ޓީން ޗޮއިސް އެވޯޑްސް އަށް ޕްރިޔަންކާ ނޮމިނޭޓްވެއްޖެ
ޓީން ޗޮއިސް އެވޯޑްސް އަށް ޕްރިޔަންކާ ނޮމިނޭޓްވެއްޖެ

ބޮލީވުޑް ބަތަލާ ޕްރިޔަންކާ ޗޯޕްރާ މިހާރު ކުޅޭ އެމެރިކާ ސީރިޒް "ކުއަންޓިކޯ"ގައި އޭނާ އަދާކުރާ އެލެކްސް ޕެރިޝްގެ ރޯލުން 2016 ޓީން ޗޮއިސް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ އެވެ.

ޕްރިޔަންކާ، 33، އަށް މި އެވޯޑުގެ ފައިނަލް ނޮމިނޭޝަންސް ލިބުނީ "ޗޮއިސް ޓީވީ ބްރޭކްއައުޓް ސްޓާ" ކެޓަގަރީންނެވެ.

މި އެވޯޑަށް ނޮމިނޭޓްވުމުން ޕްރިޔަންކާ ކުރި ޓުވީޓުގައި އޭނާ އުފާވެފައިވާ މިންވަރު ބަޔާންކޮށްފައިވެ އެވެ. "ކުއަންޓިކޯ" ގެ ވާހަކަ ބިނާކޮށްފައި ވަނީ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސްގައި އަލަށް ބައިވެރިވާ ޒުވާން ގްރޫޕެއްގެ މައްޗަށެވެ. މި ގްރޫޕްގެ އެންމެން ތަމްރީނު ހަދަނީ ކުއަންޓިކޯ، ވާޖީނިއާގައި ހުންނަ އެފްބީއައި ޓްރޭނިން އެކަޑަމީގަ އެވެ.

ބައިނަލްއަގުވާމީ ތަރިއެއްގެ ގޮތުން ޕްރިޔަންކާ ކުޅުނު ފުރަތަމަ ޓީވީ ޝޯ "ކުއަންޓިކޯ" އިން މީގެ ކުރިން އޭނާއަށް ވަނީ ޕީޕަލްސް ޗޮއިސް އެވޯޑްސް 2016ގެ ނިއު ޓީވީ ސީރީޒްގެ ބައިން އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބިފަ އެވެ.

ޓީން ޗޮއިސް އެވޯޑްސް ދިނުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހު ލޮސް އެންޖަލިސްގަ އެވެ.