14 އޯގަސްޓް 2024 - 07:34

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ދިން ހަމަލާއެއްގައި އެއް އާއިލާގެ 10 މީހުން ޝަހީދުކޮށްލި އިރު އެ އާއިލާއިން ތިން މަހުގެ އަންހެން ކުއްޖެއް ސަލާމަތްވެއްޖެ އެވެ.
"ޚާން ޔޫނިސްގެ އިރުމަތީގައި އޮންނަ އަބަސާންގައި އިޒްރޭލުން ދިން ހަމަލާއެއްގައި އަބޫ ހާޔާ އާއިލާގެ 10 މީހަކު ޝަހީދުވި،" އޭއެފްޕީއަށް ވާހަކަ ދެއްކި މެޑިކަލް އޮފިޝަލަކު ބުންޏެވެ.
"އާއިލާއިން ސަލާމަތްވީ އެންމެ މެންބަރެއް. އެއީ ތުއްތު އަންހެން ކުއްޖެއް. ނަމަކީ ރިމް. އެ ކުއްޖާގެ އުމުރުން އެންމެ ތިން މަސް،" އޭނާ ބުންޏެވެ.
ހަމަލާގައި އެ ކުއްޖާގެ މަންމަ އާއި ބައްޕަ އާއި އެއްބަނޑު އެއްބަފާ އަށް ކުދިން ވެސް ޝަހީދުވެފައިވާ ކަމަށް އޮފިޝަލް ބުންޏެވެ.
ހަމަލާތަކުގައި ޝަހީދުވާ މީހުން އެ މީހުންގެ އާއިލާގެ މީހުން ދެނެގަތުމަށް އެއްވާ ތަނަކަށް ވެފައިވާ ނާސިރު ހޮސްޕިޓަލްގެ ތެރޭގައި އެ ތުއްތު ކުއްޖާ ކަޅުކުލައިގެ ފޮތިގަނޑަކަށް ލައިގެން އެތައް ބަޔަކު އުރައި ހިތާމަ ފާޅުކުރި އެވެ.
"މި ކުއްޖާ ނެގީ ގާތަކުގެ ތެރެއިން. މި ކުއްޖާގެ އާއިލާ އެއްކޮށް ނެތި ދިޔައީ. މި ކުއްޖާ ބަލާނީ ކާކު؟،" ކުއްޖާ އުރައިގެން ހުރި ޚާން ޔޫނިސްގެ މީހަކު ރޮމުން ވާހަކަ ދެއްކި އެވެ.
މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅޭ މީހުންނާއި މަންޒަރު ދުށް އާންމުން ބުނާ ގޮތުގައި އިއްޔެ ޣައްޒާގައި ވަނީ އިޒްރޭލުން ވަރަށް ގިނަ ތަންތަނަށް ހަމަލާ ދީފަ އެވެ. އޭގެ ތެރެއިން ބައެއް ހަމަލާތައް ވަރަށް ވަރުގަދަ ކަމަށް ވެސް ބުންޏެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށްވުރެ ގިނަ މީހުން މަރާލައި 251 މީހަކު ރަހީނުކުރުމާ އެކު އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ 39،929 މީހަކު އިއްޔެގެ ނިޔަލަށް ޝަހީދުވެފައިވެ އެވެ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ގިނަ އެވެ. -- އޭއެފްޕީ