11 އޯގަސްޓް 2024 - 18:30

ފުލުހުންގެ ކޮންމެ ފިޔަވަޅެއް ނުވަތަ އަމަލަކީ ތިމަންނާގެ ހައްގެއް ނިގުޅައިގަތީ ކަމަށް ބެލުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށާއި އެހެންވެ ފުލުހުން މިހާރު ތިބީ "އެބިއުސް" ވާ ހިސާބަށް ގޮސްފައި ކަމަށް ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ "ރައްކާ" ރޯޑް ޝޯއަށް 10 އަހަރު ފުރުން ފާހަގަކުރަން ފުވައްމުލަކުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ކުރީ ޒަމާނުގައި ކުއްޖެއްގެ މައްސަލަ ރަށު އޮފީހާ ހަމައަށް ގޮސްފި ނަމަ، އެ ކުއްޖެއްގެ މަންމަ އަންނާނީ އިލޮށިފަތި ހިފައިގެން ކަމަށާއި ރަށު އޮފީހުން ނުކުމެ ދެތިން ފަހަރު ކުއްޖާގެ ގައިގާ އެއިން ޖަހާނެ ކަމަށެވެ.
ނަމަވެސް، މިހާރު ވަނީ ކަންކަން ވަރަށް ބޮޑަށް ބަދަލުވެފައި ކަމަށާއި މިހާރު ކުއްޖަކު ފުލުސް އޮފީހަށް ގެންގޮސްފި ނަމަ، ވީގޮތެއް ވެސް ރަނގަޅަށް ބަލައިނުލާ ބެލެނިވެރިން ދާނީ އެހެން ދެތިން ކޮމިޝަނަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"...އެއީ އެ ކުއްޖާގެ ކޮންމެ ވެސް ހައްގެއް ނިގުޅައިގަތް ކަމަށް ބަލާފައި. އަދި ވީނުވީއެއް ވެސް ޔަގީނެއް ނުވާނެ ގިނަ ފަހަރަށް. މިއީ އަޅުގަނޑުމެންގެ ސިކުނޑިތަކަށް އައިސްފައި ހުރި ބަދަލު. މި ބަދަލު އަނބުރާ ކުރީގައި އޮތް ގޮތާ ގާތަށް ރުޖޫއަވާން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
"ކޮންމެ ފުލުހަކު ކުރާ އެކްޝަނަކީ ތިމާ މީހާގެ ހައްގެއް ނިގުޅައިގަތީ ކަމަށް ބެލުމަކީ ވަރަށް ބޮޑު ގޯހެއް. އަޅުގަނޑު ނުދަންނަވަން ކޮންމެ ޕޮލިސް އެކްޝަނަކީ ހުރިހާ ހައްގެއް ކަށަވަރުވެފައިވާ ކަމެކޭ ވެސް. އެެހެންވެގެން ކޮމިޝަންތައް ހުންނަނީ ވެސް. އެކަމަކު އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ތަންކޮޅެއް ބޮޑަށް އެބިއުސްވާ ހިސާބަށް ގޮސްފައި ކަންނޭނގެ މި ތިބީ."
މިނިސްޓަރު ވިދާޅުވީ ގާނޫނު ނެގެހެއްޓުމަށްޓަކައި ކޮންމެ ވެސް ވަރެއްގެ އުނދަގޫތަކެއް އަންނާނެ ކަމަށާއި ގާނޫނާ ހިލާފުވާ ކުދިންނާއި މީހުންނަށް ފިޔަވަޅުތަކެއް ނޭޅި އިސްލާހު ނުވާނެކަން ގަބޫލު ކުރަންޖެހޭ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ނުކިއްސަރު މަގުންދާ ކުއްޖާ އިތުރަށް ރައްކާތެރިކުރަން ކަމަށް ބުނެ ބޮޑަށް އަމަލު ކުރެވެނީ ގޯސްކޮށް ކަމަށެވެ.