ޝުމްބާގެ ޝަރީއަތް އަހަރެއްހާ ދުވަސް ފަހުން ތާވަލް ކުރުމަށް ފަހު ކެންސަލްކޮށްފި
ޝުމްބާގެ ޝަރީއަތް އަހަރެއްހާ ދުވަސް ފަހުން ތާވަލް ކުރުމަށް ފަހު ކެންސަލްކޮށްފި

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ނުބާއްވާތާ އަހަރެއްހާ ދުވަސް ފަހުން، އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލް ކުރުމަށް ފަހު ކެންސަލްކޮށްފި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ ޝުމްބާގެ މައްޗަށް ދައުވާ ކުރަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒަށް ބިރު ދެއްކި ކަމަށް ބުނެ އެވެ. މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މިދިޔަ އަހަރުގެ މާޗް މަހުގަ އެވެ.

މި މައްސަލައިގެ ޝަރީއަތް ކުރިއަށް ނުދާތީ ޝުމްބާގެ އާއިލާ އިން ފާޑު ކިޔާފައި ވަނިކޮށް، ޝަރީއަތުގެ އަޑުއެހުމެއް ތާވަލް ކުރުމަށް ފަހު ކެންސަލްކުރީ ދައުލަތުގެ ހެކިން ހާޒިރު ނުކުރެވިގެންނެވެ. މިއަދު ބާއްވަން ތާވަލްކޮށްފައި އޮތީ ހެކިބަސް ނަގާ އަޑުއެހުމެކެވެ.

ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލާގައި ހޯދަން އިއުލާން ކުރުމަށް ފަހު ޝުމްބާ ހައްޔަރުކުރީ ސްރީ ލަންކާ އިންނެވެ.

ޝުމްބާ ހައްޔަރުކޮށް ރާއްޖެ ގެނައި ފަހުން މިއަދާ ހަމައަށް ވެސް އޭނާ ހުރީ ޖަލު ބަންދުގަ އެވެ.