17 އޯގަސްޓް 2024 - 09:47

ކުރީގެ ވިޔަފާރިވެރިޔާ އަދި ރާއްޖޭގެ ސިޔާސީ ކަންކަމުގައި އިސްކޮށް އުޅުއްވި މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) ރޭ ނިޔާވެއްޖެ އެވެ.

އުމުރުން 76 އަހަރުގައި އޭނާ ނިޔާވީ ސްރީ ލަންކާގައި ހުންނަ އާސިރީ ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށެވެ. ބަލިވެ އުޅުއްވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
ޒާހިރަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތިލަފުށި ކޯޕަރޭޝަން ލިމިޑެޓް (ޓީސީއެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަން ކުރެއްވި ބޭފުޅެކެވެ.
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީ އުފެއްދުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޒާހިރަކީ 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިންގި މިނިވަން ބަހުސްގެ އިސް ބޭފުޅެކެވެ. އޭނާ އެމްޑީޕީގެ ލ. ފޮނަދޫ ދާއިރާގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ. އަދި އެ ޕާޓީގެ ގައުމީ މަޖިލިހުގެ މެމްބަރުކަން ވެސް ކުރެއްވި އެވެ. ނިޔާވުމާ ހަމައަށް ވެސް ސިޔާސީ ބައެއް ކަންކަމުގައި އުޅުއްވި އެވެ.
ފުޅާ ދާއިރާއެއްގައި ކުރިން ވިޔަފާރި ކުރެއްވި ޒާހިރަށް ވަނީ އިގްތިސާދީ މަސައްކަތް ކުރިއެރުމުގެ ރޮނގުން 1993 ވަނަ އަހަރު އާންމު ހިދުމަތުގެ ގައުމީ އިނާމު ލިބިވަޑައިގެންފަ އެވެ.
ޒާހިރަކީ ތަފާތު އެކިއެކި އިގުތިސާދީ މަސައްކަތް ރާއްޖޭގައި ކުރެއްވި ބޭފުޅެކެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ދޮންނަ ކުނޑި އާއި އެއާފްރެޝްނާ ކަހަލަ އެއްޗެހި ރާއްޖޭގައި އުފެއްދެވުމެވެ. އޭގެ ތެރޭގައި ހާޕިކް ލިކުއިޑް (ސާފް ލިކުއިޑް) އާއި ވިމް ޕައުޑާ (ތިރުނަ ޕައުޑާ) އާއި މޫނުގައި ޖަހާ ފުށް (ރެހެންދި ޓެލްކަމް ޕައުޑާ) އާއި ބްލީޗިން ލިކުއިޑް (ފަސޭހަ ލިކުއިޑް) އަދި އުއްބައްތި (ރީތިއަލި) ހިމެނެ އެވެ.
މަހުގެ ބާވަތްތަކާއި ހުއިފިލަނޑާ އެކްސްޕޯޓްކުރުމުގެ މަސައްކަތް ވެސް އޭނާ ކުރެއްވި އެވެ.
ޒާހިރު ނިޔާވި އިރު އޭނާގެ އަންބަކާއި ނުވަ ކުދިން ދުނިޔޭގައި އެބަތިއްބެވެ.