14 އޯގަސްޓް 2024 - 14:36

ސިހުރު ހެދި ކަމަށް ބުނެ ހައްޔަރުކުރި އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމާއި އޭނާގެ ކޮއްކޮ ހައްވާ ސަނާ ސަލީމްއާ ދެކޮޅަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފި އެވެ.
ސިހުރު ހެދި ކަމުގެ ތުހުމަތުގައި ޝަމްނާޒާއި ސަނާ އަދި ހދ. ވައިކަރަދޫ، ހުސެއިން ސަމީރު ހައްޔަރުކޮށް ޖިނާއީ ތަހުގީގެއް ހިންގުމަށް ފަހު ދައުވާ ކޮށްދޭން ފުލުހުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވި އެވެ.
ނަމަވެސް، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މައްސަލާގައި ދައުވާ ނުކުރަން އެ އޮފީހުން ނިންމާފައިވާ ކަމަށާއި އެއީ އެމީހުންނާ ދެކޮޅަށް ހެކި ނެތުމުން ކަމަށެވެ.
ތަހުގީގަށް ތިން މީހުން ވެސް ހައްޔަރުކޮށް ބަންދުގެ މުއްދަތު ވެސް ޖެހި އެވެ. ނަމަވެސް، މިހާރު އެ މީހުން ތިބީ ކޯޓުން ދޫކޮށްލައިފަ އެވެ.
ޝަމްނާޒަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އެ ދެ ބޭފުޅުންގެ ދަރިން ވެސް ތިބިއިރު، މި ފަހުން ވަނީ ވަރިކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި، ޝަމްނާޒް ހައްޔަރުކުރި މައްސަލައިގައި ރަމީޒުގެ މައްޗަށް އެއްވެސް ތުހުމަތެއް ނެތެވެ.
ތަހުގީގު ކުރާ މީހުންގެ ތެރޭގައި ރަމީޒުގެ ނަމެއް ނެތެވެ. ނަމަވެސް، ރަމީޒު މިހާރު ހުރީ މަގާމުން ސަސްޕެންޑްކޮށްފަ އެވެ. އޭނާއާ އެކު ޝަމްނާޒު ވެސް ވަނީ ސަސްޕެންޑު ކޮށްފަ އެވެ.