18 އޯގަސްޓް 2024 - 09:45

ލޯ ކުރިމަތީގައި ފެންނަން ހުރީ ތަރުތީބުން އަޅާފައިވާ ރީތި އުސް އިމާރާތްތަކާއި ފެހިކަން ގަދަ އެތައް ގަސްތަކަކާއި މޫދުގެ ސާފު ލޮނުގަނޑެވެ. އެ މޫދު ހުރަސްކޮށް އެއް ރަށް އަނެއް ރަށް ގުޅުވައިދޭ ހިތްގައިމު ބްރިޖުތަކާއި ބަލާލަން ހިތްގައިމު ޔޮޓް މެރީނާ އެވެ. ޔޮޓްތަކުން މުޅި ތަން އޮތީ ފުރާލައިފަ އެވެ. ލޮލަށް ފެންނަން ނެތަސް އެ ކަނޑުގައި ވަނީ އެތައް ދިރުންތަކަކާއި އަޑިން އަޅާފައިވާ ޓަނަލްތަކެވެ.

ޗައިނާގެ ސައުތުއީސްޓް ޕްރޮވިންސެއް ކަމަށްވާ ފުޖިއަންގެ ޝާމެން ސިޓީގެ ޓްރޭޑްމާކްގެ ގޮތުގައި ދެކޭ ވޫޔޯން ބޭ ނުވަތަ ބޭ އޭރިއާގެ އުސް އިމާރާތެއް މަތީ، ބޭރަށް ފެންނަން އޮތް ހިތްގައިމު މަންޒަރަށް ބަލަން އަހަރެން ގެއްލިފައި ހުއްޓާ މީހަކު ގައިގައި ކޮއްޓާލާފައި ސްކްރީނަކުން ދެއްކީ އިހުގެ ފޮޓޯއެކެވެ.

ފޮޓޯގައި އޮތީ ބޮޑު ޗަކަބިމެކެވެ؛ އެއްވެސް ރޫހެއް، ދިރުމެއް އަދި ގުދުރަތީ ރީތި ކަމެއް ނެތް ސަރާސަރު ބޮޑު ބިމެކެވެ.

"ތި ތަނަކީ އާބާދު ނުވާނެ ނޫނީ ނުކުރެވޭނެ ތަނެއްގެ ގޮތުގައި ލޭބަލް ކޮށްފައި އޮތް ތަނެއް،" ޝާމެން ސިޓީގެ ފޮރިން އޮފީހުގެ އޮފިޝަލަކު ފޮޓޯ އަށް އިޝާރާތްކޮށް ވިދާޅުވި އެވެ.

"އެކަމަކު މިހާރު ބަލާ..."

ތަރައްގީގައި ހޯދި ކުރިއެރުމަށް، ފަޚުރުވެރިކަމާ އެކު އޭނާ އަތުން ދެން އިޝާރަތްކޮށްލީ އަހަރެން ކުރިން ގެއްލިފައި ހުރި ހިތްގައިމު މަންޒަރަށެވެ. ވޫޔޯން ބޭ އެވެ!

ފޮޓޯގައި ފެންނަ ބޮޑު ޗަކަބިމަކީ މީގެ 24 ވަރަކަށް އަހަރު ކުރިން ވޫޔޯން ބޭ އޮތް ގޮތެވެ؛ އުއްމީދެއް ނެތި، ބޭނުންނުކޮށް ބާއްވާފައި އޮތް އެ ޗަކަބިން މިއަދު ޝާމެންގެ ޓްރޭޑްމާކްގެ ގޮތުގައި ތަރައްގީ ކޮށްފައި މިއޮތީ ވަރުގަދަ ދުރުރާސްތާގެ މާސްޓަޕްލޭނަކާ އެކު އެވެ. ދިރުމެއް ނެތި ބޮޑު ސަރަހައްދެއް ތަރައްގީ އާއި ތިމާވެށީގެ ރަމުޒަކަށް ބަދަލުކޮށްލީ، އެ މަޝްރޫއުން އެތައް ފިލާވަޅެއް ނެގޭ ފަދަ ނަމޫނާއަކުންނެވެ.

