12 އޯގަސްޓް 2024 - 05:38

މިދިޔަ ހޮނިހިރު ދުވަހު ފަލަސްތީިނުގެ ޣައްޒާގެ ސްކޫލަކަށް އިޒްރޭލުން ހަމަލާދީ ސަތޭކައެއްހާ މީހުން ޝަހީދުކޮށްލުމުން އަމާޒުވި ފާޑުކިޔުންތަކާ އެކު، މަރުވި މީހުންގެ ތެރޭގައި ހަނގުރާމަވެރިންގެ 19 މީހަކު ހިމެނޭ ކަމަށް ބުނެ ބަހަނާ ދައްކައިފި އެވެ.

"މި ވަގުތަށް ޔަގީންކުރެވިފައިވާ ގޮތުގައި ހަމާސް އަދި އިސްލާމިކް ޖިހާދުގެ، އެންމެ މަދުވެގެން 19 'ޓެރަރިސްޓުން' މީގެ ތެރޭގައި ހިމެނޭ،" ތާއިބީން ސްކޫލްގައި މީހުން ފަތިސް ނަމާދަށް ތިއްބާ ދިން ހަމަލާއާ ގުޅޭ ގޮތުން އިޒްރޭލުން ނެރުނު ބަޔާނުގައި ބުންޏެވެ.
އިންޓެލިޖެންސްގެ ތަހުގީގަކާ ހަވާލާދީ ކަމަށް ބުނެ އިޒްރޭލުގެ ބަޔާނުގައި ހަމާސް އާއި އިސްލާމިކް ޖިހާދުގެ މެންބަރުންތަކެއްގެ ނަން ވެސް ހިމަނާފައިވެ އެވެ.
އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް ހިޔާވަހިކަން ދޭ ސްކޫލްތަކަށް ހަމަލާ ދިނުމަށް ފަހު ކޮންމެ ފަހަރަކު ބުނާ ގޮތަށް މިފަހަރު ވެސް އިޒްރޭލުން ބުނީ ތާއިބީން ސްކޫލްގައި ހަމާސް އާއި އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިން އިޒްރޭލުގެ ސަލާމަތީ ބާރުތަކާ ދެކޮޅަށް ހަމަލާތައް ރާވައި އެކި އޮޕަރޭޝަންތައް ހިންގާ ކަމަށެވެ.
"ހަމަލާ ދިނީ ސީދާ އަމާޒަށް ފޮނުވާލި ތިން މިސައިލުން،" ބަޔާނުގައިވެ އެވެ. "ޓެރަރިސްޓުން ތިބި ތަނަށް މާބޮޑު ގެއްލުމެއް ވެސް ނުވޭ."
އެހެން ބަޔާނެއްގައި ބުނީ އިސްލާމިކް ޖިހާދުގެ އިސް ކޮމާންޑަރެއް ކަމަށްވާ އަޝްރަފް ޖޫދާ ވެސް ހަމަލާ އަމާޒުވި ތަނުގައި ހުރި ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށެވެ.
"އެކަމަކު މި ހަމަލާގައި އޭނާއަށް ކަމެއްވީ ކަމުގެ ސާފު މައުލޫމާތެއް ނެތް،" އިޒްރޭލުން ބުންޏެވެ.
އިޒްރޭލުން ބޮޑު ގަތުލުއާންމެއް ހިންގުމަށް ފަހު މި މޭރުމުން ބަޔާން ނެރެފައި ވާއިރު، މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ޓީމުތަކުން ބުނި ގޮތުގައި ހަމަލާގައި 93 މީހަކު ޝަހީދުވިކަން ކަށަވަރު ވާއިރު އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ. އަދި ގިނަ މީހުންގެ ހަށިގަނޑު ވަނީ ކުދިކުދި ވެފައި ކަމަށް ވެސް ބުންޏެވެ.
ހަމަލާ ދިން ތަނަށް މާބޮޑު ގެއްލުމެއް ވެސް ނުވާ ކަމަށް އިޒްރޭލުން ބުނާއިރު ފޮޓޯތަކުން ފެންނަ ގޮތުގައި، ދެ ބުރިއަށް ހުރި އިމާރާތުން ހަމަލާ އަމާޒުވި ބައި އޮތީ އެއްކޮށް ހަލާކުވެފަ އެވެ.