ދިވެހިންގެ އެއްވެސް ހުނަރުވެރިކަމެއް ނެތޭ، ހަމަ އެއްވެސް އޮރިޖިނަލް ކަމެއް ނެތޭ ކިޔަނީ ވެސް ދިވެހިންނެވެ. ދިވެހިން ދުވަހަކު ވެސް މޮޅެއް ނުވާނެޔޭ ލިޔަނީ ވެސް އަހަރެމެން ދިވެހިންނެވެ. އެހެންކަމުން އެ ހުރިހާ "ހާކާލިބުރުވާލި" ހިޔާލުތަކެއް އެއްފަރާތް ކޮށްލާފައި ދިވެހި އާޓިސްޓުންތަކެއް ސެލެބްރޭޓްކޮށް، އެ މީހުންގެ މަސައްކަތްތަކެއް ހޮވަމާ ހިނގާށެވެ.

ދިވެހި މި އުފެއްދުންތައް މިއަދު މި ވަނީ ބައިނަލްއަގުވާމީ ބާޒާރާއި އާންމުންގެ ސަމާލުކަން ވެސް ހޯދައިފަ އެވެ. އެހެންވީމާ، ދިވެހިންގެ އަތުން ގަންނަ ކަހަލަ ލިސްޓެއް ކިހިނެއް ވާނެ ހެއްޔެވެ؟

އެކަމަކު މަޑުކޮށްބަލާށެވެ. އެންމެންގެ ވެސް ހޮވުމަކީ ނުވަތަ ފެވަރިޓަކީ އޮއެވާލީގެ މި ހާއްސަ ފަށާއި ފުލެވެ. އެ މީހުންގެ މަންޓާރޭގެ ހިތްގައިމު ކުލަތަކެވެ. އެންމެ ފަހުން ބޭއްވި އޮލިމްޕިކްސްގެ ފިރިހެނުންގެ ޓެނިސް ކޯޓުގައި ތިން ވަނަ ހާސިލުކުރި އިޓަލީގެ ލޮރެންޓޯ މުސެއްޓީ އަކީ ވެސް އޮއެވާލިގެ މި ފަށު ފުލުގެ ފޭނެކެވެ. އޭނާ އޮލިމްޕިކްސްގައި ކުޅުނީ ވެސް އޮއެވާލީގެ މީގެ ފަށެއް ކަރުގައި އަޅައިގެންނެވެ.

އޮއެވާލީގެ މި އުފެއްދުން ހިތް އަތުލީ މުސެއްޓީގެ އެކަންޏެއް ނޫނެވެ. ދިވެހި އަންހެން ކުދިންގެ މެދުގައި ވެސް މިއަދު އެންމެ މަގްބޫލު އެއް ކަރުފަށަކީ އަދި އެ ފަށުގެ ފުލަކީ އޮއެވާލީގެ މި އުފެއްދުމެވެ. މިއީ 'ގަންނަ ކަހަލަ' ދަރަޖައިގެ އެންމެ މަތީ ލެވެލްގައި ފާސްވާ އުފެއްދުމެކެވެ.

ޓޮޑީ އިންކަކީ އަނެއްކާވެސް އޮއެވާލި ގޮތަށް ލޯކަލް ސްވެނިއާ ނުވަތަ ލޯކަލް އުފެއްދުންތަކުގެ މާރުކޭޓު 'ސްވެނިއާ' އިން މެއިންސްޓްރީމަށް ބަދަލުކޮށްދިނުމުގައި ވަރަށް މުހިންމު ރޯލެއް ކުޅެމުން އަންނަ ތަޖުރިބާކާރު ބްރޭންޑެކެވެ. އެ މީހުންގެ އެތައް އުފެއްދުންތަކެއް އާންމުންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާއިރު، ތިމާވެއްޓާ ރައްޓެހި ސިފަތަކާ އެކު އުފައްދާފައިވާ މި ފުޅި އަކީ ޔަގީނަށް ވެސް އެތައް ބައެއްގެ ފެވަރިޓެކެވެ. އެތައް ބޭނުމަކަށް، ގަންނަ ކަހަލަ އުފެއްދުމެކެވެ.