ފެންގަނޑު ދައުރު ނުވާ ގޮތަށް އޮތުމުން މުޅި ތަން ޗަކަގަނޑަކަށް ވެފައި އޮއްވައި އެކަން ބަދަލުކުރަން މޫދުން ބޮޑެތި ގާތައް ނެގި އެވެ. ފެން ދައުރުވާ ގޮތް ހަދައި، ބޭ އޭރިޔާއަކީ ދިރުންތަކުގެ މަންޒިލެއްގެ ގޮތުގައި ބަދަލުކޮށްލި އެވެ.

"ވޫޔޯން ބޭގެ ބަދަލުވުން ފެށުނީ 2000 ގެ އަހަރުތަކުގެ ކުރީކޮޅު، ޝާމެންގެ ފުޅާ ސިޓީ ތަރައްގީގެ ޕްލޭންގެ ބައެއްގެ ގޮތުގައި. ކުރިން ތަރައްގީ ނުވެ އޮތް މި ސަރަހައްދު، ސިޓީގެ ފާހަގަކޮށްލެވޭ ތަނަކަށް ހެދުމުގެ ތަސައްވުރު ލޯކަލް ސަރުކާރުން ދުށް. ރޭވުންތެރިކަމާ އެކު ޕްލޭން ކުރުމާއި ދެމެހެއްޓެނިވި ތަރައްގީގެ ޒަރީއާއިން، މި ބޭ ވަނީ ކުރިއަރަމުންދާ ވޯޓާފްރަންޓް ޑިސްޓްރިކްޓަކަށް ބަދަލުވެފައި،" ފުޖިއަން ޕްރޮވިންސްގެ ތާރީހު ދިރާސާ ކުރައްވާ ޖޯން ވެންގް ވިދާޅުވި އެވެ.

"މިއަދު، ވޫޔޯން ބޭ އަކީ ރައްޔިތުންނާއި ޓޫރިސްޓުން ދެކެން ބޭނުންވާ މަންޒިލެއް. އެ ތަނުން ގުދުރަތީ ރީތިކަމާއި މޮޑަން އިމާރާތްތަކާއި ދިރުން ހުރި ސިޓީއެއްގެ ދިރިއުޅުމުގެ ރީތި މަންޒަރު ފެންނާނެ."

ޝާމެން ސިޓީގެ ބޭ އޭރިއާއާ ގުޅޭ ގޮތުން އަހަރެންމެނަށް ދެއްކި ޕްރެޒެންޓޭޝަންގައި ބުނި ގޮތުގައި ވޫޔޯން ބޭގެ ތަރައްގީ އަކީ ޝާމެންގެ ޒަމާނީ ބަދަލުގެ ފާހަގަކޮށްލެވޭ މިސާލެކެވެ. ކުރީގައި މަސްވެރިކަމުގެ ކުޑަ ބަނދަރެއްގެ ގޮތުގައި އޮތް ވޫޔޯން ބޭ ވަނީ ޒަމާނީ ސިޓީ ސަރަހައްދަކަށް ބަދަލުކޮށްފަ އެވެ. މި ތަނުގައި އޮތީ ގުދުރަތީ ރީތިކަމާއި ޒަމާނީ ތަރައްގީ ގުޅިލާމެހި އެއްކޮށްލައިފަ އެވެ.

"މި ތަން ތަރައްގީ ކޮށްފައި ވަނީ ދިރިއުޅޭނެ ސަރަހައްދުތަކާއި ވިޔަފާރީގެ މަރުކަޒުތަކާއި މުނިފޫހިފިލުވުމުގެ ސަރަޙައްދުތަކާ އެކު، ގުދުރަތީ މާހައުލު ރައްކާތެރިކޮށް ބަލަހައްޓަމުން،" ޕްރެޒެންޓޭޝަންގައި ބުންޏެވެ.
