28 ފެބުރުއަރީ 2017 - 11:15

ބްރިޖު ބަލަން އެޅި ޕްލެޓުފޯމުގައި ބަހައްޓާފައިވާ ދުރުމި ބޭނުންކޮށްގެން، ބްރިޖުގެ މަސައްކަތްތައް ބަލަން ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ސްޓްރާޑާ ކުންފުނިން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒާހިދު ރަމީޒު ވިދާޅުވި ގޮތުގައި ޕްލެޓްފޯމުގެ މަސައްކަތް ނިންމައި މިދިޔަ ހަފުތާގައި ހުޅުވިފަހުން ކޮންމެ ދުވަހަކު ވެސް ގާތްގަނޑަކަށް 500 މީހުން، ދުރުމި ބޭނުންކޮށްގެން ބްރިޖުގެ މަސައްކަތް ބަލާ ކަމަށެވެ.
"ޕްލެޓު ފޯމުން މީހުން ހުސްވާއިރެއް ނާދޭ، ވަރަށް ބޮޑު ތަރުހީބު ބޮޑު،" ޒާހިދު ވިދާޅުވި އެވެ.
ދުރުމި ބޭނުންކޮށްގެން ބްރިޖު ބެލެނީ ފަސް ރުފިޔާ އަށެވެ.
ސިޑިބަރިއެއް ހެން އިންނަ ޕްލެޓްފޯމާ އެކު އެތަނުގައި ވަނީ ކުޑަކުދިންނަށް ކުޅެވޭގޮތަށް ސަމާނު ވެސް ބަހައްޓައިފަ އެވެ. އެތަނުގައި ހަދަމުން އަންނަ ދެ ރެސްޓޯރަންޓު ވެސް އަންނަ މަހު ފަހުކޮޅު ހުޅުވުމުން މިހާރަށް ވުރެ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ޒާހިދު ވިދާޅުވި އެވެ.
"އެތަނުގައި ޕާކިންއަކާއި ސިނަމާއެއް ވެސް ހެދުމުގެ ވިސްނުން އެބަހުރި. އެ މަސައްކަތްތައް މިހާރު ކުރިއަށް އެބަދޭ،" ޒާހިދު ވިދާޅުވި އެވެ.
ލޮނުޒިޔާރަތްކޮޅުގައި ޕްލެޓްފޯމެއް ހަދަން ނިންމީ، ބްރިޖުގެ މަސައްކަތް ބަލަން ސައިކަލްތަކުގެ މަތީގައި މަޑުކޮށްގެން ތިބޭ މީހުންނަށް ފަސޭހައަކަށް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޕްލެޓްފޯމް ހިމެނޭ މަޝްރޫއުއަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ޒާހިދު ވަނީ ވިދާޅުވި އެވެ. އެތަނާއި ރެސްޓޯރެންޓް ހިންގަން ސްޓްރާޑާއާ ހަވާލުކުރީ ތިން އަހަރުގެ މުއްދަތަކަށެވެ.