ކަންގަނާއާ އެކު މަސައްކަތްކުރަން ދެކޮޅެއް ނުހަދަން: ޝާހްރުކް
ކަންގަނާއާ އެކު މަސައްކަތްކުރަން ދެކޮޅެއް ނުހަދަން: ޝާހްރުކް

ސަންޖޭ ލީލާ ބާންސާލީގެ ފިލްމެއްގައި ކަންގަނާ ރަނާވަތާ އެކު މަސައްކަތްކުރަން ޝާހްރުކް ޚާން ދެކޮޅު ހެދި ކަމަށް އިންޑިއާގެ ނޫސްތަކުން ފެތުރި ޚަބަރު ޝާހްރުކް ދޮގުކޮށްފި އެވެ.

ނަމަވެސް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައި ވަނީ ބާންސާލީގެ ފިލްމުގައި ކަންގަނާ ބައިވެރިކުރަން ޝާހްރުކް ގަބޫލު ނޫން ކަމަށެވެ. އަދި ޝާހުރުކް މިގޮތަށް ވިސްނުން ހުރީ ދާދިފަހުން ކަންގަނާ ބައިވެރިވި "ކޮފީ ވިތު ކަރަން"ގެ އެޕިސޯޑެއްގައި އޭނާ ވަރަށް ގިނަ އެކްޓަރުންނަށް މަލާމާތްކޮށްފައި ވާތީ ކަމަށް ވެސް ނޫސްތަކުން ބުންޏެވެ.

ބޮލީވުޑްގެ އެންމެ ކުރީގައި އުޅޭ ތިން ޚާނުންގެ ތެރެއިން ކަންގަނާ އެންމެ މަސައްކަތްކުރާ ހިތް ވަނީ ކޮން ޚާނަކާ އެކުގައިތޯ ޝޯގެ ހޯސްޓް ކަރަން ޖޯހަރް ސުވާލުކުރުމުން ކަންގަނާ ބުނީ އެތަނުން އެކަކާ އެކު ވެސް މަސައްކަތްކުރަން ބޭނުން ނުވާ ކަމަށެވެ. އެއްވެސް ޚާނެއްގެ ބާރުގަދަކަމުން އޭނާގެ މަސައްކަތަށް ހިޔަނި އެޅެން ބޭނުން ނުވާކަމަށް ވެސް ކަންގަނާ ބުންޏެވެ. ކަންގަނާ ބުނީ ޚާން އަކާ އެކު މަސައްކަތްކުރުމުގެ ބޭނުމުގައި އޭނާއަށް ވަރުގަދަ ރޯލެއް ކުޅެން ނުލިބޭ ފިލްމެއް ކުޅެން ބޭނުން ނުވާ ކަމަށެވެ.

ކަންގަނާގެ މި ވާހަކައާ ޝާހްރުކް ވަރަށް ހިތްހަމަނުޖެހުނު ކަމަށްވެ އެވެ.

ބާންސާލީ ވަނީ ޝާހްރުކް ހިތްހަމަޖެހޭ ސްކްރިޕްޓެއް ޚިޔާރު ކުރުމަށްޓަކައި ދެ ފިލްމެއްގެ ސްކްރިޕްޓް ދީފަ އެވެ. އަދި އެއިން ޝާހްރުކް ޚިޔާރުކޮށްފައި ވަނީ ކަންގަނާ ނޫޅޭ ޕްރޮޖެކްޓް ކަމަށްވެ އެވެ.

ޑީއެންއޭ ނޫހުން ބުނީ ކަންގަނާއާ އެކު މަސައްކަތްކުރަން ޝާހްރުކް ބޭނުން ނުވުމުގެ އިތުރުން ބާންސާލީ ވެސް ކަންގަނާގެ ވާހަކަތައް އަޑުއަހާފައި އޭނާ ލައްވައި އެ ފިލްމުގެ މަސައްކަތް ކުރުވާކަށް މިހާރު ބޭނުމެއް ނުވެ އެވެ.

ޝާހްރުކް އާއި ކަންގަނާ ވެސް ތާރީހީ ހާދިސާތަކެއް ދައްކުވައިދޭ ބާންސާލީގެ ފިލްމެއް އެކުގައި ކުޅުމަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ކުރިން ބުނެފައިވެ އެވެ.