ޕްރެޒެންޓޭޝަންގައި ދެއްކި މަންޒަރަކީ ހަމަ ހަގީގަތް ކަން އެ އުސް އިމާރާތުން ފައިބައިގެން ބަގީއެއްގައި ދުއްވާފައި ދިޔައިރު ޔަގީން ކުރެވުނެވެ. ހިޔާދޭ ބޮޑެތި ގަސްތަކުގެ ދަށުން ފެން ކޯރެއް ކައިރިން އަހަރެމެން ދެން ދިޔައީ ވޯޔޯން ބޭގެ ވެޓްލޭންޑް ޕާކަށެވެ. އެ ތަނަށް ގޮސް ވަނުމާ އެކު އެންމެ ފުރަތަމަ ވެސް ހިތްދަމައިގަތީ ފެންގަނޑުގެ ތެރޭގައި މަޖާކުރަމުން ދިޔަ ބްލެކް ސްވޯންތަކަށެވެ. މިއީ، ދިރިމެއް ނެތް ބޭ ތަރައްގީކޮށް ގުދުރަތީ މުއްސަނދި ތަނަކަށް ހަދަން ކުރި މަސައްކަތުގެ ތެރެއިން ފެންގަނޑުގައި އަލާކުރި ސްވޯންތަކެވެ. މިހާރު އެއީ އެތައް ބައިވަރު ބްލެކް ސްވޯނެއްގެ ވެއްޓެވެ. އެ ތަނުގައި ޓޫރިސްޓުންނަކީ އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންގެ ލޮލުގެ ފިނިކަމެވެ.
ހަމައެކަނި ބްލެކް ސްވޯންއެއް ނޫނެވެ؛ މި ސަރަހައްދުގައި އެތައް ވައްތަރެއްގެ ދިރުންތައް ވަނީ އާލާކޮށްފަ އެވެ. އެ ތަކެއްޗަށް ދިރިއުޅެވޭނެ ގޮތް ހަދައި، ވެށިތައް ވަނީ ހިމާޔަތް އެވެ. ބޯމަތިން އުދުހެމުން ދިޔަ ހުދުކުލައިގެ އީގްރެޓް ދޫނިތައް ވެސް ކިޔައިދެމުން ދިޔައީ އެ ވާހަކަ އެވެ. ދުނިޔެ އިން ނެތިގޮސްދާނެ ކަމުގެ ބިރު ހީވެފައިވާ އެތައް ދޫންޏެއްގެ ވެށި ވެސް އޮތީ މި ބޭ އޭރިޔާގަ އެވެ. އޭގެ ތެރޭގައި ބްލޫޓެއިލްޑް ބީއީޓާ ފަދަ ދޫނިތައް ފާހަގަކޮށްލެވެ އެވެ. ޝާމެންގެ ފަރުބަދަމަތީ ރަށެއް ފަޅަށް ދޫކޮށްލާފައި އޮތީ އެ ސޮރުމެންގެ ހާއްޔަށެވެ.
ޝާމެން އަކީ މުއްސަނދި ތާރީހެއް އޮތް ޖަޒީރާ ސިޓީއެކެވެ؛ ޓައިވާނާ ކައިރީގައި ރަށްތަކެއްގެ މައްޗަށް ބިނާވެފައި އޮތް ޝާމެން ސިޓީ ޗައިނާގެ މައި ބިމާ ގުޅާލާފައިވަނީ ބްރިޖުތަކުންނެވެ. މި ސިޓީގެ އަސްލު ފެށުނީ ކުއަންޒޯއިންނެވެ. އެއީ އިހުގައި "ދުނިޔޭގެ ވިޔަފާރި މަރުކަޒު" ގެ ގޮތުގައި މަޝްހޫރުވެފައިވާ ތަނެކެވެ. އެއީ ޗައިނާ އާއި ދުނިޔެއާ ދެމެދު ގުޅުވައިދޭ ދޮރާއްޓެކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން އައި ވިޔަފާރިވެރިން ކާބޯތަކެއްޗާއި ފަށުވި އަދި މަށި ތަކެތި ވިއްކައި އުޅުނުއިރު ވިޔަފާރީގެ ކުރިއެރުމާ އެކު، ޝާމެން ވެގެންދިޔައީ މުހިންމު މަންޒިލަކަށެވެ.
