18 އޯގަސްޓް 2024 - 00:58

"އަހަރެމެން މިއީ؟" ސާފިން ޗެމްޕިއަންޝިޕްސްގެ ސޭންޑް ސެރެމަނީގައި ސްޓޭޖުން ފައިބަމުން ރާއްޖޭގެ ޓީމްގެ ކެޕްޓަން އަހުމަދު އާގިލް (އަންމަޑޭ) އަދި ޝާޒިޔާ ސައީދު (ޝާޒު)، އިށީނދެ ތިބި ގައުމީ ޓީމުގެ އެތުލީތުންނާ ސުވާލު ކޮށްލި އެވެ.

ލަހެއް ނުވެ ރާއްޖޭގެ ސާފަރުން ގޮނޑިތަކުން ތެދުވެ، ޖަވާބުގައި ގޮވާލީ، "ދިވެހީން" ކަމަށެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްސް ޖެހިޖެހިގެން ދެވަނަ އަހަރު ތުލުސްދޫގެ ރަންދާ (ކޯކްސް) ރާޅުގަނޑު ސަރަހައްދުގައި ބާއްވާއިރު، ރަސްމީކޮށް މުބާރާތް ފެށުމުގެ ގޮތުން މިއަދު ބޭއްވި ސޭންޑް ސެރެމަނީގައި މިއަހަރު ވެސް ރާއްޖޭގެ ދިދަ ވިހުރާލީ އަންމަޑޭ އެވެ.
އަންމަޑޭއާ އެކު ސޭންޑް ޕޮއުރާގެ ގޮތުގައި ބައިވެރިވީ، ރާއްޖޭގެ ތަޖުރިބާކާރު އަންހެން ސާފަރު، ޝާޒް އެވެ. ޝާޒް އަކީ ސާފިން ފެޑެރޭޝަނަކުން ބާއްވާ ބައިނަލްއަގުވާމީ ރާޅާއެޅުމުގެ މުބާރާތެއްގައި ރާއްޖޭން ވާދަކުރާ ދެވަނަ އަންހެން ސާފަރެވެ.
މިދިޔަ އަހަރު، މަރިޔަމް ރާހިލް ނަސީމް (އާޔާ) ރާއްޖޭގެ ފުރަތަމަ އަންހެން ސާފަރުގެ ގޮތުގައި މުބާރާތުގައި ވާދަކޮށްފައިވެ އެވެ. އާޔާ އާއެކު މުބާރާތުގައި މިއަހަރު ޝާޒު ވެސް އަންހެން އޯޕަން ބައިގައި ވާދަކުރާނެ އެވެ.
މުޅި އެކު 20 ގައުމަކުން 100 އަށްވުރެ ގިނަ ރާޅާއެޅުންތެރިން ވާދަކުރާ މި މުބާރާތް މި މަހުގެ 27 އާ ހަމައަށް ކުރިއަށް ދާނެ އެވެ.
މިދިޔަ އަހަރާ ހިލާފަށް މިއަހަރުގެ މުބާރާޓް ވެސް ހާއްސަ އެވެ. ސަބަބަކީ، މިއަހަރުގެ މުބާރާތުން، 2026 ވަނަ އަހަރު ބާއްވާ އޭޝިއަން ގޭމްސް އަށް ކޮލިފައިވުމުގެ ފުރުސަތު އޮތުމުންނެވެ.
މިއަހަރުގެ މުބާރާތަކީ ކޮލިފައިން އިވެންޓަކަށް ވުމުން ގިނަ ދިވެހި އެތުލީޓުން ބައިވެރި ކުރުމުގެ ފުރުސަތު ނުލިބުނު ނަމަވެސް، އޭއެސްއެފް އާއެކު ރާއްޖޭގެ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން މަޝްވަރާ ކޮށްގެން ރާއްޖޭގެ ފިރިހެން ދެ ޓީމެއް ބައިވެރި ކުރެވޭގޮތް ވަނީ ހަމަޖެހިފަ އެވެ.
އެއީ، ރާއްޖޭގެ 'އޭ' ޓީމަކާއި 'ބީ' ޓީމެކެވެ. ގޭމްސް އަށް ކޮލިފައި ވުމުގެ ފުރުސަތު އޮތީ އޯޕަން ބައިގައި ހިމެނޭ 'އޭ' ޓީމުގެ އެތުލީޓުންނަށެވެ.
ރާއްޖޭގެ ޓީމު 14 ރާޅާއެޅުންތެރިންނާ އެކު މިފަހަރުގެ މުބާރާތަށް ނުކުންނައިރު، ޓީމުގެ ހެޑް ކޯޗުގެ މަގާމުގައި ހުރީ، ކުރީ ދެ ޗެމްޕިއަންޝިޕްސްގައި ވެސް ރާއްޖެއަށް އޯޕަންސް ބައިން ބްރޯންޒް މެޑަލް ހޯދައިދިން، ރާއްޖޭގެ އެންމެ މޮޅު ސާފަރު ހުސެއިން އަރީފް (އިބޫ) އެވެ.
▪ ފިރިހެން އޯޕަން 'އޭ' ޓީމް: އަހުމަދު އާގިލް (ކެޕްޓަން)، ހޫދު އަހުމަދު، އިސްމާއިލް މިގްލާލް
▪ ފިރިހެން އޯޕަން 'ބީ' ޓީމް: ހަސަން ނާސިހް، އިސްމާއިލް ރަޝީދު (ސްމައިލީ)، އަހުމަދު ހިޝާމް ޝަހީމް
▪ އަންހެން އޯޕަން: އާޔާ ނަސީމް، ޝާޒިޔާ ސައީދު
▪ ފިރިހެން ޖޫނިއާ 'އޭ' ޓީމް: ސައްޔިދު ސަލާހުއްދީން (ކެޕްޓަން)، ޔަސިން އަހުމަދު ނާޝިދު، ޔޫސުފް ކަޔާން ހަމްދާން ޒަކީ
▪ ފިރިހެން ޖޫނިއާ 'ބީ' ޓީމް: ކަޔާން އަބްދުالله އަރީފް، އަހުމަދު ޒަޔާން، މުހައްމަދު އިނާން އަބްދުލް ހަންނާން