12 އޯގަސްޓް 2024 - 21:45

އިންޑިއާގެ ވެސްޓް ބެންގަލްގެ ކޮލްކަތާގައި ހުންނަ ސަރުކާރު ހޮސްޕިޓަލެއްގައި، ދަސްކުރާ ޑޮކްޓަރެއްގެ ގޮތުގައި އުޅުނު އަންހެނަކު ރޭޕްކޮށް މަރާލާފައި އޮއްވައި ފެނުނު މައްސަލައިގައި ސަރުކާރު ހުރިހާ ހޮސްޕިޓަލްތަކެއްގެ ޑޮކްޓަރުން އިމަޖެންސީ ނޫން ހުރިހާ މަސައްކަތެއް ހުއްޓާލައި ހަޅުތާލު ފަށައިފި އެވެ.

އުމުރުން 31 އަހަރުގެ ރެސިޑެންޓް ޑޮކްޓަރުގެ ހަށިގަނޑު ހޮސްޕިޓަލްގެ ސެމިނާ ރޫމެއްގެ ތެރެއިން ހުކުރު ދުވަހު ފެނުނު އިރު ބޮޑެތި ޒަހަމްތަކެއް ހުއްޓެވެ. އޭނާ މަރާލާފައިވަނީ ރޭޕްކުރުމަށް ފަހުގައި ކަމަށް، އޮޓޮޕްސީ ހެދުމުން ވަނީ ކަށަވަރުވެފަ އެވެ.

އިންޑިއާގެ މީޑިއާއިން ބުނާ ގޮތުގައި "އާރްޖީ ކަރް މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލް" ގެ ކިއޫތައް ހަމަޖައްސައި ތޮއްޖެހުން ކުޑަކުރުމުގެ މަސައްކަތުގައި އުޅޭ ސިވިކް ޕޮލިސް ވޮލަންޓިއަރުންގެ މީހަކު ވަނީ މި މަރުގެ ތުހުމަތަށް މިހާރު ހައްޔަރުކޮށްފަ އެވެ.
އިމަޖެންސީ ނޫން ހުރިހާ މަސައްކަތެއް ވަކި މުއްދަތެއް ނެތް ގޮތަށް ހުއްޓާލައި، މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައި އެންމެ ފުރަތަމަ ހަޅުތާލުކުރަން ފެށީ ކޮލްކަތާގެ ސަރުކާރު ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނެވެ. ނަމަވެސް މިހާރު މުޅި އިންޑިއާގެ ސަރުކާރު ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން ވެސް ހަޅުތާލުގައި ވަނީ ބައިވެރިވާން ފަށައިފަ އެވެ.
އަންހެނުންނާ މެދު ހިންގާ ޖިންސީ ކުށުގެ މައްސަލަތައް އިންޑިއާގައި ވަރަށް އާންމެވެ. އާބާދީ 1.4 ބިލިއަނަށް އަރާ އިންޑިއާގެ 2022 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކޮންމެ ދުވަހަކު އެވްރެޖްކޮށް ރޭޕްގެ 90 މައްސަލަ ރިޕޯޓްކުރެ އެވެ.
އެކަމަކު ޑޮކްޓަރުން ބުނަނީ މި މައްސަލައިގެ އިތުރުން ޑޮކްޓަރުންނަށް އިތުރަށް ނުރައްކާ އޮންނަ ކަމަށެވެ. ބަލި މީހާގެ ހާލަތު ކިޔައިދިނުމުން، އާއިލާގެ މީހުން ޑޮކްޓަރުންނާ މެދު ހިތްހަމަނުޖެހި ރުޅިވެރިކަން ފާޅުކޮށް ހަމަނުޖެހުން ހިންގުން އާންމު ކަމަށް ޑޮކްޓަރުން ބުނެ އެވެ.
"ހޮސްޕިޓަލްތަކުގައި ސަލާމަތީ ކަންކަން ވަރުގަދަކޮށް، ސީސީޓީވީ ކެމެރާ ހަރުކުރަން ޖެހޭ،" ފެޑެރޭޝަން އޮފް ރެސިޑެންޓް ޑޮކްޓާސް އެސޯސިއޭޝަންގެ މެންބަރެއް ކަމަށްވާ ސަރްވޭޝް ޕާންޑޭ އޭއެފްޕީ އަށް ބުންޏެވެ.
އޭނާ ބުނި ގޮތުގައި ސިއްހީ ދާއިރާގެ މުވައްޒަފުންގެ ރައްކާތެރިކަމަށް އިތުރު ގާނޫނެއް ހެދުމަކީ ވެސް ހަޅުތާލުކުރާ ޑޮކްޓަރުންގެ ޑިމާންޑެކެވެ.
"ކޮންމެ ދުވަހަކު ވެސް ޑޮކްޓަރުންނަށް ހަމަލާތަކާ ކުރިމަތިވޭ،" އޭނާ ބުންޏެވެ.
އިންޑިއަން މެޑިކަލް އެސޯސިއޭޝަނުން ކުރި ސާވޭއަކުން ދައްކާ ގޮތުގައި އިންޑިއާގެ 75 ޕަސެންޓް ޑޮކްޓަރުންނަކީ މިފަދަ ކޮންމެވެސް ކަމަކާ ކުރިމަތިލާން ޖެހިފައިވާ މީހުންނެވެ.