ބޭރުގެ ވިޔަފާރިއަށް ހުޅުވާލި ޗައިނާގެ ފުރަތަމަ ބަނދަރުތަކުގެ ތެރޭ ޝާމެން ހިމެނޭއިރު، އެ ތަން ބަދަލުވެގެން ދިޔައީ ޗައިނާގެ އާދަކާދަތަކާއި ހުޅަނގުގެ ނުފޫޒުތައް ފުރިހަމައަށް އެއްވެފައިވާ ސިޓީއަކަށެވެ. މިހާރު ޝާމެން ވެފައި ވަނީ އިގުތިސާދީ ގޮތުން ކުރިއަރާފައިވާ ސަގާފީ ތަރިކަ އާއި ރީތި ގުދުރަތީ މަންޒަރުތަކަށް މަޝްހޫރު ސިޓީއަކަށެވެ.
ޝާމެން ސިޓީއަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ތަރައްގީގެ ވިސްނުމާއި ތަސައްވުރު އުފަންވި ތަނުގެ ގޮތުގައި ބެލެވޭ ތަނެވެ. މި ސިޓީ މިއަދު ދެކޭ ތަރައްގީ ފެށިގެން އައީ ފުޖިއަން ޕްރޮވިންސްގެ ވައިސް ގަވަރުނަރުގެ ގޮތުގައި މަސައްކަތް ކުރެއްވި ދުވަސްވަރު އެކުލަވާލެއްވި ތަރައްގީގެ ބިޔަ މާސްޓަޕްލޭނާ އެކު އެވެ. ޝާމެން ސިޓީއަކީ އެ މާސްޓާޕްލޭންގެ ދަށުން ޝީ އެންމެ އިސްކަމެއް ދެއްވައިގެން ތަރައްގީ ކުރެއްވި ސިޓީ އެވެ. ވޫޔޯން ބޭގެ އިންގިލާބީ ބަދަލަކީ ޝީގެ މޭސްތިރިކަމެވެ.
ޖުމްލަ 43.78 އަކަ ކިލޯމީޓަރުގެ ސަރަހައްދަކާ އެކު، ޝާމެން ސިޓީގައި ގާއިމްކޮށްފައިވާ ޕައިލެޓް ފްރީ ޓްރޭޑް ޒޯނަކީ އިގުތިސާދީ ބޮޑު ކާމިޔާބީއެކެވެ. މީގެ އަހަރު ތަކެއް ކުރިން 2015 ވަނަ އަހަރު ފެށި މި ފްރީ ޓްރޭޑް ޒޯންގެ މަސައްކަތާ އެކު އެތައް އާ އުފެއްދުމަކާއި ވިޔަފާރިއަކާ އެކު ޝާމެން ސިޓީ ވަނީ އިހުނަށް ވުރެ މާ ބޮޑަށް ވެސް ކުރިއަރައިފަ އެވެ.
ޝާމެން ސިޓީގެ ވިޔަފާރިތަކުގެ އިތުރުން، ބޭރުގެ އެތައް ބޮޑެތި ބްރޭންޑްތަކާއި ވިޔަފާރިތައް ވަނީ ފްރީ ޓްރޭޑް ޒޯންގެ ބޭނުން ހިފައިފަ އެވެ. މި ތަނުގައި އިންވެސްޓް ކުރާ ވިޔަފާރިތަކަށް އެތައް ލުޔެއް ދެމުން އަންނައިރު، ފްރީ ޓްރޭޑް ޒޯންގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިއީ އިންވެސްޓް ކުރަން އޮތް އެންމެ ފަހި ތަނެވެ.
އޮފިޝަލުން ކިޔައި ދެއްވި ގޮތުގައި މި ފްރީ ޓްރޭޑް ޒޯންގައި ވިޔަފާރިތައް ރަޖިސްޓަރީކޮށް ހިންގަން ވަރަށް ފަސޭހަވާނެ އެވެ. ޓެކްސް އާއި ޑިއުޓީ އިން ބޮޑު ލުޔެއް ދޭނެ އެވެ. ފްރީ އެކްސްޗޭންޖް ރޭޓެއް ފައިސާ މާރުކުރުމަށް އޮތްއިރު، އެހެން ގައުމުތަކުގެ ފައިސާ އިން ވެސް މުއާމަލާތް ކުރެވެ އެވެ. އިންސާނީ ވަސީލަތްތަކާ އެކު، ވިޔަފާރީގެ ހުރިހާ ހިދުމަތެއް މި ޒޯނުން ފޯރުކޮށްދޭނެ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
އެ ބޭފުޅުން ވިދާޅުވީ، ދިވެހި ވިޔަފާރިވެރިންނަށް ވެސް ޝާމެންގެ ފްރީ ޓްރޭޑް ޒޯން އޮތީ ހުޅުވިފައި ކަމަށެވެ. ރާއްޖޭގެ އުފެއްދުންތައް އެ ތަނުގައި ރަޖިސްޓްރީކޮށް، އިޝްތިހާރުކޮށް ޗައިނާގެ ބާޒާރަށް ނެރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ. ރާއްޖޭން ސާމްޕަލް ފޮނުވައިގެން އެ އުފައްދައި، ބާޒާރަށް ނެރެމުގެ ފުރުސަތު ވެސް އޮތްކަން އެ ބޭފުޅުން ފާހަގަކުރެއްވި އެވެ.
