ގާނޫނުއަސާސީ ދަނީ މުގުރަމުން، އޭގެ ބޭނުމެއް ނެތް: އިބޫ
ގާނޫނުއަސާސީ ދަނީ މުގުރަމުން، އޭގެ ބޭނުމެއް ނެތް: އިބޫ

ގާނޫނުއަސާސީގެ ބޭނުން ހިފޭ ތަން ނުފެންނަ ކަމަށާއި އޭގެ ބަދަލުގައި ފެންނަނީ ގާނޫނުއަސާސީ މުގުރާ ތަން ކަމަށް ހިންނަވަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

މަޖުބޫރުކޮށްގެން ޕީޕީއެމަށް މެމްބަރުން ވައްދާ ކަމަށް ބުނެ، މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން އިބޫ މިއަދު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައި އޮތް އެތައް ހައްގުތަކެއް ވަނީ ނިގުޅައިގެންފަ އެވެ. އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހުއްޓުމަކަށް ގެނެސް، ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ވަޒީފާގެ ބިރު ދައްކައިގެން ޕީޕީއެމަށް މެމްބަރުން ވެއްދުމަކީ ގާނޫނުއަސާސީން ކޮންމެ މީހަކަށް ލިބިދީފައި އޮތް ވަޒީފާ އަދާކުރުމުގެ ހައްގު ނިގުޅައިގަތުން ކަމަށެވެ.

"ގާނޫނުއަސާސީން ކަށަވަރުކޮށްދިން ނިޒާމު ފުނޑުފުނޑުވެގެން ގޮސްފައިވަނީ،" އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރައްވާ އިބޫ ވިދާޅުވި އެވެ.

ސަރުކާރުގެ މުވައްޒަފުން ޕީޕީއެމަށް ވެއްދުމަށް މަޖުބޫރު ކުރަމުންދާ ކަމީ ހަގީގަތެއް ކަމަށާއި ޕީޕީއެމަށް ނުވަދެއްޖެ ނަމަ، ވަޒީފާއިން ވަކި ކުރަމުންދާ ކަމަށް ވެސް އިބޫ ތުހުމަތުކުރެއްވި އެވެ. އަދި ޕީޕީއެމަށް ވަދެއްޖެ ނަމަ، ވަޒީފާ ހޯދައިދިނުމަކީ ކުރަމުން އަންނަ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕީޕީއެމް އަށް ވަނީމަ ކޯޓުގައި ހުރި މައްސަލަތައް މަޑުޖެހިގެން ދާ ތަން އެބަ ފެނޭ، މިއީ މިއަދުގެ ހަގީގަތް. ބަލިވެގެން އެހީއަށް ބޭނުންވެއްޖެނަމަ، ވަކި ޕާޓީއަކަށް ވަންނަން ވަނީ މަޖުބޫރުވެފައި. ސޯޝަލް ސެކިއުރިޓީގެ ގޮތުގައި އޮތް 800 މިލިއަން ރުފިޔާ ހަރަދު ކުރަނީ ވަކި ޕާޓީއެއްގެ ހަރަދުގެ ގޮތުގައި،" އިބޫ ވިދާޅުވި އެވެ.

މައްޗަންގޯޅީގެ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ގާނޫނުއަސާސީގައި އޮތްހާ މާއްދާއަކާ ހިލާފުވަމުންދާ ތަން ފެންނަމުންދާ ކަމަށެވެ.

ގާނޫނުއަސާސީގައި ސިޔާސީ ޕާޓީތައް އުފައްދައި ހިންގައި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވޭނެ ކަމަށް އޮންނާތީ، ސިވިލް ސާވިސް މުވައްޒަފުންނަށް މަޖުބޫރުކޮށްގެން ޕީޕީއެމަށް ސޮއިކުރުމަކީ ހަގީގަތެއް ކަމަށާއި ރާއްޖެ ވަނީ "ދާގަނޑެއްގެ" ތެރޭގައި ބަންދުވެފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ސްކޫލްތަކާއި އޮފީސްތަކާއި ތަންތަނަށް ވަދެ ވަޒީފާގެ ބިރު ދައްކައިގެން ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މަޖުބޫރުން ޕީޕީއެމަށް ސޮއިކުރުވާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި މި މަންޒަރާއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބު ހިނގާނެ ގޮތް ވަރަށް ސާފުކޮށް ފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވޯޓުލާ ކަރުދާސް ހިފައިގެން ވަޒީރަކު ހުންނާނެ، ވޯޓު ލާން ދާން އަންނަ މީހާގެ ފަހަތުގައި ބަޑި ޖައްސައިގެން ފުލުހަކު ހުންނާނެ. ވޯޓު ކަރުދާހުގައި އޮންނާނީ ހަމައެކަނި ރައީސް ޔާމީންގެ ނަން. ރައީސް ޔާމީންގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހަން މަޖުބޫރު ވާނެ. ރަނގަޅު ފާހަގަ ނުޖަހައިފިނަމަ ފުލުސް މީހާ ބަޑި ޖަހާނެ،" ރޮޒެއިނާ ވިދާޅުވި އެވެ.