ކުރީގެ އެއް ވަނަ ރެފްރީ މައްލާ ޅަތުއްތު އަވަހާރަވެއްޖެ
ކުރީގެ އެއް ވަނަ ރެފްރީ މައްލާ ޅަތުއްތު އަވަހާރަވެއްޖެ

ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ރެފްރީ އަދި ފީފާ ބެޖު ހާސިލްކުރި ފުރަތަމަ ދިވެހި ރެފްރީގެ ޝަރަފް ހޯއްދަވާފައިވާ މައްލާ ޅަތުއްތު އަވަހާރަވެއްޖެ އެވެ.

ކުރީގެ އެއް ވަނަ ރެފްރީ މައްލާ ޅަތުއްތު އަވަހާރަވެއްޖެ
ކުރީގެ އެއް ވަނަ ރެފްރީ މައްލާ ޅަތުއްތު އަވަހާރަވެއްޖެ

އޭނާ އަވަހާރަވީ ސިއްހީ ހާލު ދެރަވެ އިންޑިއާގެ ޓްރިވެންޑްރަމްގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން އަންނަނިކޮށް މިއަދު މެންދުރު އެވެ.

ރާއްޖޭގެ އެންމެ މަތީ ފަންތީގައި 1969 އިން 1995 އަށް ރެފްރީކަން ކުރެއްވި މައްލާ ފީފާ ބެޖުގައި ރެފްރީކަން ކުރެއްވީ 1990 އިން 1993 އަށެވެ.

މައްލާގެ އެންމެ ހާއްސަ އެއް މެޗަކީ، މާލޭން ބޭރުގައި ބޭއްވި ފުރަތަމަ ގައުމީ މުބާރާތް ކަމަށްވާ އައްޑޫ ހިތަދޫގައި 1970 ވަނަ އަހަރު އޮތް މުބާރާތުގެ ފައިނަލް މެޗެވެ. އޭގެ ފަހުން ގައުމީ އެތައް މުބާރާތަކާއި، އަތޮޅުތެރޭގެ އެތައް މުބާރާތްތަކަކަށް އިންސާފުކޮށްދެއްވި އެވެ. މީގެ އިތުރުން މައްލާ ވަނީ އޭޝިއަން ކްލަބް ޗެމްޕިއަންޝިޕާއި، ސާފް ގޭމްސް އާއި، ސްރީ ލަންކާގެ ފުރަތަމަ ޑިވިޝަނުގައި ވެސް ރެފްރީކަން ކުރައްވައިފަ އެވެ.

އޭނާ ވަނީ ވަރަށް ގިނަ ރެފްރީން ތަމްރީން ވެސް ކުރައްވައިފަ އެވެ. އެގޮތުން މައްލާގެ ފަހުން ރާއްޖޭގައި އެންމެ ފާހަގަކުރެވުނު ރެފްރީންގެ ތެރޭ ހިމެނޭ އަލީ ސަލީމާއި، އަހުމަދު އަބީރު އިސްމާއިލާއި، އަހުމަދު އަމީޒަކީ މައްލާ އުފެއްދެވި ރެފްރީންނެވެ.

ދިވެހި ކުޅިވަރަށް މައްލާ ކޮށްދެއްވި އަގުހުރި ހިދުމަތްތައް ބަލައިގަނެ ދިވެހި ސަރުކާރުން 2021 ވަނަ އަހަރު ވަނީ އޭނާ އަށް ޝަރަފްވެރިކަމުގެ އިނާމު ދީފަ އެވެ.

މައްލާއާ އެކު ރެފްރީކަން ކުރެއްވި އިބްރާހީމް އިސްމާއީލް ވިދާޅުވީ އޭނާ އަކީ ދިވެހި ކުޅިވަރުގެ ވަރުގަދަ ޝަހުސިއްޔަތެއް ކަމަށެވެ.

"މައްލާ އަވަހާރަވުމަކީ ދިވެހި ކުޅިވަރަށް ވަރަށް ބޮޑު ހިތާމައެއް. އޭނާ އަކީ ރާއްޖޭގެ ފުރަތަމަ ފީފާ ރެފްރީ. އެއީ އޭނާ އަށް އަބަދަށް އޮންނާނެ ޝަރަފެއް،" އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް ވިދާޅުވި އެވެ.

ސިފައިންގެ އިން ގައުމީ ހިދުމަތަށް ނުކުމެވަޑައިގެން އެސްޓީއޯގައި ވެސް ވަރަށް ގިނަ ދުވަހު މަސައްކަތްކުރެއްވި މައްލާ ދިވެހި ދައުލަތަށް 43 އަހަރު ކޮށްދެއްވި ހިދުމަތަށް ސަރުކާރުން ވަނީ 2022 ވަނަ އަހަރު ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ވެސް ދީފަ އެވެ.

މައްލާގެ ކުދިންގެ ތެރެއިން އިބްރާހީމް ފިރާޒް މޫސާ (ކުޑަމައްލާ) އަކީ ނިއު ރޭޑިއަންޓާއި، ވިކްޓްރީ، އަދި ވެލެންސިއާ އަށް ކުޅެފައިވާ ކުޅަދާނަ ޑިފެންޑަރެކެވެ. އަދި އައިމިނަތު ޝަހުރުނާޒް މޫސާ އަކީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ ތަމްސީލްކޮށްފައިވާ ހުނަރުވެރި ބެޑްމިންޓަން ކުޅުންތެރިއެކެވެ.

މައްލާ އަކީ ވެސް އެންމެ ކުރިން ފުޓްބޯޅަ ކުޅުންތެރިއެކެވެ. އެގޮތުން މާލޭ ޓެނިސް ކްލަބާއި، މޫން ސްޕޯޓްސް ކްލަބަށް ކުޅުއްވި އެވެ.

މައްލާ އަކީ ފަރުމާކުރުމުގެ ހުނަރުވެރިއެއް ވެސް މެ އެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ ރެފްރީޒް ބެޖް ފަރުމާ ކުރެއްވީ ވެސް އޭނާ އެވެ. އަދި 1982 ވަނަ އަހަރު އެފްއޭއެމް އުފެދުމުން އެ އެސޯސިއޭޝަނުގެ ލޯގޯ ވެސް ފަރުމާކުރެއްވެވި އެވެ.

އެފްއޭއެމްގެ ރެފްރީޒް ކޮމިޓީ ގިނަ ދުވަސްތަކެއް ވަންދެން ހިންގެވި މައްލާ ވަނީ އެފްއޭއެމްގެ ކުރީކޮޅު އެތަނުގެ އިދާރީ ހިންގުން ވެސް ބަލަހައްޓަވައިފަ އެވެ. މީގެ އިތުރުން އެފްއޭއެމްގެ ޗެއާމަންގެ އެޑްވައިޒަރުކަން ވެސް ކުރެއްވެވި އެވެ.