މި ފްރީ ޓްރޭޑް ޒޯނަކީ ހުރިހާ ދިމާލަކުން ދުނިޔެއާ ގުޅިފައި އޮތް ތަނެކެވެ. ތަނުގެ އުމްރާނީ ވަސީލަތްތަކާ އެކު، ކަނޑާއި އެއްގަމާއި ވައިގެ އަދި ރޭލްވޭގެ ދަތުރުފަތުރާއި އަދި ކްރޫޒް އުޅަނދުތަކުގެ މައި ބަނދަރަކަށް ޝާމެން ވެފައި އޮތުމުން ފްރީ ޓްރޭޑް ޒޯންގެ ފައިދާ އެންމެ ފުރިހަމައަށް ހާސިލް ކުރެވެ އެވެ.
ޝާމެންގެ ފްރީ ޓްރޭޑް ޒޯންގައި އިންވެސްޓް ކުރަން އެތައް ފައިދާއެއް:
- ޗައިނާގެ މައި ބިމާއި ދުނިޔެއާ ގުޅުވައިދޭ މައި ދޮރޯށި
- މުހިންމު ބައިނަލްއަގްވާމީ ޝިޕިން ހަބެއް
- ޗައިނާގެ އެންމެ މަތީ ހަތަރު ކްރޫޒް ޝިޕް ހޯމްޕޯޓްތަކުގެ ތެރެއިން ޕޯޓެއް
- އެންމެ މަތީ ހަ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ހަބުތަކުގެ ތެރޭ ހިމެނޭ
- 187 ވައިގެ މަގު، 120 އަށްވުރެ ގިނަ ސިޓީތަކަށް ސީދާ ދަތުރުކުރެވޭ
- ހައިސްޕީޑް ރެއިލްވޭތައް: ހޮންކޮންގް ސްޕެޝަލް އެޑްމިނިސްޓްރޭޓިވް ރީޖަން އަށް ތިން ގަޑިއިރު؛ ޝަންހާއިއަށް ފަސް ގަޑިއިރު.
- އޮފްޝޯ ވިޔަފާރީގެ ޕައިލެޓް ސިޓީ.
- ޗައިނާގެ އެންމެ މަތީ ހަތަރު ބައިނަލްއަގްވާމީ ޝިޕިން ސެންޓަރުތަކުގެ ތެރެއިން އެއް ތަން.
ޝާމެންގެ އިގުތިސާދު އެންމެ ބޮޑަށް ބަރޯސާވަނީ ކަނޑާ ގުޅުން ހުރި ސިނާއަތްތަކަށެވެ. ދެހާސް ވިހި ވަނަ އަހަރު، ކަނޑުގެ އުފެއްދުންތެރިކަން (ޖީއޯޕީ) 21.7 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވެ އެވެ. މިއީ ސިޓީގެ ޖީޑީޕީގެ 22 ޕަސެންޓެވެ. މި އިގުތިސާދީ ރަށްތަކުގެ ބޮޑު ބައެއް ހިންގަނީ ޝާމެން ބަނދަރު މެދުވެރިކޮށެވެ.
