14 އޯގަސްޓް 2024 - 18:40

މާފަންނުގައި ހުރި ގެއެއްގެ ނުވަ ވަނަ ބުރިން ވެއްޓުނު މީހާ މަރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ފުރަތަމަ ބުނީ، ކަސްޓަމްސް ކައިރީގައި ހުރި އިމާރާތެއްގެ މަތިން މީހަކު ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި އެ އިމާރާތުން ވެއްޓުނީ ދިވެހި އަންހެނެކެވެ. އޭނާ ވެއްޓިފައިވަނީ އެ ގޭގެ ނުވަ ވަނަ ބުރިންނެވެ.
އަންހެން މީހާ ވެއްޓިފައިވަނީ އެ ވަގުތު އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ މައްޗަށެވެ.
އޭނާ ވެއްޓުމާއެކު، އެތަނުގައި ތިބި އާންމުންގެ ބަޔަކު ވަނީ، އެ އަންހެން މީހާ އެ ޕިކަޕުގައި ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އޭގެފަހުން، ފުލުހުން ބުނީ މިއަދު މާލޭގައި ގެ އެއްގެ މަތިން ވެއްޓި މީހާކު މަރުވި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެ މީހާ މަރުވުމުން އާއިލާއަށް ލިބިފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި، އާއިލާގެ އިހުސާސްތަކަށް އިހުތިރާމުކޮށް، މަރުވި މީހާގެ ފޮޓޯ އާއި ހާދިސާގެ މަންޒަރުތައް މީސްމީޑިއާގެ ވަސީލަތްތަކުގައި ދައުރު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އެކަމަކު އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެ ނުވެ އެވެ.