މުލައިގެ ހަޅަ އެރީ ތަންކޮޅެއް ފަހުން ކަމަށް ވިޔަސް މި އުފެއްދުން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި އެތައް ހަރުފަތެއް ކުރިއަށް ޖެހިލައިފަ އެވެ. ޓޭނިން އޮއިލް އާއި ސަންސްކްރީން ފަދަ އުފެއްދުންތަކުން ފަށައިގެން ގޮސް އާންމުންގެ ތެރޭގައި ވެސް މަގްބޫލުކަން ހޯދާފައިވާ މުލަ މޯލްޑިވްސްގެ އެންމެ ހިތްގައިމު އެއް އުފެއްދުމަކަށް ވެފައި ވަނީ އެމީހުން މިފަހުން ތައާރަފްކުރި އާޓިސްޓް ސީރީޒްގައި ހިމެނޭ މި ޑްރައި ބޭގްތަކެވެ. މިއީ ދިވެހި ލޯކަލް އާޓިސްޓުންގެ ކުރެހުންތަކުން ދިރުން އަޅުވައިގެން ގެނެސްދީފައިވާ ކޮލިޓީ ވެސް މޮޅު އުފެއްދުމެކެވެ.
ސްޓޮކް ހުސްވެފައިވާ ކަމަށް ވެބްސައިޓުން ދެއްކިޔަސް މިއީ ގަންނަ ކަހަލަ އުފެއްދުމެކެވެ. އޭގެ ސަޅި ކުލަތަކާއި ކުރެހުންތަކަށް އެކަނި ވެސް ފުދެ އެވެ.
ހުސެން ޔާމީނާއި އަޒްލީނާގެ "އޯގާ" އާންމުންނާ ހަމަ އަށް ނުކުތީ ކޮވިޑްގެ ވެސް މާ ކުރިންނެވެ. މިއީ ބާތު އެންޑް ބޮޑީ ބްރޭންޑެކެވެ. މި އުފެއްދުމުގެ ވާހަކަތައް އޭރު ކިޔައިދިން އިރު ވެސް ދެ މީހުންގެ ހުވަފެންތައް ވަރަށް ވެސް ބޮޑެވެ. މިއަދު ޔަގީނަށް ވެސް އެމީހުންގެ މި ބްރޭންޑާ އެކު އެ ހުވަފެނުގައި އެތައް ކުލައެއް ޖައްސައިފި އެވެ. ތިމާވެއްޓާ ރައްޓެހި އަދި އޯގޭނިކް އުފެއްދުމެއް ކަމުގައިވާ އޯގާ އަކީ އަނެއްކާވެސް، ހަމަ، ގަންނަ ކަހަލަ އުފެއްދުމެކެވެ.
މިއީ ޒުވާން ފަސް އަންހެނުން މާލޭގައި ހިންގާ ޒަމާނީ ރަން ރިހި ތަޅާ ގެއެކެވެ. މި ފަސް އަންހެނުން އައު ހަރުފަތްތަކެއް ގިރާކުރުން އެކަންޏެއް ނޫނެވެ. އެ މީހުންގެ ހުނަރުވެރިކަމުގައިވީ ޗާލުކަމުން މުޅި ރާއްޖޭގައި އޮފު އަރުވަނީ އެވެ. އެ މީހުންގެ ރަން ރިހީގެ ގަހަނާތައް ޒުވާނުންގެ ހަތަރެސްފައިގައި ވިދައި ބަބުޅަމުން އަންނައިރު ނުގަނެ ދޫކޮށްލަން ވާނެ ހެއްޔެވެ؟ ނޫނެކެވެ. މި ވެސް ގަންނަ ކަހަލަ ދިވެހިވަންތަ ދިވެހިންގެ އުފެއްދުމެކެވެ.