށައި ގިނަ ބަޔަކު ހުއްޓުވައި އޭގެތެރެއިން ބައެއް މީހުން ވަނީ ޑިޕޯޓްކޮށްފަ އެވެ.
އޭގެ ތެރޭގައި ރާއްޖޭގައި ހުއްދަ ނެތި ފުޅާކޮށް ވިޔަފާރި ހިންގަމުން ދިޔަ ބިދޭސީން ހިމެނެ އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި މިދިޔަ ހަތް މަސްދުވަހުގެ ތެރޭގައި 2،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓް ކޮށްފަ އެވެ. މި އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.