ދެން އޮތީ ކަނޑުގެ އެކި އުފެއްދުންތަކެވެ. ޝާމެން އަށް ލިބިފައިވާ ކަނޑުގެ ސަރަހައްދުން އެކި ބާވަތްތައް ނަގައިގެން ތަފާތު ތަހުލީލުތައް އެކި އުފެއްދުންތައް އަންނަނީ ތައްޔާރު ކުރަމުންނެވެ. އެ ކަންކަން ދައްކާލުމަށް ޝާމެންގެ މެރިޓައިމް ޕަބްލިކް ސާވިސް ސެންޓަރަށް އަހަރެމެން ގެންދިޔަ އެވެ. ތަފާތު އެކި ބާވަތްތައް އެ ތަނުގައި ދައްކާލަން ބަހައްޓާފައި ހުރިއިރު، އެ ތަނުގެ އޮފިޝަލަކު ވަރަށް ފަހުރުވެރިކަމާ އެކު، 'ފިޝް އޮއިލް ކެޕްސިއުލް' ފުޅި ދައްކާލި އެވެ. އަދި ބުނެލި އެވެ. "އެއީ އެ މީހުންގެ އުފެއްދުންތަކުގެ ތެރެއިން އެންމެ މަގުބޫލް އުފެއްދުމެވެ."
މަހުގެ އެކި ބާވަތްތައް ބޭނުންކޮށް ތަފާތު އެކި ބޭހާއި ކޮސްމެޓިކްސް އަދި ކެއުމުގެ އެކި އުފެއްދުންތައް ތައްޔާރުކޮށްފައި ވެ އެވެ. އަމިއްލަ އަށް ތަހުލީލުކޮށް، އާ އުފެއްދުންތައް ގެނައުމަށް ވަރަށް ބޮޑު އިސްކަމެއް އެ މީހުން ދެ އެވެ. ބޮޑު އިންޑަސްޓްރީއެއްގެ ގޮތުގައި ދަމަހައްޓަން ތިބީ އަޒުމުގަ އެވެ.
ޗައިނާއަކީ ސީފުޑްގެ ބޮޑު މާކެޓަކަށް ވާއިރު، ސީފުޑްގެ ބައެއް ވައްތަރުތައް އާލާކުރުމުގެ މަސައްކަތް ވެސް ކުރެ އެވެ. އެކަމަށް ހާއްސަ ތަންތަން ވަނީ ގާއިމްކޮށްފަ އެވެ. ބޭރުގެ އެހެން ތަންތަން ޝާމެން ސިޓީގެ ބަނދަރަށް ގިނަ އަދަދެއްގެ ސީފުޑް އެތެރެކޮށް، ޗައިނާގެ އެހެން ސަރަހައްދުތަކަށް ފޯރުކޮށް ވެސް ދެ އެވެ.
"އަހަރެމެންގެ އޮތީ ނިސްބަތުން ވަރަށް ކުޑަ ކަނޑެއް، އެކަމަކު އޭގެ ބޭނުން އެންމެ ރަނގަޅަށް އެންމެ ނަފާވާނެ ގޮތަށް ހޯދޭތޯ އަހަރެމެން ބަލަން. ރާއްޖޭގެ ބިޔަ ކަނޑުގެ ފައިދާ ވެސް އެ ގޮތަށް ނެގޭނެ. މާބޮޑު ނަފާއެއް ހޯދޭނެ،" އޮފިޝަލަކު ވިދާޅުވި އެވެ.
"ޝާމެން ސިޓީއަށް އައިސްފި ނަމަ ކޮންމެހެން ވެސް ދާން ޖެހޭ މަންޒިލެއް މިއީ. މިއީ އަހަރެމެންގެ ފަހުރެއް، އަހަރެމެންގެ ތާރީހީ ތަރިކައެއް،" ޝާމެން ސިޓީގެ މައި ރަށް ކުރިމަތީ އޮތް ކުޑަކުޑަ ރަށަށް އިޝާރަތް ކޮށްލަމުން ފުޖިއަން ޕްރޮވިންސްގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭރު އަހަރެން އިނީ އެ ރަށާ ދިމާއަށް ބަލަހައްޓައިގެން ފެރީ ޓާމިނަލެއްގަ އެވެ. އެ ފެރީ ޓާމިނަލްގައި އޮތް ބޮޑު ފެރީއަކަށް އަރައި ދަތުރު ފެށިތާ ފަސް މިނެޓް ތެރޭ ގުލަންގްޔޫ އައިލެންޑަށް އާދެވިއްޖެ އެވެ.
