އިނގިރޭސި ވިލާތު މީހަކު "ސައިފް" އާ ރައްޓެހިވެއްޖެ
އިނގިރޭސި ވިލާތު މީހަކު "ސައިފް" އާ ރައްޓެހިވެއްޖެ

ލޯބިވެރިން ހޯދުމަށް ބޭނުންކުރާ މަޝްހޫރު އެޕެއް ކަމަށްވާ ޓިންޑައިން އިނގިރޭސި ވިލާތުގެ އަންހެނަކާ ދިމާވީ ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާނާ އެވެ. އުމުރުން 44 އަހަރުގެ މި މީހާ ހިތުން ރައްޓެހިވެގެން އުޅުނީ ސައިފްއާ އެވެ.

ހަގީގަތުގައި މި އަންހެންމީހާއާ ޓިންޑާއިން ރައްޓެހިވީ އެންޓޮނީ ޕޭ ނަމަކަށް ކިޔާ މީހެކެވެ. ނަމަވެސް އޭނާގެ ޕްރޮފައިލް ފޮޓޯއަކަށް ލާފައި އިންނަނީ ސައިފް އަލީ ޚާންގެ ފޮޓޯއެކެވެ. އެއީ ސައިފްގެ "ކަލް ހޯ ނަ ހޯ"ގެ މަންޒަރެކެވެ.

ފަޅާ އެރިއިރު މި ދެ މީހުން ރައްޓެހިވެގެން އުޅޭތާ 14 މަސް ދުވަސް ވެއްޖެ އެވެ. ބައްދަލު ވެސް ކުރި އެވެ. ރައްޓެހިވިތާ ތިން މަސް ފަހުން ބައެއްފަހަރު ބައްދަލުކުރި އިރު ވެސް އޭނާ އަކަށް ފިރިހެން މީހާގެ ސިފަޔާ މެދު ވިސްނުނު ކަމަކަށް ނުވި އެވެ.

އިންޑިއާ ޓައިމްސް އިން ބުނީ އެންޓޮނީއާ މެދު އޭން އަށް ޝައްކުވާން ފެށީ އޭނާއާ ބައްދަލުކުރަނީ ހާލަކުން ފަހަރަކު ކަމަށް ވާތީ އެވެ. އެހެންވެ ޝައްކުވެގެން އިންވެސްޓިގޭޓަރެއް ހޯދައިގެން ފާރަލާން ފެށީ އެވެ. ފަހުން އޭން އަށް އެނގުނު ގޮތުގައި އެއީ މީހަކާ އިނދެގެން ވެސް އުޅޭ މީހެކެވެ. އެކި މީހުންނާ ގުޅައި ބައްދަލުކުރުމަށް ސިއްރު ފޯނު ނަންބަރެއް ވެސް ގެންގުޅޭ ކަމަށްވެ އެވެ.

މަޖާ ކަމަކީ އެ މީހާ ހަމަ ހަގީގަތުގައި ވެސް ސައިފް އަލީ ޚާނާ ވަރަށް ވައްތަރު ކަމަށް އޭނާ ގަބޫލުކުރާތީ އެވެ.

މި މީހާ މޮޔަހެއްދީ ހަމައެކަނި އޭން އެއް ނޫނެވެ. އެހެން އަންހެނަކަށް ވެސް ހަމަ މިގޮތަށް ލަނޑުދިނެވެ. އޭން ވަނީ ޕެޓިޝަނެއް ތައްޔާރުކޮށްފަ އެވެ.