14 އޯގަސްޓް 2024 - 11:26

މިއަދު ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ވަރު މަދުވިޔަސް، ރާއްޖޭގެ ބޮޑު ބަޔަކަށް ވައިގަދަވެ އަދި ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
ވައިގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް މިއަދު މެންދުރު ފަހު 2:00 އާ ހަމައަށް ޔެލޯ އެލާޓް ނެރެފަ އެވެ. ވައިޖެހޭނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެ އެވެ.
އިއްޔެ އެންމެ ވައިބާރުވީ ހުޅުލެއަށެވެ. ހުޅުލެއަށް ވިލާގަނޑުގައި އިއްޔެ ވަނީ 47 މޭލަށް ވައިބާރުވެފަ އެވެ.
ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރު ކުރާ މީހުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖޭގެ ބޮޑު ބަޔަކަށް މި ދުވަސްވަރު ދަނީ ވިއްސާރަކުރަމުންނެވެ. މި ވިއްސާރާގައި މާލޭގެ އިތުރުން ވަރަށް ގިނަ ރަށްރަށުގައި ވެސް ފެންބޮޑުވެ، ގެއްލުންތައް ވަނީ ލިބިފަ އެވެ.
ވިއްސާރައިގައި ގެއްލުން ލިބޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭގައި ވަނީ ހާއްސަ ޓާސްކްފޯހެއް ވެސް އުފައްދަވައިފަ އެވެ.