ގުލަންގްޔޫ އައިލެންޑަކީ ފައިމަގުގައި އުޅެވޭ، ގާތްގަނޑަކަށް ދެ ކިލޯ މީޓަރުގެ ރަށެކެވެ. މިއީ ޔުނެސްކޯގެ ދުނިޔޭގެ ސަގާފީ ތަރިކައިގެ ތަނެކެވެ. ރަށުގައި ދިރިއުޅެނީ ގާތްގަނޑަކަށް 20،000 މީހުންނެވެ. ސަގާފީ އާސަރުތަކާއި ތަރިކައިގެ ތެރެއިން ރަށުގެ ފެހިކަމާއި ހިތްފަސޭހަކަން އަދި ސާފު ވައިން ހިތްފުރައިލަ އެވެ. ގުލަންގްޔޫ އަކީ ޗައިނާގެ އެންމެ މަގުބޫލު ޓޫރިޒަމްގެ މަންޒިލެވެ. އަހަރަކު 10 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އެ ތަނަށް ޒިޔާރަތް ކުރެ އެވެ.
ހަތަރު ފުރޮޅުލީ ވެހިކަލްގެ ވާހަކަ ބާއްވާށެވެ. މި ރަށުގައި ބައިސްކަލް ދުއްވުން ވެސް މަނަލެވެ. ހަމައެކަނި ފެނުނީ ދަތުރުތަކުގައި އިލެކްޓްރިކް ބަގީއެއް ދުއްވާ ތަނެވެ. އެ ވެސް ވަރަށް ހާއްސަ ހާލަތްތަކުގައި އެކަންޏެވެ.
ގުލަންގްޔޫ އައިލެންޑަކީ އިނގިރޭސީން ވަރަށް ގިނަ އަހަރު އިސްތިއުމާރު ކޮށްގެން އުޅުނު ތަނަކަށްވާ އިރު އޭގެ ނިޝާންތައް ފެންނަން ހުރެ އެވެ. ޔޫރަޕް ސައިޓްގެ އިމާރާތްތަކާއި ބޮޑެތި ވިލާތައް އެބަ ހުއްޓެވެ. ހިމާޔަތްކޮށްފައިވާ އެ ތަންތަނަކީ މިހާރު މިޔުޒިއަމްތަކެވެ. އެ ރަށުގައި 14 ގައުމެއްގެ ކޮންސިއުލޭޓްތަކެއް ހުއްޓެވެ.
މި ރަށަކީ މިޔުޒިކަށް ލޯބިކުރި ބަޔަކު އުޅުނު ތަނެކެވެ. ރަށް މަޝްހޫރުވެފައިވަނީ ވެސް "ޕިއާނޯ އައިލެންޑް"ގެ ގޮތުގަ އެވެ. ޗައިނާގެ އެހެން އެއްވެސް ތަނަކާ އަޅާބަލާއިރު އެންމެ ގިނަ ޕިއާނޯ ހުރި ތަނަކީ ގުލަންގްޔޫ އެވެ. ގާތްގަނޑަކަށް ކޮންމެ ފަސް ގެއަކުން އެއް ގޭގައި ޕިއާނޯއެއް ހުރި ކަމަށް ވެ އެވެ. އެކި ޒަމާންތަކުގައި ބޭނުންކުރި ޕިއާނޯތައް މިޔުޒިއަމްގައި ބަހައްޓާފައި ހުއްޓެވެ.
ޝާމެން ސިޓީގެ ތަރައްގީ އަދިވެސް އޮތީ ކުރިއަށެވެ. ހުއްޓުމެއް ފަސްޖެހުމެއް ނެތި ޒަމާނީ، އިންގިލާބީ ސިޓީއަކަށް ހަދައި، ދުނިޔޭގެ ސަފުގައި ގުނާލެވޭ ސިޓީއަކަށް ހެދުމަކީ އެ މީހުންގެ އަމާޒެކެވެ. އެ އަމާޒަށް ދިއުމަށް ހިންގާ އެންމެ ބޮޑު މަޝްރޫއަކީ އާ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތެވެ.
