15 އޯގަސްޓް 2024 - 10:55

އިންޑިއާއާގެ ސަބަބުން ރާއްޖެ އާއި މި ސަރަހައްދަށް ވެސް ތަަރައްގީ އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ދުރްޕަތީ މުރްމޫއަށް ފޮނުއްވި ތަހުނިޔާގައި ރައީސް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުމުން ރާއްޖެ އާއި ސަރަހައްދަށް ވެސް ތަރައްގީ އާއި ކުރިއެރުން ލިބިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް މުސްތަގުބަލުގައި ވެސް ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމުން އެދޭ އަމާޒަށް ވާސިލުވެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގެ އެންމެ ކުރީކޮޅު ރާއްޖެ އާއި އިންޑިއާގެ ގުޅުން ކޮންމެވެސް ވަރަކަށް ހީނަރުވި ނަމަވެސް މިހާރު ވަނީ އެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ. އެގޮތުން މޯދީ ވެރިކަމުގެ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވި ރަސްމިއްޔާތަށް ވެސް ރައީސް ދާދިފަހުން ވަޑައިގަތެވެ. އަދި މިހަފްތާގެ ތެރޭގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖަައިޝަންކަރު ވެސް ރާއްޖެއަށް ވަޑައިގެން ވަނީ، އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރައްވައިފަ އެވެ. އެ ދަތުރުގެ ތެރެއިން ވަނީ އިންޑިއާއަށް ދައްކަން ޖެހޭ ލޯނުތައް ދެއްކުމުގައި ވެސް ލުއި ގޮތްތަކެއް ހަމަޖައްސައި ދެއްވައިފަ އެވެ.