15 އޯގަސްޓް 2024 - 12:01

މި ފެށޭ ހަފުތާ ބަންދުގައި ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނީ މާދަމާ އަދި ހޮނިހިރު ދުވަހު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވަރަށް ވައިގަދަވެ، ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
މާލެއަށް އެންމެ ބޯކޮށް ވާރޭވެހޭނެ ކަމަށް ބެލެވެނީ މާދަމާ އެވެ.
އާންމުކޮށް ވައިޖެހެނީ 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވުރެ ވައިގަދަވުން އެކަށީގެންވެ އެވެ.
މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެތީ މެޓް އޮފީހުން ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.
އިއްޔެ އެންމެ ގިނައިން ވާރޭވެހުނީ ކ. ގާފަރަށެވެ. އެއީ 36.8 މިލިމީޓަރުގެ ވާރޭ އެވެ. އަދި އެންމެ ވައިބާރުވީ ހދ. ހަނިމާދު އާއި ހުޅުލެ އަށެވެ. އެއީ 47 މޭލުގެ ބާރުމިނުގަ އެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މާލެ އާއި ރަށްރަށުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ. މާލޭގައި ފަސް ގެއަކުން މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރަން ޖެހުނެވެ.
ވިއްސާރަކޮށް ކަނޑުތައް ވެސް ގަދަވާނެތީ މޫސުމަށް ހާއްސަ ސަމާލުކަމެއްދީ، ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ތިބުމަށް އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.