މިހާރު އިމާރާތްކުރަމުންދާ ޝާމެން ޝިއަންގާން އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް އިމާރާތުގެ ކޮންކްރީޓް ސްޓްރަކްޗާ އަޅާ ނިންމާފައިވާއިރު، މި އެއާޕޯޓު 2026 ވަނަ އަހަރު ހުޅުވޭނެ ކަމަށް ލަފާކުރެ އެވެ. މި ބިޔަ މަޝްރޫއުގެ މަސައްކަތުގައި ލޭބަރުންގެ އިތުރުން އެތައް ރޮބަޓުންނެއް ވެސް ހަރަކާތްތެރިވެ އެވެ.
އުއްމީދީ އާ އެއާޕޯޓް އަޅަނީ ވަކިން އޮންނަ ރަށެއްގައި ކަމަށް ވާއިރު، އެ ރަށާ އެހެން ރަށްތައް ގުޅާލަން ބްރިޖު އެޅުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެއާޕޯޓް އަޅަނީ ޓައިވާނާ ނުހަނު ގާތުގައި އޮތް ރަށެއްގަ އެވެ. މި މަޝްރޫއުގެ ކުރެހުން އޮތް ގޮތުން ޓައިވާނާ ވެސް ބްރިޖުން ގުޅާލަން ވަނީ ހިމަނައިފަ އެވެ. ނަމަވެސް، އެކަން އަދި އޮތީ ހަމައެކަނި ޕްލޭނެއްގެ ގޮތުގަ އެވެ. ޝާމެން ސިޓީގެ އުއްމީދަކީ މުސްތަގުބަލުގައި ގުޅުން ރަނގަޅުވެ، އެ ތަން ބްރިޖަކުން ޓައިވާނާ ގުޅުވާލުމެވެ.
ޝާމެން ސިޓީގެ މިހާރު ބޭނުން ކުރަމުން އަންނަ އެއާޕޯޓާއި ރާއްޖޭގެ މައި އެއާޕޯޓާ ދެމެދު ސީދާ ދަތުރުތައް މިދިޔަ މަހުގެ ތެރޭ ވަނީ ފަށައިފަ އެވެ. އެއާ އެކު، ޝާމެން ސިޓީގެ ޓޫރިސްޓުންނަށް ރާއްޖެ މިހާރު ވަނީ މަގުބޫލް މަންޒިލަކަށް ވެފަ އެވެ. އެ ސިޓީގެ އެދުމަކީ ދިވެހިންގެ މަންޒިލަކަށް ވެސް ޝާމެން ސިޓީ ހެދުމެވެ. ކޮންމެ ހަފުތާއެއްގެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ޝާމެން އެއާގެ ފްލައިޓުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިހާރު ޖައްސަ އެވެ.
ޗައިނާ އިން ރާއްޖެ އަށް ކަނޑައާފައިވާ ސަފީރު ވާންގް ލީޝިން ވަނީ ޝާމެން ސިޓީއާ ރާއްޖެއާ ދެމެދު ގުޅުންތައް ބަދަހި ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ޝާމެން ސިޓީ އާއި ލ. އަތޮޅާ ދެމެދު ސިޓީ ޓު ސިޓީ ޕާޓްނަޝިޕްގެ އުސޫލުން ގުޅާލަން ނިންމާފައިވާ ކަމަށް ސަފީރު ވިދާޅުވި އެވެ. މީގެ ފެށުމެއްގެ ގޮތުން ލ. އަތޮޅުގައި މެރަތަންއެއް ބާއްވަން ވެސް އަންނަނީ ތައްޔާރު ވަމުންނެވެ. ފުޖިއަން ޕްރޮވިންސް އޮފީހުން އޭގެ ތައްޔާރީތައް ބާރަށް ކުރިއަށް އެބަ ގެންދެ އެވެ.
މިއީ، ތަރައްގީ އާއި ތިމާވެށީގެ ލާމާސީލު މަންޒިލެއް ބަލާލައި، ތަޖުރިބާކޮށްލަން އަދި ވިޔަފާރީގެ ބޭނުންތަކަށް ވެސް ދިވެހިން ދަތުރުކޮށްލަން އެންމެ އެދެވޭ ތަނަކަށް މިހާރު ވަނީ ވެފަ އެވެ.